ސާފުކުރިތާ ތިން ދުވަސްތެރޭ ކުނިއަޅައި ގޮނޑަކަށް ހަދައިފި؛ ފިޔަވަޅު އަޅާނެ: ހަމްދާން ޝަކީލް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ވަންނަ ފަރާތްތަކުން، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނި އަޅަމުންދާނަމަ އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްވައިފިއެވެ.
ހަމްދާން މިފަދަ އިންޒާރެއް ދެއްވާފައިވަނީ، އެފްޑީސީން ދޫކޮށްފައިވާ 4،000 ފްލެޓަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްފަހު އުފެދޭ ކުނިތައް އުސޫލުން ބޭރުން އުކާލަމުންދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ހަމްދާން ޝަކީލް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު އެފްޑީސީން އިސްނަގައިގެން ސާފުކުރި ސަރަހައްދުތަކަށް، މިއަދު އަލުން ކުނި އަޅާފައިވާ ކަމަށެވެ. މިއީ ތިމާ ދިރިއުޅޭ މާޙައުލު ނުތާހިރުވެ، އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެންގެ ދީނާއި ސަޤާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް. އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން،" ހަމްދާން ވިދާޅުވިއެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ލިބުމާއެކު، ގިނަ ބަޔަކު ދަނީ ކަބަޑުސެޓު ޖެހުމާއި، އޭސީ ހަރުކުރުމާއި، އެ ނޫންވެސް ފިނިޝިން މަސައްކަތްތައް ވަރަށް ބާރުސްޕީޑުގައި ކުރަމުންނެވެ. ނަމަވެސް، މި މަސައްކަތްތަކުގެ ތެރެއިން އުފެދޭ ބޮޑެތި ކުނިތައް މަގުމައްޗަށާއި ފްލެޓްގެ އާންމު ސަރަހައްދުތަކަށް އުކާލުމުގެ ސަބަބުން އެ ސަރަހައްދު ވަނީ ކުނިގޮނޑަކަށް ބަދަލުވެފައެވެ.
ހަމްދާން އިތުރަށް ވިދާޅުވީ، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން އަދި ސާފު ވެއްޓެއް ގާއިމްކޮށްދެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކު ކަމަށެވެ. އަދި މި ފުރުސަތުގައި، ޤަވާއިދާ އެއްގޮތަށް ކުނި ނައްތައިލަމުންދާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެފްޑީސީގެ ނަމުގައި އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ