ކ. ތިލަފުށީ ކުނި ގޮނޑުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ، އެކްސްކަވޭޓަރަކުން ޖެހި މަރުވެ، ކުނިތަކުގެ ތެރޭގައި ވަޅުލެވުނު ހާދިސާގައި، ވެމްކޯގެ މެނޭޖްމަންޓާއި ސެކިއުރިޓީންގެ ބޮޑު އިހުމާލެއް އޮތް ކަމަށް އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ސީރިއަސްކޮށް ކޮށްފައިވަނީ ދެ ދުވަސް ފަހުން ޖެނުއަރީ 28، ގަ އެވެ.
މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ވަނީ އަމިއްލަ ކުންފުންޏަކުން ކުއްޔަށް ނަގައިގެން އޮޕަރޭޓުކުރަމުންދާ އެކްސްކަވޭޓަރު ދުއްވަން އިން ސްރީލަންކާގެ ޑްރައިވަރެވެ. އެއީ އަމިއްލަ ކުންފުނީގެ ޑްރައިވަރެކެވެ.
އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، މިއީ ޑްރައިވަރުގެ ބޮލުގައި އަޅުވައި، ވެމްކޯގެ އިސްވެރިން ރެކެން އުޅޭ މައްސަލައެއް ކަމަށެވެ.
ތިލަފުށީގެ ކުނި ގޮނޑަކީ އާންމުކޮށް ވަނުން މަނާ، އަދި ނުރައްކާތެރި ސަރަހައްދެކެވެ. ވެމްކޯއިން އެ ސަރަހައްދުގައި ސެކިއުރިޓީ ގާޑުން ބައިތިއްބާފައި ތިބޭއިރު، އަމީން މިއާ ކުނި ފުނި މައްޗަށް އެރިއިރު އެކަން އެ މީހުންނަށް ނުހުއްޓުވުނީ ކީއްވެގެންތޯ ވަނީ ސުވާލު އުފެދިފަ އެވެ.
"ހަގީގަތަކީ މިއީ ބަންގްލަދޭޝް މީހުން އާންމުކޮށް ކުރާ ކަމެއް. އެ މީހުން އެތަނަށް ވަންނަނީ ލޮއި ނަރާއި ދަގަނޑު ހޮވަން. އެކަން ކުރަނީ ވެސް ވެމްކޯގެ މުވައްޒަފުން، އެއީ ވަރަށް ނުރައްކާތެރި ކަމެއް،" އެޗްޑީސީގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެކްސްކަވޭޓަރު އޮޕަރޭޓު ކުރަމުން ދިޔައީ "ކޮންޓްރޯލްޑް އެންވަޔަރުމަންޓެއް" ގައެވެ. އެކްސްކަވޭޓަރުގެ ދަތްގަނޑުން މީހެއްގެ ގައިގައި ޖެހި، ކުނިތަކުގެ އަޑީގައި ވަޅުލެވިގެން ދިޔައިރު، ސައިޓްގައި ތިބި ސްޕަވައިޒަރުންނަށް އެކަން ނޭނގުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އަމީންގެ ގައިގައި ދަތްގަނޑުން ޖެހޭ މަންޒަރު ސާފުކޮށް ފެންނަ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
"ކީއްވެ އެހެންވީމަ، ދެ ދުވަސް ފަހުން އޭނާ ހޯދުމުގެ މަސައްކަތް ފަށަންވީ. ހަގީގަތަކީ އެކްސްކަވޭޓަރުގެ ޑްރައިވަރަކަށް އެ މީހާ ނުފެނޭ. އޭނާ އެ ސަގަނޑު ސްވިންކުރާއިރު ކޮންޓްރޯލްޑް އެންވަޔަރުމެންޓެއްގައި މީހަކު ހުރި ކަމަށް ވެސް ނުވިސްނާނެ،" އެކްސްކަވޭޓަރު ކުއްޔަށް ދޫކޮށްފައިވާ ކުންފުނީގެ އޮފިޝަލަކު ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ ޑްރައިވަރު މެނިކާ ބުދަ ދުވަހު ޕޮލިހަށް ހާޒިރުކުރުމަށް ފަހު ދޫކޮށްލި ކަމަށް އޭނާ މަސައްކަތް ކުރާ ކުންފުނީގެ ވެރިޔަކު ބުންޏެވެ.
"އޭނާ ފުލުހުން ގެންދިޔައީ ވެސް ބަންގްލަދޭޝްގެ މީހުން ހަމާލާއެއް ދީފާނެ ކަމަށް ގަބޫލު ކުރެވިގެން. އެރޭ ދޫކޮށްލުމުން ބަހައްޓާފައި ހުރީ ހުޅުމާލޭ ގެސްޓު ހައުސްއެއްގައި،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހޮނިހިރު ދުވަހުގެ ރޭ މެނިކާ ހައްޔަރު ކުރުމަށް ފަހު އިއްޔެ ކޯޓަށް ގެންގޮސް އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.
"ފުލުހުން ބުނަނީ އޭނާގެ އިހުމާލު އޮތް ކަމަށް. ރާއްޖޭގެ ލައިސަންސް ނެތް ކަމަށް. އިހުމާލު އޮތް ނަމަ ހައްޔަރު ކުރަންޖެހޭ، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އާއި ސްޕަވައިޒަރުން އަދި ސެކިއުރިޓީ ގާޑުން ވެސް،" އޭނާ މަސައްކަތް ކުރާ ކުންފުނީގެ މީހާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ވެމްކޯއިން ބަހެއް ބުނެފައި ނުވެ އެވެ.
ިތިލަފުށީގައި ބިދޭސީއަކު ވަޅުލެވުނު ހާދިސާ: މުޅި މައްސަލައިގައި ވެމްކޯގެ ބޮޑު އިހުމާލެއް! ިތިލަފުށީގައި ބިދޭސީއަކު ވަޅުލެވުނު ހާދިސާ: މުޅި މައްސަލައިގައި ވެމްކޯގެ ބޮޑު އިހުމާލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ