އެމްއޭސީއެލް އިން ދޭން އުޅޭ ސަޕްރައިޒަކީ ރައްޔިތުންގެ ފައިސާ އެންދުން ނޫންބާ؟ އެމްއޭސީއެލް އިން ދޭން އުޅޭ ސަޕްރައިޒަކީ ރައްޔިތުންގެ ފައިސާ އެންދުން ނޫންބާ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން އަސްލު ހިނގާނެ ހަރަދަށް ވުރެ އެތައް މިލިއަން ރުފިޔާ ބޮޑުކޮށް ހޭދަކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ ހަރަދު ވެސް ހާމަނުކުރާތީ އޮހެމުން ދިޔަ ފާޑުކިޔުންތައް ފަނޑުކޮށްލެވޭނެ ވާހަކައެއްގެ ގޮތުގައި ނޫހެއް މެދުވެރިކޮށް އެމްއޭސީއެލްއިން ބުނެލީ ރައްޔިތުންނަށް ތާރީހީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ރާއްޖޭގައި ނުފެންނަ ވަރުގެ ހަވާއެރުވުމާއި އޭގެ އިތުރުން ޑްރޯން ޝޯ އާއި އަދިވެސް ސަޕްރައިޒިން އިވެންޓްތައް ކުރިއަށް ގެންދާނެ،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އިގުތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ބޭކާރު ހަރަދު ބޮޑުވެ, މާލީ ހާލަތު އިންތިހާ އަށް ދަށްވެ، ބަނގުރޫޓު ވެދާނެ ކަމުގެ ބިރުވެރިކަމުގައި އޮތްއިރު، އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތުން އަންދާޒާ ކުރެވެނީ، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ހަރަދު ކޮށްލާ ކަމަށެވެ.
އެކަން އެމްއޭސީއެލްއިން ދޮގެއް ނުކުރެ އެވެ. އަދި ހަރަކާތްތަކާ ގުޅޭ ހަރަދުގެ އެއްވެސް މައުލުމާތެއް ނުދެ އެވެ.
ސަރުކާރާއި އެމްއޭސީއެލްއިން ދޭން އުޅޭ ސަޕްރައިޒުއަކީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް އަންދާލުން ކަމަށް ގަބޫލުކޮށް، ގިނަ ބައެއް އެކަމަށް ދަނީ ފާޑުކިޔަމުންނެވެ.
ދިވެހީންގެ 60 ވަނަ މިނިވަން ދުވަސް ބައްދަލުކުރާއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އަރާފައި ހުރީ ދިވެހިރާއްޖޭގެ މިވީ ދިގު ތާރީހުގައި ދުވަހަކުން ވެސް މައްޗަށް ނުދާ ވަރަކަށެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އެ މީހުންނަށް ގިނަ އަދަދަކަށް ޑޮލަރު ލިބެނީ، ޑޮލަރެއް 20.20ރ. އަށެވެ.
ރައީސް މުއިއްޒު ތައާރަފުކުރި ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސިޔާސަތަށް ފަހު ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މައްޗަށް އުފުލި، މުދަލުގެ އަގު ބޮޑުވެ، އާންމު ރައްޔިތުންގެ ޖީބަށް ވަނީ ބާރުބޮޑުވެފަ އެވެ.
މިފަދަ ހާލަތަކަށް ގައުމު ވެއްޓި، ގޯހުން ގޯހަށް ކަންކަން ދަމުންދާ ދަނޑިވަޅެއްގައި މިނިވަން ފަސްދޮޅުހާއި އެއާޕޯޓު ހުޅުވުމަށް ދޭން އުޅޭ ސަޕްރައިޒަށް ފާޑުކިޔައި ފޭސްބުކްގައި ޒަޔާން ކިޔާން މީހަކު ލިޔެފައި ވަނީ "ޑޮލަރުގެ އަގު 25 ރުފިޔާ އަށް އަރުވައިލުމަކީ ރަނގަޅު ސަޕްރައިޒަކަށް ވާނެ" ކަމަށެވެ.
އެހެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އާމިނަ އަންކޯ ކިޔާ ހޭންޑަލްއަކުން ބުނެފައި ވަނީ އެއާޕޯޓު ހުޅުވާތީ ބާއްވާ ޝޯގައި "ޑޮލަރުގެ އަގު ބޮޑެއް ނުވޭ" ޖަހާލާފައި ސަޕްރައިޒް ދޭން ރަނގަޅު ކަމަށެވެ.
މަލާމާތް އެކުރީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރުމުގެ ގޮތުންނެވެ.
އިބްރާހިމް ޒިޔާދު ނަމުގައި ފޭސްބުކްގައި ކޮމެންޓުކޮށްފައިވާ މީހަކު ބުނެފައި ވަނީ "ރައްޔިތު މީހާ، އަތާއި އަނގަޔާ ދިމާނުވިޔަސް ލާރިތައް ތަޅައިބުރުވަނީ" ކަމަށެވެ.
"ސަޕްރައިޒަކީ ހަމަ ކަރަންޓު ބިލް ބޮޑުކޮށްލުން،" ރަހުމާ އީސާ ބުނެފައިވެ އެވެ.
އާމިނަތު މުހައްމަދު ފާސްބުކްގައި ކޮށްފައިވާ ކޮމެންޓުގައި ބުނެފައި ވަނީ ބޮޑު ހަރަދުކޮށްފައި ހަވާ އެރުވުމަށް ވުރެ ރަށްރަށުގެ އަސާސީ ހިދުމަތް ތަރައްގީކޮށް ދިނިއްޔާ ރައްޔިތުން ޝުކުރުވެރި ވާނެ ކަމަށެވެ.
އަޑުފެތުރިފައިވާ ގޮތަށް އެއާޕޯޓުގެ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭ ކަންކަމަށް 90 މިލިއަން ރުފިޔާ ހަރަދުކުރާނަމަ، އެއީ އެތައް ރަށެއްގައި ނުކުރެވި ހުރި މަސައްކަތް ފުރިހަމަ ކުރެވޭނެ ފައިސާ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ގިނަ ރަށްތަކެއްގެ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، މުސާރައިގެ ހޭދަ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުކޮށްފި އެވެ. އާސަންދަ ނުލިބިގެންނާއި ބޭސް ނުލިބިގެން ސަލާން ޖެހުން ވަނީ އިތުރުވެފަ އެވެ.
އެހެންވެ، އިސްމާއީލް ޝަހީމް ނަމުގައި ކޮމެންޓުކޮށްފައިވާ މީހަކު ބުނީ ޑްރޯން ޝޯ އާއި ހަވާ އަރުވަން ލާރި ހުރިއިރު އާސަންދައިން ބޭސްކޮޅު ނުލިބިގެން މީހުން ސަލާންޖަހަން ޖެހިފައިވާ ކަމަށެވެ.
"ބޭކާރު ހަރަދު ނުކޮށް ރައްޔިތުންނަށް ބޭސްކޮޅާއި ޑޮލަރު ކޮޅު ލިބޭނެ ގޮތެއް ހަދާދީބަލަ، މުއިއްޒު،" އައިޝާ ނިހާ ބުނެފައިވެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅި ކަމާއި ކުރާ ބޭކާރު ހަރަދާއި ވެރިކަން ހޯދަން ދެއްކި ވާހަކަ އާއި އަމަލު ދިމާނުވާތީ މިފަދަ އެތައް ކޮމެންޓެއް ރައްޔިތުން ސޯޝަލް މީޑިއާ އަށް ހިއްސާކޮށްފައިވެ އެވެ. އެހެންވެ، ބައެއް މީހުން ބުނެފައި ވަނީ ސަރުކާރަށް "ވަރަށް ސަޕްރައިޒު ދެވިއްޖެ" ކަމަށެވެ. ދެން އިތުރަށް ބޭނުން ނުވާ ކަމަށެވެ.
ތެދެކެވެ. ވެރިކަމަށް އައުމަށް ދެއްކި އެންމެ ބޮޑު އެއް ވާހަކައަކީ ބިރުވެރި މިންވަރަކަށް ރާއްޖެ އަށް އިންޑިއާގެ ނުފޫޒު އޮތް ވާހަކަ އެވެ. އެހެންވެ، އިންޑިއާ އަށް ބަރޯސާ ނުވެ ކަންކަން ކުރާނެ ކަމަށް ވައުދުވި އެވެ.
އިންޑިއާއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް ކަންކަން ކުރަމުން ދިޔަ ކަމަށް މިހާރުގެ ރައީސް މުއިއްޒު އާއި މި ސަރުކާރުގެ ވެރިން ތުހުމަތުކޮށް، ޕީޕީއެމް/ޕީއެންސީން އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީގެ މާލި ނެރެ، ކަރުގައި ފައިވާން އަޅުވައި، މުޅި ރާއްޖޭގައި އިންޑިއާ އައުޓު ލިޔެ، އެ ކެމްޕެއިން ކުރިޔަށް ގެންދިޔަ އެވެ.
އެ ވާހަކަތަކުން ރައްޔިތުންގެ ޖަޒުބާތު ކައްކުވައިގެން ވޯޓު ހޯދުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވިއިރު، ހޮނިހިރު ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއާ ޖެހިވަޑައިގެން އިންނަވާނީ، ރާއްޖޭގެ މިނިވަން ކަމަށް އަރައިގެން ކަމަށް މި ސަރުކާރުގެ ވެރިން ތުހުމަތު ކުރި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އެވެ. މިއަށް ވުރެ ބޮޑު ސަޕްރައިޒެއް ދިވެހީންނަށް ދެވޭނެ ހެއްޔެވެ.
އިގުތިސޯދު ވެސް ރަނގަޅެއް ނުކުރެވުނެވެ. ރަށްރަށުގައި މަޝްރޫއުތައް އެވަނީ ގާވެފަ އެވެ. ޑޮލަރުގެ އަގު 20ރ. ގަ އެވެ. ތަކެތީގެ އަގު އިންތިހާ އަށް މަތީގަ އެވެ. އާފަލެއް ވެސް ލިބެނީ 9.50 ރުފިޔާ އަށެވެ. ބޭރުކޮށްލާނެ ކަމަށް ބުނި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ވެސް ހަމަ ބޭނުން ކުރަމުން، އުދުއްސަމުން އެ ދަނީ އެވެ.
އެހެންވެ، އިންޑިއާ އައުޓަކީ ރައްޔިތުންނަށް އޮޅުވައިލުމަށް ހިންގި މަކަރުވެރި ކެމްޕޭނެއްކަން މުއިއްޒުގެ އަމަލުތަކުން އެނގުމަކީ ވެސް ބޮޑު ސަޕްރައިޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ