އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ކުޑައިރުއްސުރެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ އުތުރުގެ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ކުޑަ އިރުއްސުރެ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށާފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ވަނީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައިހުރެ، 18 އަހަރުގެ އަންހެނަކަށް އެ އަންހެން މީހާގެ ކުޑައިރުން ފެށިގެން އެކި ދުވަސް މަތިން ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށާފައި ވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިމެނޭ ގޮތަށް، ޖިންސީ ކުށްތައް ރިޕޯޓުކުރުން ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 41 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ