ބާރަށް ދިޔަ ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގައި މިއަދު ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން "ސަން"އަށް މައުލޫމާތު ދެމުން ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހުނު މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ އެކްސިޑެންޓަށް ފަހު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، މަގުމައްޗަށް ވަރަށް ބޮޑަށް ލޭ ފައިބައިފައިވާ މަންޒަރު ފެނެއެވެ. އަދި ޕިކަޕަށް ގެއްލުންވެފައިވާއިރު، ކައިރީގައި ސައިކަލުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ވެސް އޮތް މަންޒަރު ފެނެއެވެ. އައިޖީއެމްއެޗަށް ގެންދިޔަ މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ތަފުސީލު މިހާތަނަށް އެ ހޮސްޕިޓަލުން ލިބިފައިނުވެއެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ