އާ މަރުކަޒާ އެކު ނާޒިލް އަމާޒު ހިފީ ސާނަވީގެ ކުރިން ގުރުއާން ހިފްޒުކޮށްދޭން

ވީހާ ވެސް ގިނަ ކުދިންނަށް ގުރުއާން ހިތުދަސްކޮށްދިނުމަށް، ދީނީ އިލްމުވެރިޔާ މުހައްމަދު ނާޒިލް ދެކެމުން އައި ހުވަފެނުގައި ރަނގަޅަށް ކުލަ ޖެހުނީ އަދި ކިރިޔާ އެވެ. ކުރިން ޅ. ނައިފަރުގައި 20 ކުދިންގެ ޖާގައިގައި ކިޔަވައިދެމުން އައި އޭނާގެ ގުރުއާން މަރުކަޒު މިހާރު ވަނީ 100 ކުދިންގެ ޖާގައިގެ ތަނަކަށް ބަދަލުކޮށް، ގުރުއާން ކިޔަވައިދޭ ބޮޑު މަރުކަޒެއްގެ ގޮތުގައި ހިންގަން ފަށާފަ އެވެ.
ފަސް އަހަރުގެ ތެރޭގައި، ނާޒިލް ކައިރިން ގުރުއާން ހިތުދަސްކުރި ކުދިންގެ އަދަދު މި އަހަރު ނިމޭއިރު 14އަށް އަރާނެ އެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ. އޭނާ އުއްމީދުކުރަނީ، ގިނަ އަދަދެއްގެ ދަރިވަރުންނަށް ޖާގަ ދީގެން ހިންގަން ފެށި މަރުކަޒާ އެކު އެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ވަގްފު ފަންޑާއި ހެޔޮ އެދޭ މީހުންގެ އެހީގައި، 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހުޅުވި، އާ މަރުކަޒުގައި 100އަށް ވުރެ ގިނަ ކުދިންނަށް ކިޔެވޭނެ އެވެ. ދެ ކްލާސްރޫމު ހުންނައިރު ކޮންމެ ކްލާހެއްގައި އެއް ފަހަރާ 20 ކުދިންނަށް ތިބެވެ އެވެ. ފާހާނާ އާއި ސްޓާފްރޫމާއި ވެއިޓިން ރޫމާ އެކު އެތަން އިމާރާތްކޮށްފައިވަނީ ޒަމާނީ ފެންވަރަށެވެ.
އެކަމަކު އެއަށް ވުރެ ބޮޑަށް ނާޒިލް ފާހަގަ ކުރެއްވީ، އާ މަރުކަޒުގައި ކިޔަވައިދޭން ރާވާފައިވާ ގޮތެވެ. އޭނާ ވިދާޅުވި ގޮތުގައި:
އެތަނުގައި ކިޔަވައިދޭނީ ތަޖުވީދާއި އަޑާއި ރާގާއި މަހްރަޖު ހިމެނޭ ގޮތަށް ވަކި މުގައްރަރަކަށް
އެއީ ނެޝަނަލް އިންސްޓްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ން ފާސްކޮށްފައިވާ މުގައްރަރެއް
އެތަނުގެ އަމާޒަކީ އެކި ލެވެލްތަކަށް ބަހާލައިގެން، ކިޔަވާ ދަރިވަރުން ގްރޭޑް ހަތެއް ނުވަތަ އަށަކަށް ދާންވާއިރަށް މުޅި ގުރުއާން ހިތުދަސްކުރުވުން
"ކުރިން އަޅުގަނޑުމެން އިއުލާންކޮށްގެން، ހިފްޒު ކުރަން ބޭނުންވާ ކުދިންނަށް ޖާގަ ހުޅުވާލަނީ. އެކަމަކު މިތަނުގައި ހިތުދަސްކުރުމަށް މަގުކޮށައިދޭނެ. އަދި ތަމްރީނުކޮށް، ތަރުބިއްޔަތާއެކުގައި ހިފްޒުކޮށް ނިންމާނެ،" ޒުވާން ހާފިޒު ވިދާޅުވި އެވެ. 
ނާޒިލް ވިދާޅުވީ އާ މަރުކަޒުގައި، އޭނާގެ އިތުރުން ޑިގްރީ ފެންވަރުގެ އިތުރު މުދައްރިސުން ކިޔަވައިދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހާފިޒުން ވެސް އެތަނުގައި ކިޔަވައިދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުގައްރަރާ އެއްގޮތަށް، އެކި ލެވެލްތަކަށް ބަހާލައިގެން ގުރުއާން ހިތުދަސްކުރި ނަމަވެސް، ބޭނުން ނަމަ ދެތިން އަހަރުގެ ތެރޭގައި ހިފްޒުކޮށް ނިންމާލެވިދާނެ ކަމަށެވެ. އަދި އެ ތަނުގެ ފީ ވެސް ރާވާލާފައިވާނީ، ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ނުވަތަ އެއަށް ވުރެ ބޮޑަށް ދަސްކުރާ ނަމަ، ބެލެނިވެރިޔާއަށް ޑިސްކައުންޓް ލިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް މަހަކު މި އިންނަނީ ހިތުދަސްކުރާ ކޮންމެ ސަފުހާއަކަށް ޕޮއިންޓެއް ލިބޭ ގޮތަށް. އެއީ ފަސް ރުފިޔާގެ ޑިސްކައުންޓް. ދެން ކޮންމެ ދުވަހަކު ސަފުހާއެއް ކިޔައިދޭ ނަމަ މަސް ނިމޭއިރު، ފީއިން ވަރަށް ކުޑަ އެއްޗެއް މި ދައްކަން ޖެހެނީ،" ނާޒިލް ވިދާޅުވި އެވެ.
"މިގޮތަށް ކިޔަވަމުން ގޮސް ފީ ހިލޭ ވެސް ކުރެވިދާނެ."
ނާޒިލްގެ އަމާޒަކީ އޭނާގެ މި މަރުކަޒު އަދިވެސް އިތުރަށް ފުޅާކުރުމެވެ. އެގޮތުން ގުރުއާން ހިތުދަސްކުރަން ބޭނުންވާ ކުދިންނަށް އެތަނުގައި އުޅެވޭ ގޮތަށް ދަނާލެއްގެ ގޮތަށް ތަރައްގީ ކުރަން ބޭނުންވެވަޑައިގަނެ އެވެ.
"މި ފަދަ ތަންތަން ޕާކިސްތާނާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ހުންނާނެ. އޭރުން އެހެން ރަށްރަށުން ވެސް ކުދިންނަށް އައިސް މިތަނުގައި ތިބެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެއް ރަށަކުން އެންމެ ގިނަ ހާފިޒުން މިހާރު ތިބީ ނައިފަރުގަ އެވެ. އަދި މި އަހަރު ނިމޭއިރު، އެ އަދަދު ދެގުނަ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ