އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔެކިޔުންތަކުން ޖެފްރީ އެޕްސްޓެއިންއާ އެކު އަންހެން ކުދިން އަދި ޑިޕޮލަމަސީއާ ގުޅޭ މެސެޖުތަކެއް ބަދަލުކޮށްފައިވާކަން ފަޅާ އެރުމުން ސްލޮވާކިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ބޮޑުވަޒީރު ރޮބަޓް ފީކޯ ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިރޮސްލާވް ލަޖާކްގެ އިސްތިއުފާ ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ ހާރިޖީ ސިޔާސަތާއި ޑިޕޮލަމަސީގެ ރޮނގުގައި އާދަޔާ ހިލާފު ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޖެފްރީ އެޕްސްޓެއިންއާ ގުޅޭ ތިން މިލިއަން ފައިލް އާންމުކުރިތާ އެއް ދުވަސް ފަހުންނެވެ.
އެ ފައިލްތަކުގައި ލަޖާކް އެއްވެސް ކުށެއް ކޮށްފައިވާ ކަމުގެ އިޝާރާތެއް ނެތެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ޓެކްސްޓް މުއާމަލާތެއްގައި ލަޖާކް އާއި އެޕްސްޓެއިން، އަންހެން ކުދިންނާ ބެހޭ ގޮތުން މަޖާ ގޮތެއްގައި ވާހަކަ ދައްކާކަން އެނގެ އެވެ.
އޭރު ލަޖާކް އަކީ ސްލޮވާކިއާގެ ހާރިޖީ ވަޒީރެވެ.
އެޕްސްޓެއިން އަންހެން ކުދިންތަކެއްގެ ފޮޓޯއެއް ފޮނުވުމުން ލަޖާކް ސުވާލު ކުރައްވަނީ އެ "ގޭމްތަކަށް ދައުވަތު ނުދެނީ ކީއްވެ"ތޯ އެވެ.
ސްލޮވާކިއާގެ ހަތަރު ސަރުކާރެއްގައި ލަޖާކް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން ފިކޯގެ ތިން ސަރުކާރެއް ހިމެނެ އެވެ.
ހުކުރު ދުވަހު އާންމުކުރި ގިނަ އަދަދެއްގެ ފައިލްތަކުން އެޕްސްޓެއިންގެ ގުޅުމާ ބެހޭ އާ ތަފްސީލުތައް ވަނީ ހާމަވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ މަތީ ފަންތީގެ ބޭފުޅުންގެ ތެރޭގައި އީލޮން މަސްކް، ލޯޑް ޕީޓާ މެންޑެލްސަން، ބިލް ގޭޓްސް އަދި ޕްރިންސް އެންޑްރޫ ފަދަ ބޭފުޅުން ހިމެނެ އެވެ.
އެޕްސްޓެއިން 2019 ވަނަ އަހަރު މަރުވީ ޖިންސީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓަ އެވެ.
އެޕްސްޓެއިންއާ ގުޅޭ މައްސަލަތަކުގައި ސްލޮވާކިއާ ބޮޑުވަޒީރުގެ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ