ގަވައިދަށް ތަބާވެ، ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައި ދޭން އެހީވަނީ
މީގެ ކުރިން ސައްހަ ގޮތުގައި މަސައްކަތް ނުކުރި ނަމަވެސް، އަލުން ގަވައިދަށް ތަބާވެ، ވަޒީފާ ބޭނުންވާ ބިދޭސީންނަށް އެ މީހުންނަށް އަދާކުރެވޭނެ ވަޒީފާތައް ހޯދުމުގައި އެހީތެރިވުމަށް ދާޚިލީ ވުޒާރާއިން ނިންމައިފިއެވެ. ދާޚިލީ ވުޒާރާއިން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން، ގަވައިދުގެ ތެރެއަށް ވެއްދުމަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ފަށަން ނިންމި ކަމަށް ބުނެފައެވެ. އެހެންކަމުން، ދާޚިލީ ވުޒާރާއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން ކަމާ ގުޅޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ ވުޒާރާއިން އެދިފައިވެއެވެ. އެ އެކުލަވާލެވޭ ދަފުތަރުގެ ތެރެއިން ވަޒީފާއެއް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް ދާޚިލީ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ޕްރޮގްރާމަކީ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެވުޒާރާއިން ބުންޏެވެ. https://sun.mv/212456 އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް އެވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހިސާބަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ބަޔޯމެޓްރިކްސް ނަގައިފައި ތިބި މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި މީހުން، ގަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް އެ ވުޒާރާއިން ފެށުމަށް ތައްޔާރުވެފައިވެއެވެ. އެ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތު ދިނުމަށް މި މަހު ހުޅުވާލާފައިވެއެވެ. ބިދޭސީއެއް މަސައްކަތުގައި: -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެ އޮޕަރޭޝަންގެ ފަހު ތިން ވަނަ ފިޔަވަހީގެ މަސައްކަތް 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ. ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮވެއެވެ. އެގޮތުން، 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ގައުމުގެ ޖުމްލަ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 382،639 ދިވެހީންނާއި 132،493 ބިދޭސީން ހިމެނެއެވެ. އެހެންކަމުން، ޖުމްލަ އާބާދީގެ 26 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ. https://sun.mv/215518 ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފަށާފައިވެއެވެ. މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، 202،000 ބިދޭސިއެއްގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާ ކަމަށާއި، ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 9،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ