ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުމަށް ކަސްޓަމްސް އިން ދޭ ހިދުމަތްތައް24 ގަޑިއިރު ދޭގޮތަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން އިއްޔެ ބުނީ ވައިގެ މަގުން އަންނަ މުދާ ކްލިއާކުރުމާ ގުޅޭގޮތުން އެ އިދާރާ އިން ދެމުން އަންނަ ހުރިހާ ހިދުމަތެއް މިހާރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފްތާ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ކުރިއާ ހިދުމަތް ދޭ ކުންފުނިތަކުން ވަނީ ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުމުގައި ގިނަ ދުވަސް ހޭދަވާތީ ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.
ރައީސް އެދުވަހު ވަނީ އެ ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ:
އެމްއޭސީއެލްގައި ކުރިއާ ސްކޭންކުރަން އެންމެ މެޝިނެއް ހުރުން 
ކަސްޓަމްސްގައި ވެސް އެ މަސައްކަތާ ގުޅޭ ތިބެނީ މަދު މުވައްޒަފުންތަކަކަށް ވުން
ރައީސްގެ ބައްދަލުވުމުގައި އެ ކަންބޮޑުވުން ހިއްސާކުރެއްވި،ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއާގެ ހިދުމަތް ދޭ ސީޕެކްސްގެ ޖެނެރަލް މެނޭޖަރު ހުސެން ވަނީ ކަސްޓަމްސްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ވިޔަފާރިވެރިންނަށް ކުރިމަތިވަމުން އަންނަ ދަތިތައް ހައްލުކޮށްދެއްވުމަށް އެކިފަހަރު މަތިން ކަސްޓަމްސްގައި އެދިފައިވާކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ކަސްޓަމްސްގެ ވެރިންނަށް އެތަކެއް ފަހަރަކު ދަންނަވައިފިން މައްސަލައެއް ނެތޭ، އެމްއޭސީއެލް އިން އެބަ ބުނެޔޭ އަދި ނެތޭ ޖާގަ ބޮޑު ކުރެވޭކަށް. އަދި ނެތޭ މެޝިން އިތުރުކުރެވޭކަށް. އަދި ނެތޭ ސްޓާފުން ވެސް އިތުރު ކުރެވޭކަށް. އެހެންވެއްޖެއްޔާ ކަސްޓަމްސްގެ ވޯކިން އަވާސް ބޮޑުކޮށްލަދޭށޭ. 24 ގަޑިއިރަށް ހައްދަވައިދެއްވާށޭ. އޭރަށް އަޅުގަނޑުމެންނަށް އެއްކަލަ ފްރީ ޓާއިމްގެ ތެރޭ [މުދާ] ކްލިއާ ކުރެވޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ