ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާ އެކު މެދުކެނޑުމެއްނެތި 16 އަހަރު ކުރިއަށް ގެންގޮސް، މި ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - 2025 ވަނަ އަހަރު މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމި 15 އެޕްރެންޓިސްއަކަށް މި ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި:
ޝަރަފުވެރިކޮށްދެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު
ދިރާގުގެ ބޯޑް އަދި މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި
ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި
ތަފްސީލް - ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ.
މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސްމެ އެވެ. އެގޮތުން، 2009 އިން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާ އެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔާފަ އެވެ.
މި ޕްރޮގްރާމްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ދާއިރާތަކުގެ ތެރޭގައި:
ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމެއް
ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިން
ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު
އެޕްރެންޓިސުންނަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ
ބުނީ ކީކޭ؟ - ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމުގައި ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވަނީ ނަމޫނާ ދައްކާފަ އެވެ.
ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ގެންގުޅޭ ބަދަލެއްނުވާ ސިޔާސަތުތަކުން ހުނަރުވެރި މަސައްކަތްތެރިންތަކެއް ވަޒީފާގެ ބާޒާރަށް ނެރެދިނުމަށް ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާ އާއި ހުނަރު އަދި މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުމެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އެ ކަމުގެ ސަބަބުން ކެރިއާ އިތުރަށް ތަރައްގީވެ، އިތުރު ކާމިޔާބީތައް ހާސިލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 16 އަހަރު: 15 ޒުވާނުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ