ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފް ކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފިއެވެ.
މިކަމަށްޓަކައި އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނެވެ. 
ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.
މި އަހަރުގެ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗަރތައް ތަޖުރިބާ ފުރުސަތު ދީފައިވާއިރު، ރާއްޖޭގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ސްވައިޕް ތައާރަފް ކޮށްފައިމިވަނީ އައްޑޫ ސިޓީއަށެވެ. ބީއެމްއެލްއިން ބުނާގޮތުން، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެއެވެ.
މި ޚިދުމަތް އައްޑޫސިޓީގައި ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕް އަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.
ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެއެވެ.
ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ