"ތަޖުރިބާކާރުންގެ ލަފައަށް ސަރުކާރުން އަމަލުނުކުރުމުގެ ނަތީޖާއަކީ، އެ ބޭފުޅުން އިސްތިއުފާދީ، ގެއަށް ދިއުން"

މާލީ ދާއިރާގެ ތަޖުރިބާކާރުން، އެ ބޭފުޅުންގެ މަގާމުތަކުން އިސްތިއުފާ ދީ ގެއަށް ވަޑައިގަންނަވާ ސަބަބަކީ، އެ ބޭފުޅުންދޭ ލަފާ މި ސަރުކާރުން ގަބޫލުނުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެ، މަގާމުތަކުގައި ތިއްބެވި ގާބިލް ބޭފުޅުންނަށް މަގާމުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވުން ކަމަށެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވަމުންދާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށް ވެސް ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު. ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ،" ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ނުރައްކާތެރި ހިސާބަކަށް ދިއުމުގެ ކުރިން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. https://sun.mv/217410 މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް، ސަރުކާރުގެތެރޭ ނުވިކޭކަމަށް ދޭހަވާ ފަދަ މޭރުމަކުން ފައިސަލް ވާހަކަފުޅުދައްކަވައިފައިވާއިރު އިއްޔެވަނީ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމުން ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފައެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން މިދިޔަ އަހަރު ވަނީ ނިންމައިފައެވެ. އެފަދައިން ނިންމި ފަހުން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އިއްޔެ އިނާޒް ވެސް ވަނީ، އެ މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފައެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް އެ މަނިކުފާނުގެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، ޕެންޝަން އޮފީހުން ދުރަށް ވަޑައިގަތީ ވަރަށް ރަނގަޅު، އިލްމީ ބޭފުޅެއް ކަމަށެވެ. މާލީ އެކި އިދާރާތަކުންނާއި، ތަޖުރިބާކާރުންގެ ބަސް މި ސަރުކާރުގެ އިސް ބޭފުޅުން ގަބޫލުނުކުރައްވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ދުވަހަކަށްވުރެ ދުވަހެއް ހީނަރުވަމުން އަންނަކަމުގެ ކަންބޮޑުވުން އެތައް ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. ބައިނަލްއަގްވާމީ އިދާރާތަކުގެ ކްރެޑިޓް ރޭޓިންއިންނާއި، ކުރިން މާލީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތަކުން އެކަން ހާމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ