ތިނަދޫއަށް ސިޓީގެ ދަރަޖަ އޮޅުވައިލައިގެން ދިންކަމަށް ބުނާ މައްސަލަ: "ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ލިބިއްޖެ"
ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު މިހާރު ލިބިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށު ކައުންސިލުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ 11ވަނަ ދުވަހު ގދ. ގައްދޫ ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު "ސަން"އަށް ބުނީ މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ތިން ފަހަރެއްގެ މަތިން މަޝްވަރާކޮށް، އެ އޮފީހުގެ އިރުޝާދުގެ ދަށުން ތަހުގީގުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ތަހުގީގުގެ ތެރެއިން، ފުލުހުންގެ ޓީމެއް މިދިޔަ އެޕްރީލް މަހު ތިނަދޫއަށް ގޮސް، މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ބުންޏެވެ. މީގެ އިތުރުން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް ފޮނުވި ސިޓީތަކުގެ ޖަވާބު މިހާރު ލިބިފައިވާ ކަމަށާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ޕީޖީ އޮފީހާއެކު މިހާރު ވެސް މަޝްވަރާ ކުރެވެމުން އަންނަކަމަށް ބުންޏެވެ. ތިނަދޫ ސިޓީއަކަށް ހެދީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު, 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ. https://sun.mv/205099 މި މައްސަލައަކީ އެރަށުގެ އާބާދީގައި 10،150 މީހުން އިތުރުކުރުމަށްޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި އެރަށު ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީ ލިސްޓުން ގިނަ ގާނޫނީ މައްސަލަތަކެއް ފާހަގަވާކަމަށްވެއެވެ. އެ ރަށަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، މި ސަރުކާރުން ވަކިކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، ގާނޫނީ ވަކީލު އަޙުމަދު ރާގިބު ވަނީ ހައި ކޯޓަށް ވެސް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހަމައެއާއެކު ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ ހުށަހެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ