ސިކުނޑި މުސްކުޅި ކޮށްލަނީ ހަށިގަނޑުގައި ޖަހާ ސަރުބީ ސިކުނޑި މުސްކުޅި ކޮށްލަނީ ހަށިގަނޑުގައި ޖަހާ ސަރުބީ

ހަށިގަނޑު ފަލަވުމުން ސިކުނޑިއަށް އެކަމުގެ އަސަރު ފޯރާ މިންވަރު ބިނާވަނީ، ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީގެ ޖުމްލަ މިންވަރުގެ މައްޗަކަށް ނޫނެވެ. އޭގެ އިތުރުން ހަށިގަނޑުގައި ސަރުބީތައް ޖަމާވެފައި ހުންނަ ގުވަނަވެއްގެ ސަބަބުން ވެސް، ސިކުނޑިއަށް އަސަރު ފޯރާ ގޮތާއި މިންވަރު ތަފާތުވެއެވެ.
ރޭޑިއޮލޮޖިކަލް ސޮސައިޓީ އޮފް ނޯތު އެމެރިކާ އިން ޝާއިއުކުރާ ޖާނަލް، ރޭޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިކުނޑީގެ ދުޅަހެޔޮކަމަށް ނުރައްކާ ކުރިމަތިވާ މިންވަރު ދެނެގަތުމަށްޓަކައި، ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ސަރުބީ ޖަހާފައި ހުންނަ މިންވަރު ދެނެގަތުން ވަރަށް މުހިންމެވެ. މި ދިރާސާގައި ބައިވެރިވި، ޗައިނާގެ ޝޫޒޯ މެޑިކަލް ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީގެ ސަބަބުން ސިކުނޑީގެ މަސައްކަތަށާއި ހާއްސަކޮށް ކަންކަން މައުރިފާކޮށް ދެނެގަތުމުގެ މަސައްކަތަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
އެ ގޮތުން ޗިސްމޭ (ޕެންކްރިއާސް)ގައި ގިނައިން ސަރުބީ ޖަހާފައި ހުންނަ (pancreatic-predominant) ނަމަ، ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ހަމައެފަދައިން ވަކި ގުނަވަނަކަށް ހާއްސަ ނުކުރެވޭ ގޮތަށް، މުޅި ހަށިގަނޑުގައި ސަރުބީ ޖަހާފައި ހުންނަ ހާލަތު (skinny fat) ގައި ވެސް، ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ފޯރައެވެ. ސްކިނީ ފެޓް ކިޔަނީ އިސްކޮޅާއި އުމުރާ އަޅައި ބަލާއިރު އެކަށީގެންވާ ބަރުދަނެއްގައި ހުއްޓަސް، މުޅި ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީގެ ނިސްބަތް މަތީގައި ހުންނަ އަދި ގައިގައި މަސް ހުންނަ ނިސްބަތް އެކަށީގެންވާ ވަރަށް ވުރެ ދަށްކަން ފާހަގަކުރެވުމެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، ސިކުނޑީގެ ދުޅަހެޔޮކަން ދަށްވުމަށް މެދުވެރިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ދެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗިސްމޭގައި ސަރުބީ ޖެހުމާއި ސްކިނީ ފެޓްގެ ހާލަތެވެ. މި ދެ ހާލަތުގައި ވެސް ސިކުނޑީގެ އާންމު ދުޅަހެޔޮކަން ދަށްވެ، ވިސްނުމާއި ކަންކަން ދެނެގަތުމުގެ ބާރު ދަށްވެއެވެ. އޭގެ އިތުރުން، ނާރުތަކުގެ ބަލިތައް ޖެހުމަށް މަގު ފަހިވެ، ސިކުނޑި އަވަހަށް މުސްކުޅިވާން މެދުވެރިވެއެވެ.
ހަށިގަނޑުގައި ޖަހާ ސަރުބީގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަށް ދަށްވެ، ސިކުނޑި މުސްކުޅިވުމުގެ މައްސަލަ އަންހެނުންނާއި ފިރިހެނުންނަށް ވެސް ކުރިމަތިވެއެވެ. ނަމަވެސް ދެޖިންސުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުންނަކަން ސައެންސްވެރިންނަށް ފާހަގަކުރެވެއެވެ.
ސައެންސްވެރިން ބުނި ގޮތުގައި ޗިސްމޭގައި ޖަހާފައި ހުންނަ ސަރުބީގެ ނިސްބަތް، އެމީހެއްގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ޖުމްލަ ސަރުބީގެ ނިސްބަތުން ބަލާއިރު 30 އިންސައްތައިގައި ނުވަތަ އެއަށް ވުރެ މަތީގައި ހުންނަ ނަމަ، ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރެއެވެ. މި މިންވަރަށް ޗިސްމޭގައި ސަރުބީ ހުންނަ މީހުންނަކީ، އެނޫން މީހުންނާ އަޅައި ބަލާއިރު، ސިކުނޑި އަވަހަށް މުސްކުޅިވާ މީހުން ކަމުގައި ބެލެވެއެވެ.
ސްކިނީ ފެޓް ގިންތީގައި ހިމެނޭ މީހުންނަކީ، ފުރަމެޔާއި ޗިސްމޭ ފިޔަވައި ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި ގިނައިން ސަރުބީ ޖަހާފައި ތިބޭ މީހުންނެވެ. މި މީހުންގެ ހަށިގަނޑުގައި އާންމު ގޮތެއްގައި ސަރުބީ ޖަހާފައި ހުންނާނީ ބަނޑުގައެވެ. މިއީ ވަރަށް ފަލަ މީހުންގެ ގޮތުގައި ގުނޭ މީހުންނަށް ނުވިޔަސް، އެމީހުންގެ ހަށިގަނޑުގައި މަސް ޖަހާފައި ހުންނަ ނިސްބަތުން ބަލާއިރު، ސަރުބީ ގިނަ މީހުންނެވެ.
އެހެންކަމުން، ހަށިގަނޑުގެ ގުނަވަންތަކުގައި ސަރުބީ ޖަހާފައި ހުންނަ މިންވަރު މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެވޭނެ ނިޒާމެއް ނުވަތަ ޓެކްނޮލޮޖީއެއް އީޖާދުކުރުމަކީ، ކޮންމެ މީހަކަށް އެމީހެއްގެ ހާލަތާ ގުޅޭ ގޮތަށް ސިއްހީ އިރުޝާދު ދިނުން ފަސޭހަވާނެ ކަމެއް ކަމަށް ސައެންސްވެރިން ދެކެއެވެ. އަދި އެއީ، ސިކުނޑީގެ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ކުރިން، ސިކުނޑީގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި ވެސް މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ