ރޯހިތުގެ ގެއަށް ދިން ބަޑީގެ ހަމަލާގެ ޒިންމާ ބިޝްނޯއީ ގޭންގުން ނަގައިފި

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ ގެއަށް މިދިޔަ ހޮނިހިރު ދުވަހުގެރޭގެ މެންދަމު ވަގުތެއްގައި ދިން ބަޑީގެ ހަމަލާގެ ޒިންމާ އިންޑިއާގެ ލޯރެންސް ބިޝްނޯއީ ގޭންގުން ނަގައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ގޭންގުން އާއްމުކުރި އޯޑިއޯ މެސެޖެއްގައި ރޯހިތުގެ ގެއަށް ދިން ބަޑީގެ ހަމަލާގެ ޒިންމާ އެ ގޭންގުން ނަގާކަމަށް ވަނީ އެއްބަސްވެފައެވެ. އަރްޖޫ ބިޝްނޯއީ ނަމަކަށް ކިޔާ މީހެއްގެ އަޑުން ގެނެސްދިން އެ އޯޑިއޯ މެސެޖުގައި ބުނެފައި ވަނީ އެ ހަމަލާ ރޭވުމުގައި އޭނާއާ އެކު ދެން ބައިވެރިވި ދެ މީހުންނަކީ ޝުބްހަމް ލޯންކަރު އަދި ހަރީ ބޮކްސާ ކިޔާ މީހެއް ކަމަށެވެ. ރޯހިތަށް ހަމަލާ ދޭން އެ މީހުންނަށް މަޖުބޫރުވީ އެ ގޭންގުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އެތަކެއް އިންޒާރުތަކެއް މީގެކުރިންވެސް ރޯހިތަށް ދީފައި ވަނިކޮށް ކަމަށް މި އޯޑިއޯ މެސެޖުގައި ވަނީ ބުނެފައެވެ. އެ ގޭންގުން ރޯހިތުގެ ގެއަށް ދިން ބަޑީގެ ހަމަލާއަކީ ދައްކާލި ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށާއި އެ މީހުންގެ މަސައްކަތްތަކަށް ރޯހިތުގެ ފަރާތުން ދެން ވެސް ހުރަސް އަޅާނަމަ ދެން ދޭ ހަމަލާ އަމާޒުވާނީ ސީދާ ރޯހިތުއަށް ކަމަށާއި އެހެންވެ އެކަން ހަނދާން ބެހެއްޓުމަށް ބިޝްނޯއީ ގޭންގުގެ ފަރާތުން އާއްމުކުރި އޯޑިއޯ މެސެޖުގައި ވަނީ ބުނެފައެވެ. ރޯހިތު ދިރިއުޅޭ ގެއަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން މުމްބާއި ފުލުހުންގެ ޓީމުން އެ އިމާރާތުގައި ހަރަކާތްތެރި ވަނީ --ފޮޓޯ/ބޮލީވުޑްހަންގާމާ މި ހަމަލާގެ ތުހުމަތުގައި މިހާތަނަށް ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުން އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ޕޫނޭ ސިޓީގެ ދެ އަވަށް ކަމަށްވާ ކަރްވެނަގަރު އަދި ދަޔާރީއާ ކައިރި ސަރަހައްދުތަކުންނެވެ. މި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މުމްބާއީ ފުލުހުންނާއި ގުޅިގެން ޕޫނޭގެ ވަރްޖޭ މަލްވާދީ ޕޮލިސް ސްޓޭޝަނުގެ އޮފިސަރުންނެވެ. މި ފަސް މީހުންގެތެރެއިން ހަތަރު މީހެއްގެ ވަނަވަރު އާއްމުކޮށްފައިވާއިރު އެ މީހުން މުމްބާއީގެ ކްރައިމް ބްރާންޗާ ހަވާލުކުރެވިފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މުމްބާއީގެ ޖުހޫގައި ހުންނަ ރޯހިތުގެ އާއިލާ ދިރިއުޅޭ އިމާރާތުގެ ބޭރަށް ބަޑީގެ ހަމަލާތައް މަދުވެގެން ފަސް ފަހަރު ދީފައިވާ ކަމަށް ފަހުގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިފަހުން މަރުގެ އިންޒާރުތައް ލިބުނު ފިލްމީ ފަންނާނުން ކަމަށްވާ އޭޕީ ދިލޮން، ކަންގަނާ ރަނާވަތު، ސަލްމާން ޚާން އަދި ރޯހިތު ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ ނުވަ ފަންގިފިލާއަށް ހުންނަ މި އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާތަކުގެ ވަޒަނެއް އެ ފަންގިފިލާގައި ހުންނަ ޖިމްގެ ބޭރު ބިއްލޫރީގައި ހަރުލާފައި ހުރި ކަމަށް ފުލުހުން ވަނީ މީޑިއާގައި ބުނެފައެވެ. މިހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ރޯހިތު ދިރިއުޅޭ އިމާރާތަށް ޒިޔާރަތްކޮށް ތަހުގީގުތައް ފަށާފައެވެ. އެގޮތުން ފޮރެންސިކް ސައިންސް ހާއްސަ ޓީމަކުން އެ ސަރަހައްދަށް ގޮސް ހާދިސާގެ ހެކިތައް އެއް ކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. މިއީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށް ނިންމާ އެ މައްސަލަ މުމްބާއީ ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ބަޑީގެ ހަމަލާ ދިން ވަގުތު ރޯހިތު ގޭގައި ދިރިއުޅުނު ނަމަވެސް އޭނާއަށާއި އާއިލާގެ މެމްބަރުންގެ އިތުރުން އެ އިމާރާތުގެ އެހެން ބައިތަކުގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުން އާއްމުވެ މަރުގެ އިންޒާރުތައް ވެސް ދިނުން އާއްމުވެފައިވާއިރު ހައި ޕްރޮފައިލް ފިލްމީ ތަރިންގެ އިތުރުން އިތުރު އެފަދަ ޝަހްސިއްޔަތުންގެ ރައްކާތެރިކަމާ މެދު ގިނަ ބަޔަކު އަންނަނީ މިހާރު ސުވާލުކުރަމުންނެވެ. ރޯހިތު ދިރިއުޅޭ އިމާރާތަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު އޭގެ ޒިންމާ ނަގާފައި ނުވާއިރު ރޯހިތު ފަދަ ހުރިހާ އެންމެންނާ ވެސް ގުޅިގެން އުޅޭ މީހަކަށް ބަޔަކު މީހުން ބަޑީގެ ހަމަލާ ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. މިފަހުން ބަޑީގެ ހަމަލާތަކެއް ރައްދުވެ މަރުގެ އިންޒާރު ލިބުނު ފިލްމީ ފަންނާނުންގެތެރޭ ސަލްމާން ޚާން، ކަންގަނާ ރަނާވަތު، ދިޝާ ޕަޓާނީގެ އާއިލާ، އެލްވިސް ޔާދަވް، އޭޕީ ދިލޮން އަދި ކަޕިލް ޝަރުމާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ