ކޭޕާކް މައްސަލަ ހައްލުކުރުން އެޗްޑީސީން ލަސްކުރަނީކަމަށް ބުނެ މަޖިލީހަށް ޕެޓިޝަނެއް
ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައަށް އިންސާފު ނުލިބި ދިގުލާތީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. އާންމުންގެ ފަރާތުން 50 ސޮޔާއެކު އިބްރާހީމް ނަސީމް ރިޒާގެ ނަމުގައި ހުށަހަޅާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން، ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޒިންމާ ނަގަން އިންކާރުކޮށް، މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ކޭޕާކް ރެޒިޑެންސާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ކަމަށާއި، ނަމަވެސް ދެ އަހަރު ވީއިރު މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް، އެ ސިޓީގައި ބުނެފައިވެއެވެ. އެހެންވެ މިކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް އާއިލާއަކަށް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މާލީ، ގާނޫނީ އަދި ނަފުސާނީ ދަތިތަކާ އާއިލާއިން ކުރިމަތިލާން ޖެހިފައިވާ ކަމުގައި އެ ސިޓީގައި ވެއެވެ. ނަމަވެސް، އެޗްޑީސީގެ ޒިންމާ ސީދާ ކުޑަ މަޝްރޫއެއް ކަމަށްވާ ޖާހު އިންވެސްޓްމެންޓް ކުންފުނީގެ "ދަ ގާޑަންސް" ފަދަ މަޝްރޫއުތަކަށް އެ ކޯޕަރޭޝަނުން އެހީތެރިކަންދޭ މަންޒަރު ފެންނަ ކަމަށް، އެ ސިޓީގައި ބުނެފައިވެއެވެ. "ކޭޕާކްގެ މައްސަލަތަކަކީ އެޗްޑީސީގެ އަމިއްލަ ގޯސްތަކުން ދިމާވެފައިވާ މައްސަލައެކެވެ. މީގެ ތެރޭގައި ހިމެނެނީ ބިން ދޫކުރުމުގައި ހުރި މައްސަލަތަކާއި، ރެގިއުލޭޓަރީ ބެލުން ނެތުމާއި ޒިންމާދާރުކަމެއް ނެތި ތަކުރާރުކޮށް ސުންގަޑި ފަސްކުރަމުން ދިއުމެވެ." އެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ތިން ކަމަކަށް އެދިފައިވެއެވެ. އެއީ: ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި އެޗްޑީސީން ހައްލެއް ހޯދައިދިނުން ލަސްކުރަމުން ދާތީ އެކަން ތަހްގީގުކޮށްދިނުން މި މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރުކުރުން ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ލިބުން ލަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ގާނޫނުން ލިބިދޭ ހައްގުތައް ހިމާޔަތްކޮށް އަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް މަގުފަހިކޮށްދިނުން ރައްޔިތުންގެ މަޖިލީހަށް މި ޕެޓިޝަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. ކުޑޫ މަޖިލީހަށް މިއަދު މި ޕެޓިޝަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް މި މައްސަލަ ބަލަން ފަށާފައިވަނިކޮށެވެ. ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023ވަނަ އަހަރު ބުނެފައި ވަނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށެވެ. އެ ތުހުމަތުތައް ރައްދުވީ އެ ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)އަށެވެ. ކޭޕާކުގެ މައްސަލަ ހަންބޯ ކުންފުންޏާއެކު އެޗްޑީސީން ވަނީ ފުލުހަށް މީގެ ކުރިން ހުށަހަޅައިފައެވެ. އަދި ކޭޕާކު ރެޒިޑެންސްގެ ފްލެޓުތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިއުންތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން މަމްދޫހާއި އޭނާ އާ އެކު މަސައްކަތްކުރި ކަމަށް ތުހުމަތުވާ ޖައިޝާން ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30ގައެވެ. އެ މައްސަލައިގައި ދައުލަތުން މަމްދޫހުގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ، އަދި ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެއެވެ. ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަމްދޫހު މިވަގުތު ހުރީ ޖަލުބަންދުން ދޫކޮށްފައެވެ. ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައިނުވެއެވެ. މީގެ އިތުރުން އެ ފަރާތްތަކުން ތަފާތު އިދާރާތަކާއި ކޯޓުތައް މެދުވެރިކޮށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ