ސިޓީ އާއި ވިލާ މޮޅުނުވުމުން އާސެނަލްގެ ތަފާތު ބޮޑުކޮށްފި

މެންޗެސްޓަ ސިޓީގެ މެޗު އެއްވަރުވުމާއި އެސްޓަން ވިލާ ބަލިވުމުން އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ އެއްވަނާގައި އާސެނަލް ދަމަހައްޓަމުން އަންނަ ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފި އެވެ.
އިއްޔެ ރޭ އާސެނަލް ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް 4-0އިން ބަލިކޮށް ހޯދި މޮޅާ އެކު 53 ޕޮއިންޓަށް އެރުވި އެވެ. އެންމެ ހަތަރު ޕޮއިންޓް ފަހަތުން އޭރު ވާދަކުރަމުން އައި ސިޓީ އާއި އެސްޓަން ވިލާއަށް ރޭގެ މެޗުތަކުން މޮޅުވެގެން ނޫނީ އެ ހަނިކަން ދެމެހެއްޓޭނެ ގޮތެއް ނެތެވެ.
ނަމަވެސް ރޭ ފުރަތަމަ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވިލާ ވަނީ ބްރެންޓްފޯޑް އަތުން 1-0 އިން ބަލިވެފަ އެވެ. އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި ކުޅެ ސިޓީއަށް މެޗު ނިންމާލެވުނީ 2-2އިން އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އޮތީ 2-0އިން ކުރީގަ އެވެ. ނަމަވެސް ފަހު ހާފުގައި ޓޮޓެންހަމްގެ ކުޅުން ވަރުގަދަކޮށް ނަތީޖާ އަނބުރާލި އެވެ. ސިޓިއަކީ 2-0ގެ ކުރިއެރުމެއް ލިބި މެޗަކުން ބަލިވުން އާންމު ޓީމެއް ނޫނެވެ. މިއީ 2018ގެ ފަހުން ފުރަތަމަ ހާފުގައި 2-0ގެ ލީޑެއް ނަގައި އެކަމަކު މެޗުން މޮޅުނުވެ ސިޓީއަށް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ރޭގެ ނަތީޖާއާ އެކު ސިޓީ ވަނީ އާސެނަލްއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް އަދި އެސްޓަން ވިލާ ހަތް ޕޮއިންޓް ފަހަތަށް ސޮއްސާލައިފަ އެވެ.
މިކޭލް އާޓެޓާގެ ކޯޗުކަމުގެ ދަށުން އާސެނަލްގެ މިސްރާބު މިހާރު އެހުރީ 2004ގެ ފަހުން ފުރަތަމަ ފަހަރަށް ޕްރިމިއަ ލީގު ނެގުމާ ދިމާއަށެވެ. މިދިއަ ތިން ސީޒަންގައި ވެސް އާސެނަލް އެގޮތަށް މިސްރާބު ޖެއްސެވެ. ނަމަވެސް ލީގުގެ ފަހުކޮޅު ޕޮއިންޓް މަދުވެ، ތިން ސީޒަންގައި ވެސް އޮތީ ދެވަނައިގަ އެވެ.
އާސެނަލް، ކުޅުނު 24، ޕޮއިންޓް 53
މެންޗެސްޓަ ސިޓީ، ކުޅުނު 24، ޕޮއިންޓް 47
އެސްޓަން ވިލާ، ކުޅުނު 24، ޕޮއިންޓް 46
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 24، ޕޮއިންޓް 41
ޗެލްސީ، ކުޅުނު 24، ޕޮއިންޓް 40
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ