ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކެއްގައި އަފްޣާން 25 މީހަކު މަރާލައިފި
ކާބުލް (22 ފެބްރުއަރީ 2026) : ރޯދަމަހުގެ ހުރުމަތަށްވެސް ނުބަލައި ޕާކިސްތާނުން އިއްޔެ ދިން ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުގެ 25 މީހަކު މަރުވެއްޖެކަމަށް އަފްޣާން މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ. އަފްޣާން ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގެ ހަމަލާތައް އަމާޒުކުރީ އަފްޣާނިސްތާނުގެ އިރުމަތީގެ ބެކްޓިޔާ ސަރަހައްދަށާއި ނަންގަހާރު ސަރަހައްދަށެވެ. އެ ހަމަލާތަކުގައި އަފްޣާން އާންމުންގެ 25 މީހަކު މަރުވެ އެއަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށާއި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭތީ މި ހަމަލާތަކަށް ރައްދު ދޭނެކަމަށް އަފްޣާން ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޕާކިސްތާން ބުނާގޮތުން އަފްޣާން ސަރުކާރުން ގެންދަނީ ޕާކިސްތާނުގައި ބޮންގޮއްވާ ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ބިމުގައި ހިޔާވަހިކަން ދެމުންނެވެ. ޕާކިސްތާނުން ހަމަލާދިނީ މިފަދަ ޖަމާއަތްތައް މަރުކަޒުކޮށްގެން ތިބޭތަންތަނަށްކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާ ބުނެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޔާނެއް ބުނާގޮތުން އެ ގައުމުގައި ދާދިފަހުން ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާން ސަރުކާރުން ހިޔާވަހިކަން ދީފައިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނެވެ. އެހެންވެ ހަމަލާދިނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގައި އަފްޣާނިސްތާނުގެ ސަރަހައްދުތަކުގައި މަރުކަޒުތައް ހަދައިގެން އުޅޭ އެ ޓެރިސްޓުންނަށާއި އެ މީހުންގެ މަރުކަޒުތަކަށެވެ. އާންމުންނަށް އަމާޒުކޮށް ހަމަލާ ދީފައި ނުވާނެކަމަށްވެސް ޕާކިސްތާނުން ބުނެފައިވެއެވެ. އަފްޣާނިސްތާނުން ހިޔާވަހިކަން ދޭ ޖަމާއަތްތައް މި ރަމަޟާން މަހުގައިވެސް ވަނީ ޕާކިސްތާނުގެ ބައެއް ތަންތަނުގައި ބޮން ގޮއްވައި މީހުން މަރާފައިވާކަމަށް ޕާކިސްތާނުގެ ބަޔާން ބުނެއެވެ. ދާދިފަހުން ޕާކިސްތާނުގެ ޝިއައީންގެ މިސްކިތެއްގައި ހުކުރު ނަމާދުކުރި ވަގުތުވަނީ ބާރުގަދަ ބޮމެއް ގޮއްވާލައިގެން 150 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ. މި ޓެރަރިސްޓް ހަމަލާގެ ޒިންމާ އުފުލާފައިވަނީ ސުންނީންނަށް ނިސްބަތްވާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުންނެވެ. އައިއެސް ޖަމާއަތާއި އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތަކީ ސުންނީ ދެ ޖަމާއަތް ކަމަށްވިޔަސް އެއީ ވަރަށް ދުޝްމަން ދެ ޖަމާއަތެވެ. އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގައި ވެސް ޓެރަރިސްޓް ހަމަލާތައް ދެއެވެ. އަދި އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގައިވާ ޝިޔައީންގެ މިސްކިތްތަކުގައި ވެސް ބޮން ގޮއްވައެވެ. އަދި އަފްޣާން ސަލާމަތީ ބާރުތަކަށް ވެސް ހަމަލާތައް ދެއެވެ. އެހެންކަމުން އަފްޣާން ސަލާމަތީ ބާރުތަކުން އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދެއެވެ. އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި ވާގިވެރިވާކަމަށް ތުހުމަތު ކުރެވެނީ މައިގަނޑު ގޮތެއްގައި އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ މައްޗަށެވެ. ޕާކިސްތާން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ހިޔާވަހިކަން ދެނީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޕާކިސްތާން ތާލިބާން ޖަމާއަތް ނުވަތަ ތަހުރީކޭ ތާލިބާން ޖަމާއަތަށެވެ. މިއީ ސުންނީ ޖަމާއަތަކަށް ވިޔަސް މިޖަމާއަތަކީ ޝިޔައީންގެ މިސްކިތްތަކަށް ހަމަލާދޭ ޖަމާއަތެއް ނޫނެވެ. މި ޖަމާއަތުން ހަމަލާދެނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށާއި ސަރުކާރުގެ ތަންތަނަށެވެ. ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދީ 25 މީހަކު މަރާލާފައި މިވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ސުލްހަ ކުރުވުމަށްޓަކައި ސައޫދީ އަރަބިއާ އިން މަސައްކަތް ތަކެއް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ޓެރަރިސްޓުންގެ މައްްސަލާގައި ޕާކިސްތާނުގެ ހަމަލާތައް އަފްޣާނިސްތާނަށް އަމާޒުވަމުންދާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގައިވާ ނުތަނަވަސްކަމަށް ލުއި ހޯދުމަށް ސަޢޫދީ ސަރުކާރު ގެންދަނީ މެދުވެރިއެއްގެ ބައި އަދާ ކުރަމުންނެވެ. ސަޢޫދީ އަދާކުރާ ސުލްހައިގެ ދައުރުގެ ސަބަބުން އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ވަނީ އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ ޕާކިސްތާންގެ ސިފައިންގެ ތިން މީހަކު ދާދިފަހުން މިނިވަން ކޮށްފައެވެ. ޕާކިސްތާނުގެ ސަރުކާރާއި އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތަކީ ކުރިން ވަރަށް ގާތް ދެފަރާތެވެ. އަފްޣާނިސްތާނުގައި އެންމެ ކުރިން ތާލިބާނުން ވެރިކަންކުރިއިރު ތާލިބާން ސަރުކާރަށް އިއުތިރާފްވި ހަމައެކަނި ގައުމަކީވެސް ޕާކިސްތާނެވެ. ނަމަވެސް 2022 ގައި ތާލިބާނުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް އައިފަހުން ޕާކިސްތާނާއި އަފްޣާން ސަރުކާރާ ދެމެދު ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން މިހާރު ގުޅުންތައް ބަދަހި ކުރަމުން ގެންދަނީ ޕާކިސްތާނުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިންޑިއާ އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ