ފަރާޖު ޗާގޯސްއަށް ދިއުން ހުއްޓުވަން އިނގިރޭސި ސަރުކާރުން ޕްރެޝަރެއްނުކުރޭ: ދިވެހި ސަރުކާރު
ޗާގޯސްގެ ރަށްވެހިންނަށް އެހީ ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ޕަޓީ، ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް, ރާއްޖެ ވަޑައިގެން، ޗާގޯސްއަށް ދަތުރުކުރައްވަން އުޅުމުން އިނގިރޭސި ސަރުކާރުން ޕްރެޝަރުކޮށްގެން ދިވެހި ސަރުކާރުން އެ ކަމަށް ހުރަސްއެޅިކަމުގެ ބުނެ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ. ޗާގޯސްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ އެ ތަނަށް ނިސްބަތްވާ ކަމަށް ބުނާ ހަތަރު މީހަކަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު ފަރާޖް މިހާރު ހުންނެވީ ރާއްޖޭގައެވެ. އޭނާ މަސައްކަތް ކުރެއްވީ ޗާގޯސްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ ބޯޓެއް އެ ސަރަހައްދަށް ފޮނުވުމަށެވެ. އަދި އޭގައި އޭނާ ވެސް ދިއުމަށެވެ. ފަރާޖް ވިދާޅުވި ގޮތުގައި، އޭނާ ޗާގޯސްގެ "އީލް ޑު ކޮއިން" އަށް ފައިބައިފާނެތީ، އެކަން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ބޭނުންވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް ވަނީ ދީފައެވެ. "އަޅުގަނޑު ޗާގޯސް ޖަޒީރާތަކަށް ދިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެބަކުރޭ،" ފަރާޖް ވިދާޅުވިއެވެ. އޭނާ އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، އޭނާ އެ ބޯޓަށް އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ދަނީ ރާއްޖޭގެ ރައީސަށާއި ސަރުކާރަށް ވެސް ޕްރެޝަރު ކުރިމަތިކުރަމުންނެވެ. https://sun.mv/218224 ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ ދަތުރު ހުއްޓުވުމަށް ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އެ ފަދައިން އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ޕްރެޝަރު ވެސް ނުކުރާ ކަމަށެވެ. ޗާގޯސްއަކީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ތަނަކަށްވާއިރު، އެ ތަނަށް ބަޔަކު އަރައި ފޭބުން ހުއްޓުވުމަށް ކަމެއް ކުރާނަމަ އެ ކަމެއް ކުރާނީ އިނގިރޭސި ސަރުކާރުންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ކަމުގައި ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެއްވެސް މިންވަރަކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން އަބަދުވެސް އަމަލުކުރާނީ، ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ނަވާރަސަތޭކަފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅާއި 1970ގެ ކުރީކޮޅު، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ޓަކައި ޗާގޯސް ޖަޒީރާތަކުން ގާތްގަނޑަކަށް 2،000 އެއްހާ މީހުން ވަނީ މަޖުބޫރުން ބޭރުކޮށްފައެވެ. މިހާރު އެ ރަށްތައް އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް މިދިޔަ އަހަރު ވަނީ މުއާހަދާއެއްގައި ސޮއިކޮށްފައެވެ. މޮރިޝަސްއަށް އެ ރަށްތަށް ދިނުމާ މިހާރު ރާއްޖެއިން ދެކޮޅެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މި މަހު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އެއާއެކު ދިވެހި ސިފައިންގެ އަސްކަރީ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެސް ވެއެވެ. ނަމަވެސް އޭގެ ފަހުން އިނގިރޭސީން ބުނެފައިވަނީ ޗާގޯސްއަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ