ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ: އީސީ

ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވާ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވާ ނަމަ، 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. މި ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. މި ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އަންނަނީ އެކަމާ މެދު ބަންޑާރަ ނައިބުގެ އޮފީސް އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން އީސީން ދެކޭ ގޮތް ބެލުމަށް އެ ފަރާތްތަކާ ބައްދަލުކޮށް ހިޔާލު ހޯދަމުންނެވެ.
ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެ ކޮމިޝަން އޮތީ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލެއް ގެނެސް އެކަމާ ގުޅިގެން އީސީން ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ކުރާ ގޮތަށް އަދި އެ ކަމަކަށް ފުރިހަމައަށް އެއްބާރުލުންދޭ ގޮތަށް ކަމަށެވެ.
އެކަމަކު، އެކަމަށްޓަކައި ގާނޫނުގައި ބުނާ ގޮތަށް އެންމެ ލަސްވެގެން 45 ދުވަސް ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު އެއްކޮށް ބޭއްވޭނީ އެންމެ ލަސްވެގެން މި މަހުގެ 18ގެ ނިޔަލަށް ހުރިހާ މަރުހަލާތަކެއް ނިމި ވޯޓަކަށް އަހަން ތައްޔާރުވެވިގެން ކަމަށް ވިދާޅުވި އެވެ.
"އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ހަމަ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ރިފަރަންޑަމް އެއް ދުވަހަކު ބާއްވާ ގޮތަށް ފާސްވެއްޖެ ނަމަ [އެ އިންތިހާބުތައް ބޭއްވުމަށް] އޭގެ މާނައަކީ އަޅުގަނޑުމެން [އީސީ]އަށް އިތުރަށް 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ،" ޒާހިދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު އޮންނަ ދުވަހު، ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވާ ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ސަބަބުތައް ވެސް ޒާހިދު ވިދާޅުވެ ދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
އިތުރަށް ކަރުދާސް ޗާޕުކުރަން ޖެހޭނެ
އޮފިޝަލުން ކުރާ މަސައްކަތްތައް އިތުރުވެގެންދާނެތީ އިތުރު އޮފިޝަލުން ނަގަންޖެހޭނެ؛ އެހެން ވެއްޖެ ނަމަ، އެ އޮފިޝަލުންނަށް ދޭންޖެހޭ އިތުރު އެލަވަންސެއް އޭގެ ތެރެއަށް އަންނާނެ
ރައްޔިތުންގެ ހިޔާލު ހޯދަން ބާއްވާ ވޯޓަށް ރަށްރަށަށް އިތުރަށް ވޯޓު ފޮށިތައް ފޮނުވަންޖެހޭނެ
ކުރީގެ ތަޖުރިބާތަކަށް ބަލާއިރު އެންމެ ފަހު ވަގުތުގައި އައިލެންޑް އޭވިއޭޝަން ފަދަ ތަންތަނުން ފްލައިޓުތައް ޗާޓަރުކޮށްފައި ފޮނުވަން ވެސް ޖެހޭ؛ އެ ހާލަތުގައި 20 މިލިއަން ރުފިޔާއަށް ވުރެ މަތިވުން ވެސް އެކަށީގެންވޭ
ހިޔާލު ހޯދުމުގެ ވޯޓު ވަކިން ބާއްވާ ނަމަ ވެސް، ގާތްގަނޑަކަށް 16 ނުވަތަ 18 މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ޒާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން، ޒާހިދު ދެން ވެސް ވިދާޅުވީ މަޖިލިސް އިންތިހާބާ ރިޔާސީ އިންތިހާބު އެއްކޮށްލާ ގޮތަށް ބަދަލުކޮށްފި ނަމަ ރާއްޖޭގެ ސިޔާސީ ވެއްޓަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި އެފަދަ ބޮޑު ބަދަލެއް އަންނައިރު އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
އަވަސް އަރުވާލައިގެން ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު، ހިޔާލު ހޯދުމުގެ ވޯޓު ނަގަން ބޭނުންވާ ނަމަ ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންނަށް އެ މައުލޫމާތު ދެވޭނެ ވަގުތު އޮއްވާ އެކަމަށް ތައްޔާރުވާން ވަގުތު ދިނުމަށް ޒާހިދު އެދިވަޑައިގަތެވެ.
"މިހާ އަވަހަކަށް މިގޮތަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަންޏާ، ވީހާ ވެސް އަވަހަށް މި މަރުހަލާ، މާނައަކީ މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި އަދި ރައީސް [މުހައްމަދު މުއިއްޒު] ނުވަތަ މަޖިލީހުން ވެސް ގަރާރު ނެރުއްވައި އަޅުގަނޑުމެންނާއި ހަމައަށް ވީހާ ވެސް އަވަހަކަށް މިކަންކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަކީ މުހިންމު ކަމެއް،" ޒާހިދު ވިދާޅުވި އެވެ.
"އެއީ ރައްޔިތުންނަށް މިކަމާ ބެހޭ މައުލޫމާތު ދޭންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
އެނގުން މުހިންމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، އޭރުން ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ބުނެ އެވެ.
މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް
ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ