ރައީސްގެ ހިދުމަތް އައްޑޫ ރައްޔިތުން ބަލައިގެންފި: އިހުސާން

ރައީސް ޑރ. މުހައްމަދު މުއިއްޒު ފާއިތުވި ދެ އަހަރު ކުރެއްވި ކަންކަން އައްޑޫ ސިޓީގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިއްޔެ ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ބޭއްވި ޑޯޓުޑޯ ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ފަސްޓް ލޭޑީ އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ ބަޔަކު އެކަމަނާއަށްް މަރުހަބާ ދެންނެވުމަށް ނިކުތް އޭގެއިން ދައްކުވައިދެނީ ފާއިތުވި ދެ އަހަރު ދުވަހު ރައީސް ކުރެއްވި ކަންކަން އައްޑޫ ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ.
އައްޑޫ ސިޓީއަކީ ޒަމާނުއްސުރެ ތަރައްގީއަށް ލޯބިކުރާ، ތަރައްގީއަކީ ކޮބައިކަން ދަންނަ ރައްޔިތެއް ދިރިއުޅޭ ތަނެއް ކަމަށާއި ނަމަވެސް ސިޓީ ކައުންސިލެއް އުފެދުނު ފަހުން ފެށިގެން އައްޑޫ ކައުންސިލުގެ އަޣުލަބިއްޔަތު ދިނުމާއެކު، އައްޑޫން އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީއަށް ދީފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ބޭނުންވާ މިންވަރުގެ ތަރައްގީއެއް ގެނެވިފައިނުވުމުން އެ ޕާޓީއާމެދު ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.
އަދި އެ މާޔޫސްކަމުގެ ސަބަބުން ރައީސް ޑރ.މުޢިއްޒު އެދިވަޑައިގެންނެވި ފަދައިން ސަރުކާރު ޖަވާބުދާރީކުރުވުމާއެކު ސަރުކާރުން ގެންނަ ތަރައްގީގެ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޑޫ ރައްޔިތުން އިންތިހާބުކޮށްދެއްވި ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ރައީސް އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރަށް އެއްބާރުލުންދީ އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ ކައުންސިލެއް އެ ސިޓީގެ ރައްޔިތުން އިންތިހާބުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ