އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025-2027 ގެ ހަތަރުވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވައިފި

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027" ގެ ހަތަރުވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ސެޝަނަކީ، ބަަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވެވި ދަރުހެކެވެ. މި ދަރުހުގައި، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ދަރުހުގައި ވާހަކަފުޅު ދެއްކެވީ، "އަންނާށޭ" މި މައުޟޫޢަށް، އައްޝައިޚް ޑޮކްޓަރ އިލްޔާސް ޙުސައިނެވެ. މި ދަރެހުގައި، މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އަލި އަޅުއްވާލައްވާފައި ވެއެވެ. އޭގެ ތެރޭގައި ރަމަޟާންމަހުގެ މާތްކަމާއި، މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާ ކުރުމުގެ މުހިންމު ކަމާއި، ރަމަޟާންމަހުގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމާއި، އަދި ރަމަޟާން މަސް އައުމުން އުޅުމާއި ގުޅުންތައް ބަދަލު ކުރުމުގެ މުހިންމުކަން ހިމެނެއެވެ.
ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ވަނީ، ރަމަޟާން މަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންގެ މައްޗަށް ޢާންމު ކުރައްވާފައިވާ ރަޙްމަތާއި، މަޣްފިރަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރޯދަ ފަރުޟުކުރެއްވުމުގެ ބޭނުން ކަމަށްވާ، ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ބައްލަވާލައްވާފައިވެއެވެ. އަދި ރޯދައިގެ އެންމެ ފުރިހަމަ ސަވާބު ޙާސިލު ކުރުމަށްޓަކައި، މުޅި ހަށިގަނޑުން ރޯދަ ހިފަން ޖެހޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. ރޯދަމަހަކީ ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމާ ރޭއަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސް ދަރުހުގައި ބައްލަވާލެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝައިޚް އިލްޔާސް ވަނީ، ޢަމަލުތައް ﷲ ގަބޫލު ކުރެއްވުމަށްޓަކައި، ތިމާކުރާ އަމަލުތަކުގައި، ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާސްތެރިކަން ހިމެނުމަކީ، ކޮންމެހެންވެސް ލާޒިމު ކަމެއްކަމުގައި ވިދާޅުވެފައެވެ. ހަމަ އެފަދައިން ރަމަޟާންމަހުގައި، އިޚްލާސްތެރި ކަމާއެކު ހެޔޮ ޢަމަލުތައް ކޮށްފިނަމަ، އަހަރުގެ ބާކީ އަނެއް 11 މަސްދުވަހު، ތިމާގެ ޢަމަލުތައް އިސްލާޙް ވާނެ ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ދަރުސަށްފަހު، ޝައިޚް އިލްޔާސަށް ހަނދާނީ ލިޔުމެއް އަރުވާފައިވެއެވެ. މި ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.
ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ