ސިމެންތި ލިބުން ދަތިވެ، ބައެއް ކުންފުނިތަކުން ސިމެންތި ބަސްތާ ވިއްކާ އަގު 300ރ.އަށް ވުރެ ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން އާންމުކޮށް 50 ކިލޯގެ ސިމެންތި ބަސްތާއެއް 100ރ.އަށް ވުރެ ދަށްކޮށް ވެސް ލިބެން ހުރެ އެވެ.
ނަމަވެސް މިފަހުން ސިމެންތީގެ އަގު ބޮޑުވާން ފެށީ އިޒްރޭލާއި އީރާނާ ދެމެދު ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުންނެވެ.
ބުނީ ކީކޭ؟ - 'ދައުރު'ން މިއަދު ވިިލާ ހަކަތައަށް ގުޅުމުން ބުނީ އެ ކުންފުނިން 50 ކިލޯގެ ސިމެންތި ބަސްތާއެއް މިހާރު ވިއްކަނީ 313ރ.އަށް ކަމަށެވެ.
ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިއްކީ 254ރ. އަށެވެ.
އެސްޓީއޯގެ އޮފިޝަލަކާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު އަދި ބޮޑުނުކުރާ ކަމަށެވެ.
އެޕޯލޯއިން ސިމެންތި ހުސްވެފައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، ލިބޭނެ ސީދާ ވަކި ދުވަހެއް ބުނަން ދައްޗެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސިމެންތީގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ބައެއް ސާމާނު ލިބުން ވެސް ދަތިވެ، އެ ތަކެތީގެ އަގު ވަނީ ބޮޑުވެފަ އެވެ.
އިމާރާތްކުރުމުގެ ސިނާއަތަށް ހުރި ގޮންޖެހުންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ.
ސިމެންތި ހުސްވަނީ؛ ބަސްތާއެއް 300ރ.އިން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ