ސޯޝަލް މީޑިއާ ދޫކޮށްލެވެން ނެތީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯބީގެ ސަބަބުން: އާލިއާ
މަންމައަކަށް ވުމަށްފަހު މިހާރު އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއް ކަމަކީ ސޯޝަލް މީޑިއާ ދޫކޮށްލުމަށް ކަމަށާއި ނަމަވެސް އެކަން ކުރެވެން ނެތީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބާއި ހެދި ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ. އެސްކުއަ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރަންބީރު ކަޕޫރުގެ އަންހެނުން ބުނީ އަލަތު ދަރިފުޅު ރަހާ ލިބުމަށްފަހު ސޯޝަލް މީޑިއާއިން ބޭރުވެ އަމިއްލަ އެކައުންޓުތައް 'ޑިލީޓް" ކޮށްލުމުގެ ވިސްނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަ ކަމަށެވެ. ސޯޝަލް މީޑިއާތައް ދޫކޮށްލުމަށްފަހު ހަމައެކަނި ފިލްމީ ތަރިއެއްގެ ގޮތުގައި ހުންނަން ބޭނުންވާ ކަމަށާއި ސޯޝަލް މީޑިއާގައި މާގިނައިން ހަރަކާތްތެރިވެ އުޅެން މިހާރު އެހާ ބޭނުންނުވާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް އެ ނިންމުން ކޮންމެ ފަހަރަކުވެސް ބަދަލުކޮށްލެވެނީ ފިލްމީ ކެރިއަރު ފެށުނީއްސުރެ ބަތަލާއަށް ތަރުހީބުދީ ލޯބިދެމުން އަންނަ ސަޕޯޓަރުންނާ ހެދި ކަމަށެވެ. އާލިއާ ދަރިފުޅު ރާހާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ކައިވެންޏަށްފަހު އަލަތު ދަރިފުޅު ލިބުމާ ގުޅިގެން އާލިއާގެ ޒާތީ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަކީ މިހާރު އެހާ ފަސޭހަކަމެއް ނޫން ކަމަށް ވެސް "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ވަނީ ބުނެފައެވެ. އާލިއާ ދާދިފަހުން ވަނީ ދަރިފުޅު ރަހާގެ ފޮޓޯތައް ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު ފަހުން ދަރިފުޅުގެ ފޮޓޯތައް އެކައުންޓްތަކުން ނަގާފައެވެ. އެއީ ދަރިފުޅުގެ ރައްކާތެރިކަމަށާއި ޕްރައިވެސީއަށް އިސްކަން ދިނުމުގެ ގޮތުން ފިރިމީހާ ރަންބީރު އަދި އާއިލާގެ މެމްބަރުންގެ މަޝްވަރާއާ އެކު ބަތަލާ ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ. އޭގެފަހުން އާލިއާ ވަނީ ދަރިފުޅު ރަހާގެ ފޮޓޯތައް ނުނެގުމަށާއި ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯތައް ދައުރު ނުކުރުމަށް ވެސް މީޑިއާ ރިޕޯޓަރުން ގާތު އެދިފައެވެ. މަންމައަކަށް ވުމަށްފަހު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނައިރު އެއީ ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަމެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ. ދަރިފުޅު ރަހާ ލިބުނު ފަހުން އަމިއްލަ ފޮޓޯ ނަގާނެ ވަގުތެއް ވެސް ނުވާ ކަމަށާއި ބަތަލާގެ ފޯންގެ ފޮޓޯ އަލްބަމް ފުރިފައި ވަނީ ރަހާގެ ފޮޓޯތަކުން ކަމަށް އާލިއާ ވަނީ ބުނެފައެވެ. އާލިއާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި މިހާރު މަސައްކަތް ކުރަމުން އަންނަ "ލަވް އެންޑް ވޯ" އަދި ފިލްމު "އަލްފާ" ހިމެނެއެވެ. މި ދެ ފިލްމުގެ ވެސް ޝޫޓިންގް ކުރިއަށްދާއިރު ބެލުންތެރިންނަށް މި ފިލްމުތައް ގެނެސްދޭނެ ސީދާ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ