ދިރާގުގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މުވާސަލާތީ ކުންފުނި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިރާގުން ބުނީ، އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މި މަހުގެ ފަސް ވަނަ ދުވަހު, އާންމު ހިއްސާދާރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވާ، އާންމު ހިއްސާދާރުން ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލުކުރާ ފަރާތް ކަމާއި، އެ މަގާމަށް ހޮވޭ ފަރާތުގެ ދައުރަކީ އެ ފަރާތެއް އިންތިޚާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށް ކަން ދިރާގުން ފާހަގަކުރިއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވާނީ އަންނަ އޭޕްރިލް މަހު ބާއްވާ 37ވަނަ އަހަރީ އާންމު ޖަލްސާގައި ކަމަށް، ދިރާގުން ބުންޏެވެ. އެ މަގާމަށް ޝަރުތު ހަމަވާ އާންމު ހިއްސާދާރުން "ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު"އާ އެކު ގުޅުންހުރި ލިޔެކިއުންތައް ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގުގެ މައި އިދާރާއަށް އެ ކުންފުނީގެ ސެކްރެޓަރީއަށް އެޑްރެސްކޮށް، ނުވަތަ އީމެއިލްއަށް ހުރިހާ ލިޔެކިއުމެއް އަންނަ މަހުގެ 12ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ހުށަހަޅަން ވަނީ އެދިފައެވެ. ދިރާގުން ބުނީ، އެޕްލިކޭޝަން ފޯމު ދިރާގުގެ އޭޖީއެމް ޕޭޖުން، ނުވަތަ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ މައި އިދާރާއިން ލިބޭނެ ކަމަށެވެ. ދިރާގުން ބުނީ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ބަލައި ޝޯޓްލިސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިރާގު ބޯޑުގެ އާރުއެންޖީ ކޮމިޓީން ކަމަށާއި، ފޯމު ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓްކުރުމަށްޓަކައި އެ ކޮމިޓީން އިންޓަވިއުކުރުން އެކަށީގެންވާ ކަމަށެވެ. އެއަށްފަހު، އާރުއެންޖީ ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި, އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ހޮވޭނީ ޝޯޓްލިސްޓުކުރެވޭ މީހުންގެ ތެރެއިން، އަހަރީ އާންމު ޖަލްސާގައި އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށް ކަމަށާއި، ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށްވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުން ކަމަށް، ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ