މަރަކޭޝް، މޮރޮކޯ (ޑިސެމްބަރު 25) - މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި، އެންމެ ފަހުގެ ޗެމްޕިއަން، އައިވަރީ ކޯސްޓުން ކުޅުނު ފުރަތަމަ މެޗުގައި މޮޒަމްބީކު އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އައިވަރީ ކޯސްޓުން މަސައްކަތްކުރަމުން އަންނަނީ، 2010 ވަނަ އަހަރުގެ މިސްރު ޓީމަށް ފަހު، އެފްރިކަން ކަޕް ދިފާއުުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ. ރޭގެ މެޗުގައި، އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މޮޒަމްބީކަކީ، އައިވަރީ ކޯސްޓަށް ވުރެން ފީފާ ރޭންކިންގައި 60 ދަރަޖަ ދަށުގައި އޮތް ޓީމެކެވެ.
ރޭގެ މެޗުގައި އައިވަރީ ކޯސްޓުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ކާމިޔާބުކުރީ، އަމަދު ޑިއާލޯ އެވެ. މި މެޗުގައި މޮޒަމްބީކުގެ ކީޕަރު، އެރްނާން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އައިވަރީ ކޯސްޓުން އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް ކާމިޔާބުކުރީ ފައިނަލުގައި ނައިޖީރިއާ ބަލިކޮށްފަ އެވެ.
ވަރުގަދަކޮށް އޮތް މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި، ކެމަރޫނުން ވަނީ 1-0 އިން ގެބޮން ބަލިކޮށްފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ހަ ވަނަ މިނިޓްގައި ޖެހީ، މިޑްފީލްޑަރު އެޓާ އެޔޫން އެެވެ.
މުބާރާތުގައި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް، އަލްޖީރިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ، ސޫދާން އަތުން 3-0 އިން މޮޅުވެފަ އެވެ. އަލްޖީރިއާގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރިޔާދު މާރޭޒް އެވެ. އަދި، އަނެއް ލަނޑު ޖެހީ، އިބްރާހިމް މާޒާ އެވެ.
އަލްޖީރިއާގެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ބުރްކީނާ ފާސޯ އިން ވަނީ 2-1 އިން އެކުއޭޓްރަލް ގިނީ އަތުން މޮޅުވެފަ އެެވެ.
އެފްކޮން: ޗެމްޕިއަން އައިވަރީ ކޯސްޓަށް އުނދަގޫ ފެށުމެއް އެފްކޮން: ޗެމްޕިއަން އައިވަރީ ކޯސްޓަށް އުނދަގޫ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ