ބޭރުން ކުރާ ވައުދަކަށް ނުހެއްލި، ޓާމިނަލް ހިންގަންވާނީ ދިވެހީން: ފިރާގު
މިހާރު ވެސް ނާޒުކު ހާލަތެއްގައި އޮތް ރާއްޖޭގެ އޭވިއޭޝަން ދާއިރާ ދެމެހެއްޓުމަށް ޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ޓާމިނަލް ހިންގަންވާނީ، އެ މާކެޓު ރަނގަޅަށް ދަންނަ ދިވެހީން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިހާރު ހިންގަމުންދާ އެއާޕޯޓުގައި އައު ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ހޯދަން އެދި ދުބާއީގެ ޖެޓެކްސް ކުންފުނިން ހުށަހަޅައިފައިވާ ކަމަށާއި، ސަރުކާރުން އެ ހުށަހެޅުމާމެދު ވިސްނަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. މި ކަމާ ގުޅިގެން ފޭސްބުކްގައި ފިރާގު ވަނީ، ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޖެޓެކްސްއަކީ މި ދާއިރާގައި މަޝްހޫރުކަން ލިބިފައިވާ ބްރޭންޑަކަސް، އެއީ މާ ނުފޫޒުގަދަ ބްރޭންޑެއް ނޫން ކަމަށެވެ. އެ ގޮތުން އެ ކުންފުނިން އޮޕަރޭޓުކުރާ ކޮންމެ ލޮކޭޝަނަކުން ވެސް، ޚާއްސަކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ މާކެޓުތަކުގައި އެ ކުންފުނީގެ ހިއްސާ ކުޑަވަމުންދާ ކަމަށް ފިރާގު ވިދާޅުވިއެވެ. މިއީ ވަރަށް ވާދަވެރިކަން އޮންނަ ދާއިރާއެއްކަން ފާހަގަކުރައްވައި، އޭނާވަނީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ޖެޓް ޓާމިނަލް (އެފްބީއޯ) ނެޓްވޯކު، ޔުނިވާސަލް އޭވިއޭޝަނާއެކު މަސައްކަތްކުރިއިރުގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ. ފިރާގު ވިދާޅުވި ގޮތުގައި ޖެޓެކްސްއަކީ ގިނަފަހަރަށް ތާޑް ޕާޓީ އެފްބީއޯތަކުގެ ތެރޭގައި ހަމައެކަނި ޑެސްކެއް ބަހައްޓައިގެން ޚިދުމަތްދޭ ކުންފުންޏެކެވެ. ޕެރިސް އެލްބީޖީ، މަޔާމީ އޯޕީއެފް، ސިންގަޕޫރު ސެލެޓާ، އަދި ސައޯ ޕައުލޯ ޖީއާރުޔޫ ފަދަ ބޮޑެތި ހަބްތަކުގައި، ޖެޓެކްސް ޚިދުމަތްދެނީ، އިތުރު ފަރާތެއް މެދުވެރިވެގެން ސެކަންޑަރީ ފެސިލީޓިތަކެއްގައެވެ. މި ފަދަ އެތައް އެއާޕޯޓެއްގައި ސިގްނޭޗާ، ޖެޓް އޭވިއޭޝަމް، ޔުނިވާސަލް އަދި އެހެނިހެން ވަރުގަދަ އެފްބީއޯތަކުގެ ބޮޑު ހިއްސާއާއެކު، ޖެޓެކްސްގެ ޚިދުމަތްތައް ފަނޑުވެގެންދާ ކަމަށް ފިރާގު ވިދާޅުވިއެވެ. ރާއްޖޭގައި ޖެޓުތަކަށް ޚިދުމަތް ދެމުން އަންނަ ދިވެހި ކުންފުނިތަކުން އަހަރަކު އެމްއޭސީއެލަށް 20 މިލިއަން ޑޮލަރު ހޯދައިދޭއިރު، ޖެޓެކްސްއަށް ހޯދެނީ އެއް މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ގައުމިއްޔަތާގުޅޭ މައްސަލައެއް ނޫން. މިއީ ވިސްނުންތެރި އިގުތިސާދީ ސިޔާސަތަކާއި، މިހާރު ވެސް ނާޒުކު ހާލަތެއްގައިވާ އަޅުގަނޑުމެންގެ އޭވިއޭޝަން ދާއިރާގެ ބައެއް ދެމެހެއްޓުމާ ގުޅޭ މައްސަލައެއް. ސީއައިޕީ ޓާމިނަލް ހިންގަންވާނީ ދިވެހީން. އަޅުގަނޑުމެންގެ މާކެޓް ދަންނަ، އުނދަގޫ ދަނޑިވަޅުތަކުގައި ވެސް މިތާ ތިބެ، އަދި މި ތަނަށް އަލުން އިންވެސްޓްކުރާ ކުންފުނިތައް،" އޭނާ ވިދާޅުވިއެވެ. ފިރާގު ވިދާޅުވާ ގޮތުގައި ވީއައިޕީ ޓާމިނަލް ޖެޓެކްސްއާ ހަވާލުކުރުމަކުން ވިސްޓާޖެޓް، ނެޓްޖެޓްސް، ނުވަތަ ގްލޯބަލް ޖެޓް ފަދަ އެންމެ މަތީ ފަންތީގެ ޖެޓް އޮޕަރޭޓަރުން އައުން ރާއްޖޭގައި އިތުރެއް ނުވާނެއެވެ. އެއީ މި އޮޕަރޭޓަރުންގެ ތެރެއިން ގިނަ ފަރާތްތަކުން ޖެޓެކްސްއިން ހިންގާ ޓާމިނަލްތަކަށް ދިއުމަށް އިންކާރުކުރާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެކަނި ބްރޭންޑިންއަށް ނުވަތަ ބޭރުގެ ފަރާތްތަކުން ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް، މިހާރު ރަނގަޅަށް މަސައްކަތްކުރަމުން އަންނަ ނިޒާމެއް ދޫކޮށްނުލުމަށް އޭނާ އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާ ބިނާކުރަންވާނީ ދިވެހީންނަށް ޓަކައި، ދިވެހީން ކަމަށެވެ. ވީއައިއޭގެ ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ޚަބަރު ފެތުރިފައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި އެމްސީއެލްގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން، އެ ކުންފުނިން ބުނެފައިވަނީ އެފަދަ ޕްރޮޕޯޒަލެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26ގައި ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ