ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

42 ވަނަ ބަޔާ ގުޅޭ
"މަލް.. މަލްއަށް ބަލައި ދޭތި. ދައްތަގެ ހުރި ހަމައެކަނި ފުރާނަ އެއީ" ސައިކަލަށް އަރައި ބާރު ދުވެލީގައި މަލަކްދިޔަ ދިމާލަށް ދުއްވައިލިއިރު މާޒިޔާ ބުނި އެންމެފަހު ޖުމްލަ ޝާވިންގެ ކަންފަތް ދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ.
މަގާ އެންމެ ކައިރީގައި އޮތް ދެ މަގު އެއްކޮށް ހޯދައި ބެލިއިރުވެސް މަލަކް ނުފެނުމުން ޝާވިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް އުފެދުނެވެ. މަލަކްއަށް އަދި މާދުރަށް ނުދެވޭނެކަން އެނގި އޭނާ ނިންމީ ފަހަރަކު ގެއަކަށް ވަދެ މަލަކް އުޅޭތޯ ސުވާލު ކުރުމަށެވެ. އެންމެ ފުރަތަމަ ގޭގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމަށްފަހު އެ ގޭގެ ދޮރާށި ހުޅުވައިލަން އުޅުނު ވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފަށައިފި އެވެ.
"އޭތް؟ ކިހިނެއްތަ ވީ؟ މަލް ކުއްލިއަކަށް ރޮމުންރޮމުން ގެއަށް އައިސްފި. އަހަރެން ފެނުނީމަވެސް ފާޑަކަށް ހަޅޭއްލަވައިގަނެފަ ގޮސް ކޮޓަރިއަށް ވަދެ ތަޅުލީ. ކޮބާ މާޒިޔާއްތަ؟" އިވާންގެ ވާހަކައިން ޝާވިންގެ އަވަސްވެފައިވާ ހިތަށް ކުޑަވަރެއްގެ ތަސައްލީއެއް ލިބުނެވެ.
"އަހަރެން އެބަ ދަން" އިވާންގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ޝާވިން ނުދެކުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ މަލަކްއަށް ވެގެންދިޔަ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފަ އެވެ. ހަމަޖެހުމުގެ ނޭވާއަކާއެކު ދޮރުގެ ތަޅުން އަތް ދޫކޮށްލުމަށްފަހު ދުރު ފިޔަވަޅުތަކެއްގައި ގޮސް ސައިކަލަށް އަރައި ދުއްވައިލި އެވެ.
"މަލް ކޮބާ؟" ސިޓިންގްރޫމުގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ޝާވިން ސޯފާގައި އިން އިވާންއާ ސުވާލު ކޮށްލި އެވެ.
"އަދިވެސް ކޮޓަރީގަ. އަހަރެން ޓަކި ޖެހީމަވެސް ނުހުޅުވާ. ދައްތަ އައީތަ؟" އިވާންގެ އަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ މާޒިޔާ ގެއަށް އަންނާނޭ އިރަކަށެވެ.
"ޝޯން؟ ވަޓްސް ރޯންގް؟ އޭތް؟" ޝާވިންގެ މޫނުމަތި ފެނުމުން ކަމެއް ގޯސްވެއްޖެކަން ރޭކައިލާކަށް އިވާންއަކަށް ގިނައިރެއް ނުނެގި އެވެ. އޭނާ އިންތަނުން ތެދުވެގެން އައިސް ޝާވިންގެ ކޮނޑުގައި އަތް ޖަހައިލި އެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުގެ ހިޔާލަށް ގެއްލިފައިހުރި ޝާވިންއަށް އެކަމުން ސިހުމެއް ލިބުނެވެ. "އޭން؟ ކީކޭ؟" އޭނާ އެ ސިހުމުން އަރައިގަންނަމުން އަހައިލި އެވެ.
"ދައްތަ ނާދޭހޭ އަހަރެން އެހީ" އިވާންގެ ސުވާލާއެކު ޝާވިން ފިކުރުބޮޑުވެފައިވާ މީހަކު ފަދައިންގޮސް އެކެއްގެ ޖާގަހުރި ސޯފާ ގޮނޑީގައި އިށީނދެ ދެއަތުން ނިތްކުރީގައި ހިފަހައްޓައިލި އެވެ. ދެން ބޮޑު ނޭވާއެއް އެތެރެއަށް ދަމައިލަމުން އިސްއުފުލައިލައި، ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހިންގައިލި އެވެ. އޭރު އިވާންވެސް ޖެހިގެންހުރި ގޮނޑީގައި އިށީންނަނީ އެވެ. ޝާވިން ބަލައިލުމާއެކު "ކިހިނެއްވީހޭ" އަހައިލާ ފަދައަކުން ބުމަ އަރުވައިލި އެވެ.
"މަށެއް ނުކުރަން އެއްވެސް ކަމެއް! ހަމަ ހުވާ މި ކުރީ! އެކަމަކު މިހާރު ހީވަނީ އަހަރެންނަށް ނޭނގިވިޔަސް ކަމެއް ކުރެވުނީއޭ. އައި ފީލް ލައިކް ޝި*. އަދި އެވެސް އަހަރެމެން ގެއިން ނުކުންނަނިކޮށް ދައްތަ އެހެން ބުނެފަ އޮއްވާ" ޝާވިން ދެކޮނޑު އެލުވާލައިގެން އިނދެ ދައްކަން ފެށި ވާހަކައިން އިވާންގެ ބުމަ ގޮށް ޖެހުނެވެ.
"މަލް ފޫހިވެގެން އުޅުނީމަ ދައްތަގާތު ބުނެލާފަ އަހަރެން މިގެއަށް އަންނަމުން މަލް ގޮވައިގެން އައި. ދެން މިއޮތީނު އެއްކަލަ އާސިމްމެން ކުރިން ޖަގަހަ ހަދައިގެން އުޅުނު މަގު. އެ މަގާ ހިސާބުން.." ޝާވިން ހިނގައިދިޔަ ކަންތައް ތަފުސީލު ކޮށްދޭން ފެށުމާއެކު އިވާންއަށް މަލަކްއަށް އެ ވީގޮތް ނަގައި ގަނެވުނެވެ. ޝާވިންގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އިންތަނުން ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
ޝާވިންއަކަށް އެ ވީނުވީއެއް ނޭނގުނެވެ. އޭނާ އިވާންގެ ފަހަތުން ހިނގައިގަތީ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. "އިވާން.. އިވާން އޭ މަޑުކޮށްބަލަ!" ސިޑީގެ މެދަކާ ހިސާބުން އޭނާ އިވާން ހުއްޓުވި އެވެ. "އެބައުޅޭ ދޯ ކަންތައް ގަނޑެއް؟" އޭނާ އަހައިލި އެވެ.
"ހްމްމް. ފަހުން ކިޔާދޭނަން. މިވަގުތު މުހިއްމީ މަލް. ޝޯން އެހާވަރަށް އެކަމާ ނުވިސްނާ. މަލްގެ އެ ރިއެކްޝަނާ ޝޯންއަކާ ގުޅުމެއް ނެތް. އިޓްސް މޯރ އޮފް އަ ޓްރޯމާ ރިފްލެކްސް.. އެކަމަކު މަލް އަމިއްލައަކަށް އެވަރެއް ނުވިސްނާނެ. ޝޯން މަލް ގައިގަ އަތްލީ އެކަހަލަ އިންޓެންޝަނެއްގަ ނޫންކަން ބުނެދޭން ޖެހޭނީ" އިވާންގެ ބުނެލި އެވެ.
ޝާވިންއަށް ހާސްވެފައިހުރެ ދެއަތް މޫނުގައި އުނގުޅައިލެވުނީ މި ވަދެވުނީ ކުޑަ ކަންތައްގަނޑެއްގެ ތެރެއަށް ނޫންކަން ޔަގީންވުމުންނެވެ. އިވާން ހަމަޖެހޭށޭ ބުނާފަދައިން ދެފަހަރަކު ޝާވިންގެ ކޮނޑުގައި ޖަހައިލި އެވެ. ދެ އެކުވެރިން އެކުގައިގޮސް މަލަކް އުޅޭ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އެވެ.
"މަލް.. މަލް ހުޅުވަބަ މިއީ އަހަރެންނޭ. އަރ ޔޫ އޯކޭ މަލް؟" އިވާންގެ ގޮވައިލުމަށް މަލަކް ދިނީ ބީރު ކަންފަތެކެވެ. އެހެނެއްކަމަކު އިވާން މިފަހަރު ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވި އެވެ. އެކަމަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހިމެނޭ ކަމަކަށް ވުމުން މާޒިޔާއާ ހަމައަށް ގޯސް ގޮތަކަށް އެ ވާހަކަ ދިޔުމުގެ ކުރިން މަލަކްއާ ވާހަކަދައްކައި، ޝާވިންއާމެދު މަލަކްގެ ހިތް ސާފު ކޮށްދޭން ބޭނުންވި އެވެ.
ވިއްސަކަށް މިނަޓުވަންދެން އިވާން އެކި ގޮތްގޮތަށް ދެއްކި ވާހަކައަށްފަހު މަލަކް އެންމެފަހުން ދޮރު ހުޅުވައިލި އެވެ. އެ މޫނުން ގިނައިރު ރޮއެފައި ހުރިކަމުގެ ނިޝާންތައް ފާޅުވާން ހުއްޓެވެ. އިވާންގެ ހަރަކާތްތައް ވަގުތުން ހިމޭންވިއިރު ޝާވިންއަށް ކުރެވުނީ އޭނާގެ ހިތް ފިތިގެން ދިޔަކަމުގެ އިހުސާސެކެވެ. ހަނދާނަށް އައީ އެރޭގެ އިރާކޮޅު އޭނާއަށް އެ މޫނުން ފެނުނު ރީތި ހިނިތުންވުމެވެ. އެ ހިނިތުންވުމުން އޭނާއަށް އޭރު އުނދަގޫވި ނަމަވެސް މަލަކްގެ މޫނުން ދެވަނަ ފަހަރަށް އެ ހިނިތުންވުން ދެކިލުމަށް އެދެވެންފެށި އެވެ.
"މަލް..." އިވާން މަލަކްއަށް ގޮވައިލި ހިނދު މަލަކްގެ ބާކީ ހުރިއްޔާ ހުރި ހިތްވަރެއްވެސް ފުނޑުފުނޑުވެގެން ދިޔަ ކަހަލަ އެވެ. އެ ސިފައާއި އަޑުން އޭނާއަށް މިފަހަރުވެސް ފެނުނީ އިދާންއެވެ. ބޭނުންވީ ހިނދުކޮޅަކަށް ނަމަވެސް އިދާންގެ ދެއަތުގެ ހިމާޔަތުގެ ތެރެއަށް ދާށެވެ. ގިސްލެވެމުންދިޔަ ހާލު އިވާންއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އިވާންގެ މޭގެ ތެރޭގައި މޫނު ފޮރުވައިލި އެވެ. ކައިރީގައިހުރި ޝާވިންއަށް އެ މަންޒަރާ ދުރަށް ނަޒަރު ވަކިކޮށްލެވުނީ ކީއްވެކަމެއް ނޭނގުނެވެ. މީގެ އިރުކޮޅެއް ކުރިން އޭނާއަށް މަލަކް ނުކުރި އިތުބާރެއް އިވާންއަށް ކުރެވުނީ ކީއްވެ ކަމާމެދު ހިތުގައި ޝަކުވާ އުފެދުނެވެ.
"ހޭއި.. މަލް.. ޝޯން ވަރަށް ހާސްވެފަ އެ ހުންނަނީ މަލް ކަންތައްކުރި ގޮތުން. ވާހަކަ ދައްކާލަން ބޭނުންތަ؟ މަލްގެ ސިކުނޑިއަށްވެސް ލުޔެއް ލިބިދާނެ" އިވާން މަޑުމަޑުން މަލަކްގެ ކޮނޑުގައި ހިފައި އޭނާއާ ދުރުކޮށްލަމުން ވާހަކަދެއްކި އެވެ.
"މަލް.. މަލް ގަސްތަކު ނޫން.. އެކަމަކު.. އެމީ.. އެމީހުން އައި.. ތިން މީހުން އައީ. މަލް.." މަލަކް ރޮމުންރޮމުން ކިޔައިދޭން ފެށި ވާހަކަތަކާއެކު އިވާންއާއި ޝާވިންއަށް ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"ހޭއި.. މަލް. އިޓްސް އޯކޭ. ކާމް ޑައުން. އާދެބަ މިތާ އިށީނދެލަން ދޯ" އިވާން މަސައްކަތްކުރީ އޭނާއަށް މީގެ ކުރިން އެފަދަ އެކި މައްސަލަތަކާއި ކޭސްތަކުން ލިބިފައިވާ ތަޖުރިބާގެ އަލީގަ އެވެ. އަވަސްއަވަހަށް މަލަކް ގެންގޮސް އެނދުގައި ބޭންދުމަށްފަހު ކޮޓަރީގެ މޭޒު ކައިރިން ގޮނޑިއެއް ދަމައިލަމުން އެނދު ކައިރިއަށް ގެނެސް އިށީނެވެ. އަދި ދުރުގައި ހުރި ޝާވިންއަށް އެތަނުގައި މަޑުކޮށްލާށޭ ބުނާ ފަދައިން ބޯޖަހައިލުމަށްފަހު މަލަކްގެ ވާހަކަތައް އަޑު އަހަންފެށި އެވެ.
"ހިއަރ.. ޑްރިންކް ސަމް ވޯޓަރ" އަތް ދަމައިލުމަށްފަހު މޭޒުމަތީގައިހުރި ފެންފުޅި ނަގައި މަލަކްއަށް ދިއްކޮށްލަމުން އިވާން ބުނެލި އެވެ. މަލަކް އެ ފުޅިން ފެންފޮދެއް ބޮއެލުމަށްފަހު އިވާންއަށް ދިއްކޮށްލުމުން އެ ކުރިން ހުރި ތަނުގައި ބަހައްޓާފައި އޭނާ ނެގީ އެތަނުގައި އޮތް ގަލަމެކެވެ.
"ހޭއި.. ޑޫ ޔޫ ވޯންޓް ޓު ޓޯކް؟" މަލަކް މާބޮޑަށް ނުވިސްނައިހުރި ދަނޑިވަޅެއްގައި އިވާން އެ ގަލަން މަލަކްގެ އަތުތެރެއަށް ލައިދިނީ އެކަމުންވެސް މަލަކްގެ ސިކުނޑިއަށް ހަމަޖެހެން ސިގުނަލެއް ލިބޭނެކަން އެނގިގެނެވެ.
"މަލް.. މަލްއަކަށް އެއްވެސް ގޮތެއް ނަހަދައޭ ޝޯންއެއް. އައިމް.. ބިރު.. ބިރުގަތީ.. ޝޯން ހިފެހެއްޓީމަ.. އެމީހުން.. އެމީހުން" މަލަކްއަށް ދެލޯ މަރައިލެވުނެވެ. "އައިމް ސޮރީ" އޭނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.
"ހޭއި މަލް.. އިޓްސް އޯކޭއޭ.. ޝޯންއަށް އަންޑަރސްޓޭންޑް ވާނެ. އަހަރެން ޝޯންއާ ވާހަކަދައްކާނަމޭ" އިވާން ދިން ޔަގީންކަމާއެކު މަލަކް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
"މަލް.. މަލްއަށް ކޮން ބައެއްތަ ފެނުނީ؟ އެނގޭ މީހެއްތަ؟ ހަނދާން އެބަ ހުރިތަ؟" އިވާން ފެށީ އޭނާ ހަގީގަތުގައި މަލަކްއާ ކުރަން ބޭނުންވި ސުވާލެވެ. އޭނާ އެންމެ ފުރަތަމަ މަލަކްއާ ބައްދަލުކުރަން ދިޔައީވެސް އެ ހާދިސާއާގުޅޭ މުހިއްމު ކަމެއް މަލަކްގެ ހަނދާނުގައި ހުރިތޯ ބަލައި އެކަން އޮޅުން ފިލުވުމަށެވެ. އެހެނަސް މަލަކްގެ ނަފްސާނީ ހާލަތު ހުރިގޮތުން މިއަދާ ހަމައަށްވެސް އެކަމާގުޅޭ ސުވާލެއް ކުރާނޭ ފުރުސަތު ނުލިބުނީ އެވެ.
އިވާންގެ ސުވާލަށްފަހު މަލަކް އިވާންއާ ދިމާލަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އެ މޫނުމަތިން ފާޅުވާންހުރީ މަސްހުނިވެފައިވާ އަސަރު ތަކެކެވެ. އިވާންއަށް އިތުބާރުކުރަން ބޭނުންވާކަން އެ ދެލޮލުން ފާޅުވާން ހުއްޓެއްކަމަކު އެއީ ފަސޭހަކަމެއް ނޫންކަން އެ ނިތްކުރިއަށް ޖަމާވެފައިވާ ރޫތައް ބުނެދެމުންދިޔަ އެވެ.
"އައިމް ސޮރީ.. މަލް ބޭނުން ނެތިއް-"
"ނޯ އައި... މަލްއަކަށް ނޭނގޭ.. ކޮންބައެއް ކަމެއް.. ވަރަށް.. ވަރަށް ޓްރައިކުރަން.. ހަނދާން ކުރެވޭތޯ އެކަމަކު ކޮންމެ ފަހަރަކު ބިރު ގަންނަނީ. ހަނދާންވީމަ.. އެންމެންގެ ފޭސްވެސް ފެންނަނީ އެގޮތަށް. ދަ ސޭމް ލާފް ސޭމް އޭންގަރ.. ސޭމް ލަސްޓް.." މަލަކްގެ ދެލޮލުން ނީރައިލި ކަރުނަތިކި އަމިއްލަ އަތުން ފޮހެލި އެވެ. "އެހެންވެ ބޭނުން ނުވަނީ ހަނދާން ކުރަން އިޓްސް.." މަލަކްއަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވި އެވެ.
"ހޭ އިޓްސް.. އިޓްސް ރިއަލީ އޯކޭ.. އަހަރެންނަށް ވިސްނާނުލާ މަލްގާތު މިވާހަކަ މި އެހުނީ. އިޓްސް ރިއަލީ އިންކޮންސިޑެރޭޓް އޮފް މީ އައި ޝުޑުންޓް ހޭވް-"
"ނޯ އިޓްސް.. އިޓްސް އޯކޭ. މަލް ބޭނުމޭ ކިޔައިދޭން. މަލްއާހެދި ކިތައް މީހުން އޮފެންޑް ވަނީ. މަލް.. މަލް ބޭނުމެއް ނޫނޭ އެގޮތެއް. އައި ވޯންޓް.. އައި ވޯންޓް ދެމް ޓު އަންޑަރސްޓޭންޑް މައި ސިޗުއޭޝަން. ބައެއްފަހަރު ބޮޑުބެމެން.. ބައްޕަ ފެނުނީމަވެސް.. މަލްއަށް ބިރުން ރޮވެނީ.. ފަހުން ސޮރީ ބުނަން ބޭނުންވޭ.. ކިޔައިދޭން ބޭނުންވޭ.. އެކަމަކު ހިތްވަރެއް ނުލިބޭ" މަލަކް އިސްޖަހައިލަމުން ތުރުތުރު ލަމުންދިޔަ އަތުތެރޭގައި އޮތް ގަލަން އަނބުރަން ފެށި އެވެ.
"އެމީހުން އައިސްފަ ބުނީ.. އަންނާށޯ.. ދާނު ބުނެގެންނޯ މި އައީ. ތިންމީހުން އައީ.. ކާރެއްގަ" މަލަކްގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ އެވެ. އެހެނަސް އެ ހާދިސާ އަމިއްލަ ބޮލުގައި ތަޅުލައިގެން އުޅެއުޅެ މިހާރު އޭނާ ވަރުބަލިވާން ފަށައިފި އެވެ. އެކަމުގެ ސަބަބުން ކޮށްޓެއްގައި ބަންދުވެ، ދުނިޔެއާ އެކަހެރިވެ އުޅެގެން އޭނާއަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ މަލަކް ބޭނުންވީ ހުރިހާ ހަގީގަތެއް މީހަކަށް ކިޔައިދޭށެވެ. އެކަމަށްޓަކައި އެވަގުތު އެންމެ އެކަށޭނެ މީހަކަށް ފެނުނީ އިވާން އެވެ.
"މަލް.. އެންމެން ބުނާނެ މަލްގެ ނައިވްކަމުން ވީ ކަމެކޭ.. އެކަމަކު މަލް ނުކުރަމޭ ގަބޫލެއް.. މަލް ޓެކްސްޓް ކުރިން ދާނުއަށް.. ދާނު ބުނީ އެމީހުންނާއެކު އަންނާށޭ" މަލަކްގެ އަޑު އައީ ކެނޑިކެނޑިގެން ނަމަވެސް އިވާންއަށް މަލަކް ދައްކަންއުޅޭ ވާހަކަ ނަގައިގަނެވޭވަރު ވިއެވެ. "ކާރަށް.. މަލް ކާރަށް އެރިއިރު.. އިތުރު މީހަކު އިނީ.. ޑްރައިވަރ ސީޓުގަ.. އޭނަ އަތުގަ އޮތީ.. ދާނު.. ދާނުގެ ފޯނު.. އެހިސާބުން އައި ނިއު.. އައި ފްރޯޒް.. އައި ކުޑުންޓް އިވަން މޫވް ވެން.. ދޭ އޯލް.."
"ޝްޝްޝް ދެޓްސް އިނަފް މަލް.." މަލަކްގެ ވާހަކަ އިތުރަށް އަޑުއަހާކަށް އިވާންއަށް ފަސޭހައެއްނުވި އެވެ. ވީއިރު މަލަކްއަށް އެ ވާހަކަތައް ކިޔައިދޭން ކިހާ އުނދަގޫވާނެކަން އެނގި އިވާން ބޭނުންވީ އެހިސާބުން މަލަކް ހުއްޓުވާށެވެ. އެހެނަސް މަލަކްގެ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރި އެވެ. "ދެޓްސް ވައި އައި ވޯންޓަޑް ޓު ރަން ޓުނައިޓް.. އައި.. އައި ޑިޑިންޓް ނޯ އެއީ ޝޯންކަމެއް އައި ތޯޓް-"
"މަލް.. ދެޓްސް އިނަފް.. ހިޔަރ.. ޑްރިންކް ސަމް މޯރ ވޯޓަރ.." އިވާންއަށް މިފަހަރު ބުނެލެވުނީ ތަންކޮޅެއް ހަރުކަށިކަމާއެކުގަ އެވެ. އޭނާއަށް ކިޔައިދިނުމުގެ ނިޔަތުގައިވިޔަސް މަލަކް އިތުރަށް އެ ކަންތައްގަނޑު ހަނދާންކުރާނެ ފުރުސަތެއް އޭނާ ނުދިނެވެ.
"ޝޯން ކޮބާ؟" މަލަކް ފެންބޮއި ހަމަޖެހިލުމަށްފަހު އަހައިލި އެވެ. އެ އަޑު ކޮޓަރީގެ ބޭރުގައިހުރި ޝާވިންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. މަލަކް އިވާންއާ ދެއްކި ވާހަކަތައް އިވި އޭނާއަށްވެސް ހުރެވުނީ ޝޮކެއްގަ އެވެ. ކުށެއް ނެތް އަންހެންކުއްޖަކަށް މުޑުދާރު ބަޔަކު އެ ދިން އަނިޔާގެ ހިޔާލުން ހިތުގައި އުފެދުނު ނުތަނަވަސްކަން ހަށިގަނޑަށް ފެތުރިގަތީ މޭ ނުބައިކޮށް ލޮލުން ފެންނަ އަންނަ ހިސާބަށް އޭނާގެ ހާލަތު ދުއްވައިލަމުންނެވެ. މަލަކްގެ އެދުމަށް އިވާން އޭނާ ހޯދަން ހިނގައިގަތް އަޑު އިވި ޝާވިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެގޭގެ ސިޑިން ފޭބީ އޭނާ އެހާލަތުގައި ވަނިކޮށް އިވާންއަށްވެސް ފެންނަން ނޭދޭތީ އެވެ.
"ހިނގައްޖެ.." އިވާންއަށް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލެވުނީ ޝާވިން އެތަނުން ދިޔަ ފަހުންނެވެ. އޭނާ އަނެއްކާވެސް އައިސް މަލަކްގެ ގާތަށް ހުއްޓިލި އެވެ. "މަލް.. ދެން އެކަމާ ނުވިސްނާ.. ދައްތަ އަންނައިރު މަލް ތިހެން އިނިއްޔާ ވަރަށް ކަންބޮޑުވާނެ. ޓްރައި ޓު ފްރެޝެން އަޕް އޯކޭ؟" އިވާން އޯގާތެރިކަމާއެކު މަލަކްގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. މަލަކްއާމެދު އޭނާގެ ހިތްވަނީ ހަމްދަރުދީއިން ފުރިފަ އެވެ.
މަލަކް ބޯ ޖަހައިލުމާއެކު އޭނާ މަލަކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުތެވެ. އެހެނަސް މަލަކްގެ ކޮޓަރީގެ ދޮރު ހަމަ ލެއްޕުމާއެކު އޭނާގެ މޫނުމަތިން އެ ހިނިތުންވުން ފިލައި ގޮސްފި އެވެ. އަމިއްލަ ކޮޓަރިއަށްވަދެ ދެފަރާތަށް ކުރުކާލި ކަނޑަން ފެށިއިރު ނިތްކުރިއަށް ޖަމާވެފައިވާ ރޫތަކުން ކަމަކާ ފިކުރު ކުރަމުންދާކަމަށް ދައްކަ އެވެ. "މަލް ޓެކްސްޓް ކުރިން ދާނުއަށް.. ދާނު ބުނީ އެމީހުންނާއެކު އަންނާށޭ.." އޭނާއަށް އުނދަގޫކުރަމުން ދިޔައީ މަލަކްގެ އެ ޖުމްލަ އެވެ. މަލަކް ފަހުން ކިޔައިދިން ވާހަކަތަކުން އޭނާއަށާއި މަލަކްއަށް އެއީ އިދާންކުރި މެސެޖެއް ނޫންކަން އެނގޭހާވިޔަސް އެ ވާހަކަ ނޭނގޭ ބަޔަކަށް އެ މެސެޖުގެ ހަގީގަތް ދޭހަ ކުރެވޭނީ ވަރަށް ގޯސްކޮށެވެ.
އިވާންގެ ހިތުގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ. އޭނާއަށް އެ ހުރިހާކަމެއް ކުރިއިރު މައިރާއަށް އެ މެސެޖާ ގުޅޭގޮތުން ކަމެއް އެނގިފައި އޮވެދާނެ ބާއެވެ؟ އެހެން ކަމަށްވާނަމަ މައިރާއަށް އެ ހުރިހާކަމެއް ކުރެވުނީ ވަރަށްބޮޑު ހުއްޖަތެއްގެ މައްޗަށް ބުރަވެ ހުރެކަން އިވާންއަށް ގަބޫލު ކުރެވުނެވެ. ހުދު އޭނާއަށްވެސް އެ ވަނީ އެކަމަށް ސިގްނަލް ދެވޭފަދަ އެތައް ވާހަކައެއް މައިރާއާ ދެކެވިފަ އެވެ. އެއްރެއަކު މައިރާއާ ދެކެވުނު ވާހަކައެއްގައި ދޫ އޮޅިގެން މަލަކްގެ ނަންވެސް ބޭނުން ކުރެވިފައި ވެއެވެ. އެހެން ހިތަށް އަރުވައިލުމާއެކު އިވާންގެ ސިކުނޑީގައި ކޮށްޓައިލީ އެރޭ އޭނާއަށް މައިރާއާ ދެއްކުނު ވާހަކަ އެކެވެ. "މީގެ އަހަރެއް ދެ އަހަރެއްވަރު ކުރިން ސަފާޔާގެ އެކަޑަމީއެއްގަ ކޯހެއް ހެދިއިރުވެސް ވާހަކަދެއްކިން ކުއްޖަކާ… އެއީ އެކަމަކު އެކުއްޖާ ހަމަ ބޮލުގަ ކޮށާވަރުން ނުކުޅަދާނަ ވެގެން.. މީޓްވެސް ނުވެ ފޯނުން ވަރަށް ދުވަހު ޗެޓްކުރިން.. ދެން މީޓްވާން ބުނިރޭ... ލެޓްސް ޖަސްޓް ސޭ އިޓް ޑިޑިންޓް ގޯ ވެލް"
"ޑޭމްން އިޓް! ވައި ޑިޑް އައި ސޭ ދެޓް؟" އިވާންގެ މެއަށް ބާރުވެ ކޮޓަރިތެރޭގައި ފިތެމުންދާކަމުގެ އިހުސާސެއް ވާން ފެށުމާއެކު ލައިގެންހުރި ޓީޝާޓު ގަޔާ ވަކިކޮށްލުމަށްފަހު އޭނާ ބެލްކަނީގެ ދޮރު ހުޅުވައިލަމުން ބޭރަށް ނުކުތެވެ. ހާސްވެގެން އުޅޭ މީހަކު ފަދައިން ރެއިލިންގްގައި ބާރަށް ހިފަހައްޓައިލުމަށްފަހު އަނގަ ހުޅުވާލައި، އެތެރެއަށް ބޮޑު ނޭވާއެއް ދަމައިލި އެވެ. ނަމަވެސް ވަގުތުގެ ހިމޭންކަމަށް ހިތްގައިމުކަން ގެނުވަމުން އައި ރޭގަނޑުގެ ފިނި ރޯޅި ހަށިގަނޑުގައި ބީހެން ފެށުމާއެކު މީހާ ހަމައަކަށް އެޅިލާކަށް މާ ވަގުތެއް ނުނެގި އެވެ.
އިވާން ބެލްކަނީގެ ވަށައިގެން މާނަފުން ނަޒަރެއް ހިންގައިލި އެވެ. ރަށުގައި އެ ހޭދަކުރެވުނު ތިންހަތަރު ދުވަހުގެ ތެރޭގައި އޭނާއަށް އެ ބެލްކަންޏަށް ނުކުމެލާނެހާ ހިތްވަރު އެ ލިބުނީ އަދި ކިރިޔާ އެވެ. އެއީ އޭނާއާއި މައިރާގެ އެތައް ހަނދާންތަކާ ގުޅިފައިވާ ބެލްކަންޏެކެވެ. ކޮޓަރި ތެރޭގައި ފޫހިވެގެން އުޅޭ ދުވަހަކުވެސް އޭނާ އެތަނަށް ނުނިކުންނަނީ އެ ހަނދާންތައް އާކުރަން ބޭނުން ނުވާތީ އެވެ. މިހާރުވެސް ޖެހިގެންހުރި ބެލްކަންޏަށް ބަލައިލާ ކޮންމެ ފަހަރަކު މައިރާ ދެންމެ ދެންމެ އެ ބެލްކަންޏަށް ނުކުމެދާނެއޭ އިވާންއަށް ހީވާ ކަހަލަ އެވެ. އެ ދެ ބެލްކަނީގެ ދެމެދުގައިވާ ޖާގަ ހުރަސްކޮށްލުމަށްފަހު އައިސް އޭނާގެ އަތުތެރެއަށް ވަދެދާނެއޭ ހީވާ ކަހަލަ އެވެ.
"ގޯޝް.. އައި މިސް ޔޫ.." އިވާން ހިންދިރުވައިލަމުން ޖީންސުގެ ޖީބުގައި އޮތް ފޯނުގައި އަތް ޖައްސައިލި އެވެ. ދެ ހިޔާލެއްގައި ހުރުމަށްފަހު ފޯނު ނަގައި މައިރާއަށް ގުޅައިލީ އެކަމަށް އެކަށޭނެ ބަހަނާއެއް ތައްޔާރު ކޮށްލަމުންނެވެ. އާނއެކެވެ. އޭނާ މައިރާއަށް މި ގުޅަނީ އެ ހާދިސާގައި ގެއްލުނު މަލަކްގެ ފޯނާ ގުޅިގެން ސުވާލު ކުރަން ކަމުގައި އިވާން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
-------------
"އެހެންވީމަ ސްޓޮކް ކައުންޓްގެ ކަންތައް އެމީހުން ކުރިއަށް ގެންދާނެތާ ދޯ؟ ދެން އޮތީ ބަޖެޓު.. މިފަހަރުގެ ބަޖެޓު މިހާރު ނިންމާލެވިއްޖެތަ؟" މުރުޝިދު ވާހަކަދެއްކީ އޭނާއާއެކު މީޓިންގް ރޫމުގައި އިން މައިރާއާ އެވެ.
"ވަރަށް ބޮޑަށް ކުރިއަށް ގޮސްފި. އަދި އެންމެ ފަހުގެ ސްޓޭޓަސް ބަލައެއް ނުލެވޭ. މި ވީކްގަ އުޅެވުނީ ބީޑީ ސެކްޝަންގެ ހެޑާއެކު އާ ޕްރޮޖެކްޓްތަކުގެ އެޕްރެއިސަލްތައް ބެލުމުގަ. ސްކޫލުގެ ކަންތައް ސްޓޭބަލައިޒް ކުރެވުނީމަ މިލާންގަ އަލަށް ހުޅުވާ އައުޓްލެޓް އެންމެ ބޮޑު ފޯކަސްއަކީ. ހޯޕްފުލީ ދެޓް ވިލް ޓޭކް އަސް ޓު ނިއު ގްލޯބަލް ހައިޓްސް. މިކޮޅުގަ ހުރި ލެސް އެފިޝިއެންޓް އައުޓްލެޓްސް ޑިސްޕޯސް ކޮށްލެވޭނެ" މައިރާ ބުންޏެވެ.
"މާދަމާ އެންމެ ފުރަތަމަ ކަމަކަށް އޭގެ ސްޓޭޓަސްއެއް ބަލާލަންވާނެ އެނގޭ. އައްޑޫ އައުޓްލެޓްގަ އެކަނި ދޯ ބަޖެޓްކުރި ވަރަށްވުރެ ދަށް ރެވެނިއުއެއް މި އުޅެނީ؟ މިފަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކަން ކޮންސިޑަރ ކުރަންވާނެ. އެކޮޅުގެ އޮޕަރޭޓިންގް ލޮސް ކުރީ އަހަރަށްވުރެވެސް ބޮޑުވެފަ މި އޮތީ" މުރުޝިދު އެ ފާހަގަކުރި ނުކުތާތައް މައިރާ ލެޕްޓޮޕުގައި ނޯޓު ކޮށްލި އެވެ. އޮފީހުގެ ރަސްމީ ވަގުތު ނިމި، އިމާރާތް ހުސްވެފައި އޮތަސް އެ ދެބަފައިންގެ މަސްއޫލިއްޔަތުތަކަށް ނިމުމެއް ނެތެވެ. ހުސްވެފައިވާ ޗީފް އެގްޒެކިއުޓިވްގެ މަގާމަށް މައިރާ ވާދަކުރަން ނިންމީއްސުރެން އޭނާ އެކަމަށް ތައްޔާރު ކުރުމަށް މުރުޝިދު ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
"އޯކޭ. މާދަމާ ތި ރީޖަންގެ މެނޭޖަރާއެކު ޒޫމް މީޓިންގެއް ބޭއްވޭތޯ ބަލާނަން. ބައްޕަ މި މީޓިންގް އެރޭންޖް ކުރީމަ މިއަދު އަދި ކިރިޔާ އަޅުގަނޑަށްވެސް މި ފިގަރޒްތައް ބަލާލެވުނީ" މައިރާ އަދަބުވެރިކަމާއެކު ބޯ ޖަހައިލި އެވެ.
"އެ ރަނގަޅުވާނެ. ބައްޕައަށްވެސް އަންގާލާތި މީޓިންގް ރާވާފަ. އޭރުން ގޭގަ ހުއްޓަސް ބައިވެރިވެވޭތޯ ބަލާނަން. މަންމަ އަނެއްކާވެސް މާ ޕްރެޝަރ ބޮޑުކޮށް ދާ ދުވަސްކޮޅެއް މިއީ. ކީއްކުރާނީ.. މައިޝާންހުރި މަދު ދުވަސްކޮޅުގެ ތެރޭގަ ފުނިޖެހިފަ ހުރިހާ ކަންކަން ވިއްޔަ" މިފަހަރު މުރުޝިދުގެ ވާހަކައަށް ވަކި އެއްޗެކޭ ނުބުނެ މައިރާ ހިނިތުންވުމަކުން ފުއްދައިލީ އެވެ. އެވަގުތު މައިޝާންގެ ވާހަކަ ދައްކައިގެން މަސައްކަތުގެ މޫޑު ދުއްވައިލަން އޭނާ ބޭނުން ނުވީ އެވެ. ހެނދުނުއްސުރެން ރޭގަނޑަށް މަސައްކަތުގައި އުޅެން ޖެހުމުން މިހާރު އޭނާގެ ހަށިގަނޑުގައި އެ މޫޑު އުފުލައިލަން ކަމެއް ކޮށްލާނެހާ ހަކަތައެއްވެސް ނެތެވެ.
ގަޑި ބަލައިލުމަށްޓަކައި ސައިލެންޓަށް ލާފައި އޮތް ފޯނު މޭޒުމަތިން ނަގަމުން މައިރާ އެއަށް ނަޒަރު ހުއްޓައިލި އެވެ. މިނެޓެއްހާއިރު ކުރިން މިސްވެފައިވާ އިވާންގެ ކޯލެއް އޮތްތަން ފެނުމާއެކު އޭނާ އައިސްފައިހުރި ނިދިވެސް ފިލައިގެން ދިޔަ ތަނެއް ނޭނގެ އެވެ. އޭނާގެ ތުންފަތަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެ، ހިތުގެ ތެޅުމަށްވެސް އެނގުން ވެލައިފި އެވެ.
"މިއީ.. އަޅުގަނޑު.. އަޅުގަނޑު އެބަ އަންނަން އެނގޭ" މައިރާ ކަށްޓެއް ޖެހިފަދައިން އިން ގޮނޑިން ތެދުވެ މީޓިންގް ރޫމުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ޖެހިގެންހުރި ފަންގިފިލާގައި ހުންނަ އޭނާގެ ކެބިންއަށް ވަދެވުމުން އިސްތަށިގަނޑު ހުޅިއެއްގައި ހައްޔަރުކުރުމަށް ޖަހާފައިވާ ފަންސޫރު ނައްޓައިލި އެވެ. ފޯނުން އިވާންގެ ނަންބަރަށް ގުޅައިލުމުގެ ކުރިން އިސްތަށިގަނޑު ރީތިކޮށްލައި ލައިގެންހުރި އޮފީސް ގަމީހަށް ދަމާލައި ރީތިކޮށްލި ގޮތުން ހީވަނީ ފޯނުގެ އަނެއްފަރާތުގައިހުރި އިވާންއަށް އޭނާ "ފެނިދާނޭ" ކަމަށް ތައްޔާރުވެލި ހެނެވެ.
ފޯނަށް ޖަވާބެއް ނުލިބި ފާއިތުވަމުންދިޔަ ކޮންމެ ރިންގަކާއެކު މައިރާ މާޔޫސްވަމުން ދިޔަ އެވެ. އޭނާ އެހާވަރުން އެކަމަށްޓަކައި ހުސްވެގެން އައީމަވެސް އިވާން އޭނާއާ ވާހަކަދައްކަން ބޭނުން ނުވަނީ ހެއްޔެވެ؟ އެހެންވިއްޔާ އިވާން އިސްނަގައިގެން އޭނާއަށް ފޯނު ކުރަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެއީ އިވާންއަށް އޮޅިގެން ކުރެވުނު ކޯލެއް ހެއްޔެވެ؟ ނާއުއްމީދު ވެފައިހުރެ މޭޒަށް ލެގިލި ވަގުތު ކުއްލިއަކަށް އިވާން އެ ކޯލަށް ޖަވާބުދިނެވެ. "ހެލޯ؟"
"ހައި" މައިރާ އަވަސްއަވަހަށް މޭޒާ ދުރަށް ޖެހިލިގޮތުން ހީވީ އޭނާގެ ފައި އޮޅި ވެއްޓެން ހިނގައިދާނެ ހެނެވެ. ކެބިންގެ ފަހަތުގައިހުރި ބިއްލޫރި ދޮރުފަތް ކަހައިލަމުން ބެލްކަންޏަށް ނުކުމެލި އެވެ.
"ހައި.. ވަޓްސް އަޕް" އިވާންގެ ޖަވާބު އައީ އިރުކޮޅެއް ފަހުންނެވެ. މައިރާއަށް ފޯނުކުރުމަކީ ހަމަ އެންމެ ރަނގަޅު ހިޔާލު ކަމާމެދު އޭނާގެ ހިތާއި ސިކުނޑި ދެބަސްވަމުންދިޔަ އެވެ.
"މާބޮޑު ކަމެއް ނެތް. އޮފީހުގަ މި އުޅެނީ" މައިރާގެ ޖަވާބުވެސް ކުރެވެ. އިވާން އޭނާއާމެދު ނުބާއްވާ އެކުވެރިކަމެއް ދައްކަން ބޭނުން ނުވީ އެވެ.
"މިހާ ލަސްކޮށް؟" އިވާންއަށް އަހައިލެވުނެވެ.
"ހްމްމް ކުޑަކޮށް ބިޒީ ދުވަސްކޮޅެއް ވީމަ.. ބައްޕައާ އެއްކޮށް ޑިސްކަޝަނެއްގަ ދެންމެ އިނީ. އެކަމަކު މިހާރު ނޭނގެ ބައްޕަ ނުދާ ކަމެއްވެސް. މައިވެސް ދެން ދާނީ އިރުކޮޅަކުން. ވަރަށް ވަރުބަލި" މަގުމަތީގައި ސަރާސަރަށް ދަމާލެވިފައިވާ ވެހިކަލްތަކުގެ އަލިތަކަށް ބަލައިލަމުން މައިރާ ފުން ނޭވާއެއް ދޫކޮށްލި އެވެ.
"މިއީ.. އަމްމް. އެކަނިތަ ދަނީ؟ މީހަކު ފޮނުވަދެންތަ؟ ގެއަށް ގެންގޮސްދޭން؟" އިވާންގެ ހިތުގައި އުފެދުނު ކަންބޮޑުވުން ދުލާ ހަމައަށް ގެނެވުނީ ބޭއިޙްތިޔާރުގަ އެވެ. އޭނާއަށް ވަގުތުން ދެލޯ މަރައިލަމުން ދުލުގައި ދަތް އަޅައިލެވުނެވެ.
"ކާކު؟" މައިރާ އަހައިލި އެވެ. އިވާންގެ ކަންބޮޑުވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ލޯބިކަން ގަބޫލުކުރަން އޭނާ އިންތިހާއަށް ބޭނުމެވެ. ނަމަވެސް ކަން އޮތީ އެހެން ނޫންކަން އިވާން ވަނީ އެތައް ފަހަރަކު އޭނާއަށް ބުނެދީފަ އެވެ. އިވާންއަކީ ރަނގަޅު ހިތްހެޔޮ އިންސާނެކެވެ. އެ ހިތްހެޔޮކަމުގައި އިވާން އެފަދަ ކަމެއް ހުށަހެޅީކަމަށް މައިރާ ނިންމި އެވެ.
"އައުޒަމްގާތު ބުނެލިޔަސް ދާނެ" އިވާން ބުނެލި އެވެ.
"ނޫން.. ދެން އައުޒަމްއަށް އުނދަގޫ ކުރަނީ ކީއްކުރަން. އައިލް ބީ ފައިން.. އަމިއްލައަށް ނުދުއްވޭހާ ނިދި ގަދަވިއްޔާ ޒެފްއަށް ގުޅާލާނީ" މައިރާ ރައްދުގައި ބުންޏެވެ.
"އޯހް. ޒެފް. ޔާ ހައު ކޭން އައި ފޮގެޓް؟" އިވާންގެ އަޑުގައިވަނީ މަލާމާތުގެ އަސަރެވެ.
"އިވާން. އިވާން ޒެފްދެކެ ތި ރުޅި އަންނަނީ އެއްވެސް ކަމަކާނުލާ. އަހަރެން ބުނީމެއްނު ޒެފްގެ އެއްވެސް ކުށެއް ނެތޭ" މައިރާ އެ ބުނި ބުނުމުގެ ތެދުކަން ޙުދު އިވާންއަށްވެސް ގަބޫލު ކުރެވެ އެވެ. ނަމަވެސް މައިރާ މާވަރަކަށް ޒެފަން ދިފާއުކުރަން އުޅޭ އުޅުން އޭނާއަށް އެއްވެސް އިރެއްގައި ކަމަކު ނުދެ އެވެ. ބުނާނެ އެއްޗެއް ނޭނގުމުން އޭނާ އިޙްތިޔާރުކުރީ ހިމޭންކަމެވެ. އެ ހިމޭންކަމުގައި ބެލްކަނީގެ ރެއިލިންގްއަށް ލެގިލަމުން ޖީބަށް އަތްޖަހައިލި އިރު ވައިރޯޅިއާއެކު ހެލެމުންދިޔަ ގަސްތަކުގެ މިއުޒިކުގެ އަޑަށްވުރެ ގާތުން މިހާރު އިވެމުން ދިޔައީ ފޯނުގެ އަނެއް ފަރާތުގައިހުރެ މައިރާގެ ހިމޭން ނޭވާގެ އަޑެވެ. އިވާން އިތުރަށް އެ ވަގުތުކޮޅުގެ ތެރެއަށް ގެނބެމުން ދެލޯ މަރައިލި އެވެ.
"އިވާން؟" ހިމޭންކަން ދިގުލައިގެން ދާން ފެށުމުން މައިރާއަށް ގޮވައިލެވުނެވެ. އެއާއެކު އިވާން ބޭނުންވީ އިތުރަށް އެ ގޮތުގައި މަޑުކޮށްލާށެވެ. މައިރާ އޭނާއަށް ގޮވައިލާ ގޮތުގައިވެސް އެ ހުންނަ ޖާދުލެއްތާ އެވެ؟ ހިތް ފުރިގެން ބަންޑުންވާހާވެ އެވެ.
"ހަލޯ؟ އަރ ޔޫ ދެއަރ؟" މައިރާ އަނެއްކާވެސް ގޮވައިލި އެވެ. މިފަހަރު އިވާންއަށް ހަމަބިމަށް ފައިބަން މަޖުބޫރުވި އެވެ.
"ޔެސް.. ޔެސް އެބަހުރިން. އަހަރެން ސުވާލެއް ކޮށްލަންތަ؟" އިވާންގެ ސުވާލަށް މައިރާ ހޫން އަޅުވައިލުމާއެކު އޭނާގެ ވާހަކަ ބަދަލުކޮށްލީ މައިރާއަށް ގުޅަން ޖެހުނު "ހަޤީޤީ މަޤްސަދާ" ދިމާލަށެވެ.
"އެރޭ މަލްގެ ފޯނު ރިކަވަރ ކުރެވުނުތަ؟" އިވާން މާ ކުއްލިއަކަށް އެ ހާދިސާއާގުޅޭ ސުވާލެއް ކުރުމުން މައިރާއަށްވެސް ހުރެވުނީ ވާނުވާގަ އެވެ. ނަމަވެސް އޭނާ އެ ސުވާލަށް ޖަވާބުދޭން އަވަސްވެގަތެވެ.
"ހްމްމް. ނެޑް އަތުގަ ވީ. ނެޑް އޭގެ ޕާސްވޯޑް ކްރެކް ކުރެވޭތޯ އުޅުނު. ނޭނގެ ފަހުން ކުރި ކަމެއް. ކިހިނެއްވީ؟" މައިރާގެ ވާހަކައިން އިވާންއަށް ހައިރާންކަމެއް ލިބުނެވެ. އޭނާއަށް ނަދާލްގެ ގޮތް ކުޑަކޮށްވެސް އެނގޭނަމަ ނަދާލް އޮންނާނީ މިހާރު ކޮންމެ އަގެއް ދައްކާފަވިޔަސް އޭގެ ޕާސްވޯޑު ފުނޑާލައިގެން ފޯނު ރަނގަޅަށް ބަލައިފަ އެވެ. ނަދާލްއަކީ އެވަރުގެ ކަމެއްގައި ފަރުވާކުޑަ ކުރާނޭ މީހެއް ނޫނެވެ. އެކަމަކު ނަދާލް އެކަންތައް މައިރާއަށް ނާންގައި އޮތުމުން މި ކަންތައްގަނޑުގައި މައިރާއަށް ނޭނގޭ ކަމެއްވެސް އުޅެދާނެކަމާމެދު އިވާންއަށް ތާޒާ ސިކުނޑިއަކުން ވިސްނައިލަން މަޖުބޫރުވި އެވެ.
"އިވާން.. ކަމެއް ގޯސްވީތަ؟" މައިރާއަށް އަހައިލެވުނެވެ.
"ނޫން.. ނޫން ކަމެއް ނުވޭ" އިވާން އެ ވާހަކަ އިތުރަށް މައިރާއާ ދައްކާކަށް ބޭނުމެއް ނުވި އެވެ. އޭނާ ދެން އެވާހަކަ ދައްކާނީ ނަދާލްއާ އެވެ. މައިރާ ކިތަންމެ ވަރަކަށް އޭނާގެ ބަރުބާދީގެ ޒިންމާ އަމިއްލައަށް ނަގަން އުޅުނަސް އޭރު މައިރާ ނެގި ކޮންމެ ފިޔަވަޅަކަށް ނަދާލް ދިޔައީ ސީދާ ގޮތެއްގައި ނުފޫޒު ފޯރުވަމުންކަން އޭނާއަށް އެނގެ އެވެ. އެފަދަ ކަންކަމުގައި މައިރާގެ މައްޗަށް ނަދާލް ނުފޫޒު ފޯރުވާވަރު އޭނާ ވަނީ އެތައް ދުވަހަކު ލޮލުން ދެކި އަތުން ހިފައިފަ އެވެ. މައިރާ މަލަކްއަށް ހަގީގަތް ފޮރުވަން މަސައްކަތްކުރި ދުވަހެވެ. އައިލީންއާ އޭނާ ބައްދަލުކުރަން ހުރަސްއެޅި ދުވަހެވެ. މައިރާ އެ ބުނާ ޕްރެސް ކޮންފަރެންސެއް ބާއްވަން އުޅުނު ދުވަހެވެ. އެއިން ކޮންމެ ފަހަރަކުވެސް ނަދާލްވަނީ މޮޅު ވާހަކަތައް ދައްކައިގެން މައިރާގެ ހިޔާލު ނަދާލް ބޭނުންވާ ގޮތަށް އަނބުރައިލާފަ އެވެ.
"މަލް ރަނގަޅުތަ؟" މައިރާ ދެންވެސް އަހައިލި އެވެ. އިވާން މާ ކުއްލި ގޮތަކަށް އެ މައުލޫ ނެގުމުން އޭނާއަށް ފުރަތަމަވެސް ހީކުރެވުނީ މަލަކްއަށް ކަމެއް ދިމާވީ ކަމަށެވެ.
"ޔެސް.. މިހާރު ވަރަށް ބޮޑުތަން ރަނގަޅު. މިރަށަށް ގެނައުން މިއީ މަލްއަށް ވަރަށް ރަނގަޅަށް ކޮށްދެވުނު ކަމެއްހެން ހީވަނީ" އިވާން ޖަވާބު ދިނެވެ.
"އަހަރެންވެސް ވަރަށް ބޭނުން ދާން" މައިރާއަށް ބުނެވުނެވެ. "އައި ރިއަލީ ލައިކްޑް އިޓް ދެއަރ.. ވަރަށް ހިތްފަސޭހަ.. ސަންސެޓްސް ވެސް ރީތި ރަށެއްނު ތިއީ. ޔޫ ސީ މެނީ ބިއުޓިފުލް ސަންސެޓްސް ދެއަރ ދޯ؟" މަލަކް ހެޔޮހާލުގައި ހުރިކަން އެނގުމުން ލިބުނު ތަސައްލީގައި އޭނާއަށް ވާހަކަދެއްކުނީ މާބޮޑު ވިސްނުމަކާނުލަ އެވެ.
"އައި ޑޯންޓް ނޯ އަބައުޓް މެނީ.. ބަޓް އައިވް ޑެފިނިޓްލީ ސީން ވަން" ހިމޭންކަމުގެ ސުކޫތަކަށްފަހު އިވާން ބުނެލި ޖުމްލައިގައި ފޮރުވިފައިވާ މާނަ މައިރާއަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ އެފަދަ ސުވާލެއް ކުރީ އެއްވެސް ވަރަކަށް އިވާންގެ ފަރާތުން އެފަދަ ޝާއިރީ ރައްދަކަށް އުއްމީދު ކޮށްގެނެއް ނޫނެވެ. އިވާން އެ އިޝާރާތް ކުރީ އޭނާއާއެކު އެރަށުގެ ތުނޑިއަށް ދިޔަ ދުވަހަށްކަން އެނގި މައިރާގެ ހިތް އުފަލުން ނަށައިލި ނަމަވެސް ދެވަނަ ސިކުންތުގައި އިވާން ބުނެލި ވާހަކައަކުން އޭނާގެ ހިތް އެކީ ގެންބިގެންދިޔަ އިހުސާސެއް ކުރެވުނެވެ.
"އައިމް ސްޓުޕިޑް. ވެން ޔޫ އާސްކްޑް މީ އިފް ދަ ސަންސެޓް އިޒް ބިއުޓިފުލް.. އައި ޑިޑިންޓް ގެޓް ދަ މެޓަފޯރ... ޔޫ ވަރ ރިއަލީ ލެޓިންގް މީ ގޯ.. ސިންސް ދަ ފަސްޓް ޑޭ! އައި ނެވަރ ރިއަލީ ހެޑް ޔޫ ޑިޑް އައި؟" އިވާންގެ އަޑުގައިވީ ޝަކުވާއެވެ. މައިރާގެ މޫނަށް ވަގުތުން މާޔޫސްކަމުގެ ކުލަވަރު ވެރިވި އެވެ.
"ނޯ ޔޫ ސްޓިލް ހޭވް މީ. އިވާން ޕްލީޒް.. އައި-"
"އިޓް ވޯޒް އަ ބިއުޓިފުލް ސަންސެޓް މައިރާ..." މައިރާގެ ވާހަކަ ފުރިހަމަ ކުރާނޭ ފުރުސަތެއް އިވާން ނުދިނެވެ. "ގުޑް ބައި.."
އިވާން އަވަސްއަވަހަށް ފޯނު ކަނޑައިލީ އެ އަޑުގައި އުފެދުނު ރިހުން މައިރާއަށް އިއްވަން ބޭނުން ނުވީތީ އެވެ. ފުނޑުފުނޑު ވެގެންދާހާ ބާރަށް އަތުގެ ތެރޭގައި ފޯނު ހިފަހައްޓައިލަމުން އޭނާ ޖެހިގެންހުރި ބެލްކަންޏަށް ބަލައިލި އެވެ. އެއާއެކު އޭނާއަށް ހިންދިރުވައިލަމުން ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނު އިރު އެ ދަތްދޮޅީގައި މަޑު ތުރުތުރެއް ހަރުލާފައި ހުއްޓެވެ. އެތަނުގައި މަޑުކޮށްފިނަމަ މީހާ އިތުރަށް ބަލިކަށި ވެދާނޭކަމަށް ވިސްނި އިވާން ލަސްނުކޮށް ކޮޓަރިއަށް ވަނެވެ. ބެލްކަނީގެ ދޮރު ލައްޕައި ތަޅުލުމަށްފަހު ދޮރު ފޮތިގަނޑު ކަހައިލީ ދެން އެ ދޮރު ނުހުޅުވާނެ ކަމަށް ނަފްސަށް ވައުދު ވަމުންނެވެ. އުއްޑުން އެނދުމައްޗަށް ވެއްޓިގަތްއިރު އޭނާއެކޭ ދިރުމެއް ނެތް މައްޔިތެކޭ ތަފާތެއް ނެތެވެ. ލަސްލަހުން ވައަތް ހިއްލާލައި މޭމަތީގައި ބާއްވައިލި އެވެ. ކުދިކުދިވެފައިވާ ހިތުގެ އެތިކޮޅުތަކުން އަދިވެސް މައިރާއަށްޓަކައި ޖަހަމުންދިޔަ ވިންދަށް ސަމާލުކަން ދޫކޮށްލައިގެން އޮވެ ދެލޯ މަރައިލި އެވެ.
***************
ލިބިފައިހުރި ވަރުބަލިކަމާއެކު ގެއަށް އައިސް ފެންވަރާލައިގެން އެނދުގައި އޮށޯވެލި ނަމަވެސް މައިރާގެ ދެލޮލާ ނިދި ވަނީ ބީރައްޓެހިވެފަ އެވެ. ކަންފަތް ދޮށުގައި ތަކުރާރުވަމުން ދިޔައީ އެރޭ ފޯނު ކަނޑައިލުމުގެ ކުރިން އިވާން ބުނެލި ފަހު ޖުމުލައެވެ.
"އިޓް ވޯޒް އަ ބިއުޓިފުލް ސަންސެޓް މައިރާ.. ގުޑްބައި" އިވާންގެ ޖުމްލަ މާނަކުރެވުނު ގޮތާމެދު މައިރާގެ ހިތް ބިރުގަންނަން ފެށި އެވެ. އޭނާއަށް އިވާން މުޅި އުމުރަށް ގެއްލުނީއޭ ބުނެދޭން އުޅުނު ކަހަލަ އެވެ.
"އިޒް ދިސް އިޓް؟ އާރ ވީ ރިއަލީ އޯވަރ؟" ފަރާތަކަށް ފުރޮޅިލަމުން މައިރާ ފޯނު ނަގައި މެސެޖެއް ލިޔެލި އެވެ.
އެ މެސެޖު ފޮނުވައިލުމުގެ ކުރިން އޭނާއަށް ދެވަނަ ވިސްނުމަކަށް ދާން ޖެހުނެވެ. އެ މެސެޖުގެ ޖަވާބު އަންނާނޭ ގޮތް އޭނާއަށް އެނގެއެވެ. އެ ފޮނުވައިގެން އޭނާގެ ހިތަށް ލިބޭނީ އިތުރު އަނިޔާ އެކެވެ. އޭނާއަށް އަނގަބަހުންވެސް އިވާންއާ އެ ސުވާލު ކިހާ ވަރަކަށް ކުރެވުނު ހެއްޔެވެ؟ އެއިން ކޮންމެ ފަހަރަކުވެސް އިވާން ވަނީ އެ ދެމެދުގައި މިހާރު ގުޅުމެއް ނެތްކަމަށް ތަކުރާރުކޮށް ބުނެދީފަ އެވެ. މައިރާ އެ މެސެޖު ފޮހެލުމަށްފަހު ފޯނު ބާލީސް ދަށަށް ލާފައި ދެލޯ މަރައިލި އެވެ. ނިދޭނެކަމުގެ އުއްމީދެއް އޮވެގެނެއް ނޫނެވެ. އެހެނަސް ދުނިޔެއާ ކުރިމަތިލާނެހާ ހިތްވަރު ނެތީތީ އެވެ.
**************
އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ ޝާވިންގެ ހިޔާލު ހިނދުކޮޅަކަށްވެސް ރޭގައި މަލަކް ދެއްކި ވާހަކަތަކާ ވަކިނުވެ އެވެ. ކިތަންމެ ހަނދާން ނައްތައިލަން ބޭނުންވިޔަސް އެއިން ކޮންމެ ގިސްލުމެއް، ކޮންމެ ޝަކުވާއެއް ވަނީ އޭނާގެ ސިކުނޑީގެ ހަމަޖެހުން ނަގައިލާފަ އެވެ. އޭނާއަކީ އެއްވެސް އިރެއްގައި ރުޅިގަދަ މީހެއް ނޫނެވެ. ނަމަވެސް އެ ވާހަކަތައް އިވުނީއްސުރެން އޭނާގެ ލޭ ކެކެމުންދަނީ އެއެއް މިއެއް ބަލައިފައެއް ނޫނެވެ. މަލަކްއަށް އެކަންތައް ކުރިބަޔަކު ހޯދައި އެމީހުންނަށް ހައްގު އަދަބު ނުދެވޭހާ ހިނދަކު އެ ރުޅިގަނޑު ފިނިވާނެހެނެއް ހިއެއްނުވެ އެވެ. އެކަމުގައި އިވާންއަށް އެހީތެރިވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު އެ އެހީތެރިކަން އޭނާ ފޯރުކޮށްދޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މަލަކްއަކީ ކުޑަމިނުން އޭނާގެ ރައްޓެއްސެއްވެސް ނޫނެވެ.
ކޮފީއެއް ގިރާލައިގެން އިދާރާގެ ގޯތިތެރެއަށް ނުކުމެލިއިރުވެސް ޝާވިންއަށް އެކަމާ ވިސްނެމުންދިޔަ އެވެ. ރޭގައި ހިނގައިދިޔަ ކަންތައްގަނޑަށްފަހު މަލަކް ހުންނާނީ އޭނާއާ ވާހަކަދައްކަން ނުކެރިފައިކަން ޝާވިންއަށް އެނގެ އެވެ. އޭގެ ކުރިންވެސް މަލަކްއަކީ އިސްނަގައިގެން އޭނާއާ ވާހަކަދައްކައި އުޅުނު ކުއްޖެއް ނޫނެވެ. އެހެނަސް އެ ގުޅުން އެގޮތަށް ހީނަރުވެފައި އޮންނާކަށް އޭނާ ބޭނުމެއްނުވެ އެވެ. އެއީ އޭނާގެ އެކުވެރި މިޒާޖުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ. އޭނާގެ ހިތް އެދެނީ މަލަކްއާ އެކުވެރިކަން ގާއިމު ކުރާށެވެ. ވިސްނެމުން ދިޔައީ މަލަކްއަށް ސިހުމެއް ނުދީ، ބިރުގަންނަވާ ނުލައި، އެކަން ކުރާނޭ ގޮތަކާ މެދުގަ އެވެ. އެކަމުގައި އޭނާވެސް އިވާންހާ ކުޅަދާނަނަމަ އެވެ. އެފަދަ ކަންކަމުގައި އޭނާއަށްވެސް ކޮންމެވެސް ވަރެއްގެ ތަމްރީނެއް ލިބިފައިވާނަމަ އެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝާވިން ފޯނު ނަގައި ނަންބަރަކަށް ގުޅައިލި އެވެ.
"ހަލޯ؟" ޖަވާބުދިނީ ރަށުގެ ސިއްހީ މަރުކަޒުގެ މެނޭޖަރެވެ.
"އޭ އަހަރެން ބުނީ.. މިކޮޅުގަ ހުރޭތަ ސައިކޮލޮޖިސްޓެއް؟" ޝާވިން އާދައިގެ ރާގެއްގައި އަހައިލި އެވެ.
"ދައްކާ ވާހަކަ. މިތާ ހުރޭތަ ސައިކޮލޮޖިސްޓެއް؟ ކުޑަމިނުން މިހާ މުސްކުޅިން ގިނަ ރަށެއްގަ އޯރތޯގަނޑެއް ހުރެގެންނު" މެނޭޖަރު ޖަވާބުދިނެވެ.
"ދެން އެކަމާ ނޫޅެ މިތިބެނީ ކީއްވެއޯ؟" ޝާވިން ހިތްހަމަނުޖެހިފައި އަހައިލި އެވެ.
"ބަޖެޓު މައްސަލަ ބްރޯ.. ތިކޮޅުން ނެގޯޝިއޭޓް ކޮށްދީބަލަ" މެނޭޖަރުގެ އަޑަށްވެސް ސީރިއަސްކަން ވެރިވި އެވެ.
"ހޫން.. ތިކަމާ އުޅޭކަށެއްނު މި ޖެހުނީ. މަ ބުނީ.. ދެން ކާކުތަ ހުންނަނީ އެކަހަލަ ކަމެއްގަ މިކޮޅުގަ؟ ނޫޅޭތަ ހަމަ އެކަކުވެސް؟" ޝާވިން އަނެއްކާވެސް މައުލޫއަށް ޖެހިލި އެވެ.
"ސްކޫލުގަ އުޅޭނެ ރީޝާ. ކައުންސެލިންގް.. އޭނައަށް މިކޮޅުންވެސް އާރޖެންޓް ކޭސްއެއް އައިއްޔާ މިވަގުތަށް ރިފަރ ކުރަނީ"
"ސީރިއަސްލީ އޮފް އޯލް ޕީޕަލް ރީޝާ؟" މެނޭޖަރުގެ ޖަވާބާއެކު ޝާވިންއަށް ދެލޯ މަރައިލަމުން ހިތާހިތުން ކުދި ކިޔައިލެވުނެވެ. އެއީ ރަށު ސްކޫލުގައި އެކީ ކިޔަވަމުން ދިޔައިރުއްސުރެން މިފަހަކާ ޖެހެންދެން އޭނާގެ ފަހަތުން އަޅައިގަނެގެން އުޅުނު ކުއްޖެކެވެ. ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. ނަމަވެސް ޝާވިން ހިތް ކިޔާކަހަލަ ގޮތެއް ރީޝާގެ ނެތީ އެވެ.
"ކީކޭ؟ އެއްޗެކޭ ބުނިންތަ؟" ފޯނުގެ އަނެއް ފަރާތުގައި ހުރި މެނޭޖަރަށް ޝާވިން ކީ އެއްޗެއް ސާފެއް ނުވި އެވެ.
"ނޫނޭ. އޭ އޯކޭ އެނގޭ. އެހެންވީމަ ތި އޯރތޯ ކަންތަކުގަ ވާހަކަދައްކަން އަދި ގުޅާނަމޭ" ޝާވިން ފޯނު ކަނޑައިލި އެވެ.
ދުވަހުގެ ބާކީބަޔަށް މަސައްކަތެއް ރޭވިފައި ނެތުމުންނާއެކު އިތުރަށް އޮފީހުގައި މަޑުކުރާކަށް ޝާވިން ގަސްތެއް ނުކުރި އެވެ. މެންދުރުގެ އެންމެ އަވިގަދަ ވަގުތެއްކަމަކު ވަކި މިސްރާބެއްނެތި ރަށުތެރޭގައި ސައިކަލު ދުއްވަމުންދިޔަ އެވެ. މާ ބޮޑަށް ހޫނުވާން ފެށުމުން ވައި ޖައްސައިލުމަށް ބަނދަރާ ދިމާލަށް ދުއްވަން ފެށި އެވެ. އިވާންމެންގެ ގެ ހުންނަ މަގާ އަނގޮޅިއަށް ހުންނަ މަގު ހުރަސްކޮށްލި ވަގުތު އޭނާއަށް އާދައިގެ މަތިން އިވާންމެންގެ ހުންނަ ދިމާލަށް އަވަސް ނަޒަރެއް ދެވުނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އޭނާއަށް ފެނުނު މަންޒަރުން ސައިކަލުގެ ދުވެލި މަޑުޖައްސައިލެވުނެވެ. މަޑު ނޫކުލައިގެ ޓޮޕްކޮޅަކާއި ހުދު ޖީންސަކާއެކު އިވާންމެން ގޭގެ ދޮރުމައްޗަށް ނުކުމެ އެ އުޅެނީ މަލަކް ފިޔަވައި އިތުރު މީހެއް ނޫނެވެ. މެންދުރުގެ ވަގުތެއްކަމަކު އެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބަނދަރާ ދިމާލުން ޖެހިލާ މަޑު ރޯޅިން އެ ފަން އިސްތަށިގަނޑުގެ ތަރުތީބު ގެއްލެމުން ދިޔަނަމަވެސް އެކަމަށް ފަރުވާލެއް ނުދީ މަލަކް އުޅުނީ މަގުގެ އެއްފަޅީގައި އޮތް ބުޅަލެއް ފޮޓޯ ނެގުމުގަ އެވެ.
ޝާވިންއަށް އިރުކޮޅަކު މަލަކްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެވުނެވެ. މަލަކްގެ ގާތަށްގޮސް ހާލު އަހައިލުމަށް ބޭނުންވި އެވެ. އެހެނަސް މަލަކް އޭނާދެކެ "ބިރުން" ދުއްވައިގަތް މަންޒަރު ދެންމެ ވީކަމެއްހެން ހަނދާނުގައި ހުރުމުން އެ ހިޔާލު ދޫކޮށްލުމަށްފަހު އަނެއްކާވެސް ސައިކަލު ދުއްވައިލި އެވެ. މަލަކް އޭނާއާ ކުރިމަތިލާން މުޅިން ތައްޔާރު ނޫންހެން ހީވާހާ ހިނދަކު މަލަކްގެ ކުރިމައްޗަށް ދާން އޭނާ ބޭނުން ނުވީ އެވެ. އެހެންކަމުން އެރޭ އިވާން ގުޅާފައި އެގެއަށް ދައުވަތު ދިނުމުންވެސް ޝާވިންއަށް ހުރެވުނީ އެގެއަށް ދިޔުމާމެދު ދެ ހިޔާލެއްގައެވެ. އިވާން ކުރު ނުކުރުމުން އޭނާ އެންމެފަހުން އެގެއަށް ދިޔައީ އެރޭގެ ދަންވަރު ބާރަޖެހުމާ ގާތްވެފައި ވަނިކޮށެވެ. އޭރު އިވާން ކަޕް ނޫޑްލްސް ތަށްޓެއް ހިފައިގެން ސިޓިންގްރޫމުގެ ސޯފާގައި ހަމަޖެހިލާފައި އިނެވެ.
"މިހާރު ނިދި އައިސްގެން ވެއްޓެނީ. ރޭގަ ޕީ.އެސް ގަނޑުވެސް މި ގޭގަ ބާއްވާފަ ދިޔަނަމަކާ ގުޅާކަށް ނުޖެހުނީހެއްނު؟" ޝާވިން ފެނުމާއެކު އިވާން އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށްލަމުން ވާހަކަދެއްކި އެވެ.
"އާން ރޭގަ ދެން ތިކަހަލަ ކަމަކާ ވިސްނޭވަރެއް ނޫންތާ؟ ކޮތަޅަށް ލާފަ ސައިކްގަ އަޅުވާފަ އިންގޮތަށް ހިފައިގެން ދެވުނީ" ޝާވިން ސިޓިންގްރޫމުގައިހުރި ޓީވީ ކައިރިއަށް ޖެހިލަމުން އެ ޕީ.އެސް ގުޅައިލި އެވެ.
"އިޒް ޝީ އޯކޭ ނައު؟" ގޭމު ކުޅޭ އަތްގަނޑު ހިފައިގެންއައިސް އިވާންއަށް ދިއްކޮށްލަމުން ޝާވިން އަހައިލި އެވެ.
"ތެދަށް ބުނަންޏާ މަށަކަށް ނޭނގެ ތިއަށް ބުނާނެ އެއްޗެއް. އޯކޭ ކަމަށް މި ބަލަނީ" އިވާން އާފުރިލަމުން ބުންޏެވެ. އޭނާ އުޅުނު ގޮތުން ދެން އެރޭ މާގިނައިރަކު ހޭލައި ނީންނާނެކަން އެނގޭހާވެ އެވެ. ދެތިން މެޗެއް ކުޅެލާފައި ނިދި އައިސްފިކަމުގެ ބަހަނާގައި އެތަނުން ހިނގައްޖެ އެވެ.
އިވާން ދިޔުމަށްފަހުވެސް ޝާވިން އެތަނުގައި މަޑުކޮށްލައިގެން އިނީ އެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތީތީ އެވެ. މިހާރު މެންދުރު އޮފީހުން ގޮސް ނިދުނު މޮޔަ ހީވާން ފަށައިފި އެވެ. އެކަނިމާއެކަނި ގޭމަށް ގެއްލިފައި އިނދެވެނިކޮށް ކުއްލިއަކަށް ސިޑިކައިރިން މީހެއްގެ ހިލަމެއްވިހެން ހީވެ ޝާވިންއަށް އެދިމާ ބަލައިލެވުނެވެ. އެތަނުގައިހުރި މަލަކް ފެނުމާއެކު ޝާވިންއަށް ގަނޑުވެފައި އިނދެވުނީ އެވެ. ހަރަކާތެއްވެސް ކޮށްލަން ނުކެރިފަ އެވެ. އޭނާއަށް ކޮށްލެވޭ ކުޑަކުޑަ އިޝާރާތަކުންވެސް މަލަކް ބިރުގެންފާނެ ކަމާމެދު ކަންބޮޑުވި އެވެ. ހިފަހައްޓައިގެން އިން ނޭވާވެސް ދޫކޮށްލެވުނީ މަލަކް އޭނާގެ ކުރިމަތިން ހިނގާލާފައިގޮސް އަނެއް ފަރާތުގައިހުރި ބަދިގެއަށް ވަނުމުންނެވެ.
ޝާވިން ލަސްނުކޮށް އެތަނުން ދިޔުމަށްޓަކައި ޕްލޭ ސްޓޭޝަނާއި ޓީވީ ނިއްވައިލި އެވެ. އެއާއެކު ސިޓިންގްރޫމުގެ ތެރެއަށް ވެރިވެގަތް ކަނު އަނދިރިކަމުން މަލަކް ސިހިދާނެމަށް ވިސްނައި އަނެއްކާވެސް ޓީވީ ހުޅުވައިލި އެވެ. ސޯފާމަތިން ހޯދައިލި ފޯނާއި ވޮލެޓު ޖީބަށްލަމުން ހަމަ އިސްކޮޅަށް ދެމިލިހިނދު މަލަކް ފާޑެއްގެ ލުއިކާނާ ޕެކެޓެއް ހިފައިގެން ބަދިގެއިން ނުކުމެއްޖެ އެވެ. ޝާވިން މިފަހަރުވެސް ހުއްޓުން އެރި އެވެ. އޭނާގެ މޫނުމަތީގައިވި ކުލަވަރު ވައްކަމެއް ކުރަނިކޮށް ފަޅާއަރައިގެން އުޅޭ ވަގެއްގެ މޫނުމަތީގައި ހުންނާނެ ކުލަވަރެކޭ ތަފާތެއް ނެތެވެ.
"އައިމް ސޮރީ އައި ވޯޒް ޖަސްޓް ލީވިންގް.." މަލަކް އޭނާއާ ހަތަރުކަޅި ހަމަކޮށްލައިގެންހުރެ ދިމާލަށް އަންނަން ފެށުމާއެކު ޝާވިންއަށް ތެޅިގަނެވުނެވެ.
"ނޯ.. ސްޓޭ.."
- - ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ