ހަމަލާ ދިނުން ހުއްޓައިނުލާ ތިބެ އިސްރާއީލުން ބުނީ އެއްބަސްވުމާ ފަލަސްތީނުން ޚިލާފުވި ކަމަށް

ހަމާސްއިން ހަތިޔާރު ބަހައްޓަން ދެކޮޅު ހަދައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫ އެގޮތަށް ވިދާޅުވީ, ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްގައި ބޮމެއް ގޮވި ހާދިސާގައި އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރަކަށް އަނިޔާވުމާ ގުޅިގެންނެވެ. އިސްރާއީލުން އެކަމުގެ ބަދަލު ހިފާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ. ވައިގެ ސިފައިންގެ ޕައިލެޓުންގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނަތަންޔާހޫ ވަނީ އޮކްޓޯބަރު މަހު ސޮއިކުރި ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ނައްތާލުމަށް ހަމާސްގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ވިދާޅުވެފައެވެ. ހަމާސްއިން ވަނީ އެ ހަމަލާދިން ކަމަށް އިންކާރުކޮށްފައެވެ. ހަމާސްގެ އޮފިޝަލް މަހުމޫދު މެރުދާވީ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ, އެ ބޮމުގެ ހަމަލާއަކީ އިސްރާއީލުން ދޫކޮށްލާފައި ދިޔަ ބޮމެއް ގޮވުމުގެ ސަބަބުން ލިބުނު ހަމަލާއެއް ކަމަށެވެ. އަދި, އެކަން އެއްބަސްވުން ގާއިމުކުރުމުގައި މެދުވެރިވި ގައުމުތަކަށް އަންގާފައިވާނެ ކަމަށް ވެސް ހަމާސްއިން ބުންޏެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސެޕްޓެންބަރު މަހު ނެރުއްވި 20 ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް އަމަލުކުރަން ފަށާފައިވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށެވެ. ފުރަތަމަ މަރުހަލާގެ ދަށުން ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުންނާއި ގައިދީން ދޫކޮށްލައި، ފަލަސްތީނުގެ އާންމު ސަރަހައްދުތަކަށް އިސްރާއީލުން ސިފައިން ފައިބަން ޖެހެއެވެ. ހަނަގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް އިސްރާއީލުން ވަނީ ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން މަރާލާފައި. ފޮޓޯ/ރޮއިޓާސް ޓްރަމްޕްގެ ހުށަހެޅުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ހަމާސްއިން ހަތިޔާރު ނައްތާލައި، ޣައްޒާ ހިންގުމުގައި އެއްވެސް ދައުރެއް އަދާނުކުރަން އެއްބަސްވުމާއި، އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބަންޖެހެއެވެ. ނަމަވެސް، ހަތިޔާރު ބައްހަޓާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވުމުން ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. ހަމާސްއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އިސްރާއީލުން ބުނާއިރު، އޮކްޓޯބަރު 10 ވަނަ ދުވަހު އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އަނިޔާވެރިކަން ކުޑަވި ނަމަވެސް ހަމަލާދިނުން ހުއްޓާލާފައެއް ނުވެއެވެ. ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ