ވަގު ވިޔަފާރި ކުރި ދެ ބިދޭސީއެއް ހައްޔަރުކޮށްފި

މާލޭގައި ލައިސެންސް ނުނަގާ ވިޔަފާރި ކުރި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިއްޔެ ޖަހައިފި އެވެ.
ވީ ކިހިނެއް؟ - ބަންގްލަދޭޝްްއަށް ނިސްބަވްތާ އެ ދެ ފިރިހެނުން ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓަށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ ކޯޓުން ވަނީ 15 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެއީ:
އަފްޖަލް ހޮސައިން 31
ހަބީބުރު ރަހްމާން 34
ތަފްސީލު - ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ، ލައިސެންސް ނުނަގާ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވޭ މިންވަރަށް އެ މީހުންނާ ދެކޮޅަށް ހެކި ގަރީނާ ހުށަޅާފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ. 
ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި 'ތަފްސީލީ އެންޓަލިޖަންސް' ރިޕޯޓާ ހަވާލާދީ ދެ މީހުންގެ އަމުރުގައި ބުނީ:
އެ ދެމީހުން މި ވަގު ވިޔަފާރި ކުރަމުން ދަނީ، ގިނަ ބަޔަކު ބައިވެރިވެގެން
ގިނަ އަދަދެއްގެ ފައިސާ މިކަމުގެ ތެރޭގައި ދައުރުކޮށްފައިވޭ
އަފްޖަލް އާއި ހަބީބުރު ވެސް އެ ތުހުމަތުތަކަށް ބަންދު އަޑުއެހުމުގައި އިންކާރުކޮށްފައިވެ އެވެ. އެ ދެމީހުން ކުރީ ކޮން ބާވަތެއްގެ، ކިހާ ފުޅާ މިިނެއްގެ ވިޔަފާރިއެއް ކަމަށް ކޯޓު އަމުރުން ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން އަދި މައުލުމާތު ހާމަކޮށްފައި ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދިވެހިން ނިވަލުގައި ތިބިގެން، ބިދޭސީން ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ މައްސަލައިގައި ބައެއް އާންމުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް މިދިޔަ މަސް ތެރޭ އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެގޮތުން:
އެ އިއުލާން ކުރިތާ ފުރަތަމަ ދެ ދުވަސް ތެރޭ 29 ވިޔާފާރިއެއްގެ މައްސަލަ ރިޕޯޓުކޮށްފައިވޭ
މިކަންކަން ބެލުމަށް ހާއްސަ ޓާސްކް ފޯސްއެއްވެސް މިނިސްޓްރީން ވަނީ އެކުލަވާލާފަ
މި މަސައްކަތުގެ ތެރެއިން ބައެއް ވިޔަފާރިތައް ހުއްޓުވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ