ބައެއް މިނިސްޓަރުން ޝޮކްގައި، އިސްތިއުފާ ދޭން ޖެހުނީ ކުއްލިއަކަށް

ދިވެހިންނަށް އިއްޔެއަކީ ހައިރާންކަމާއި ކުއްލި ޝޮކްތަކުން ފުރުނު ދުވަހެކެވެ.
ފަހަރަކު މިނިސްޓަރަކު އިސްތިއުފާ އިއުލާންކުރައްވަނީ އެވެ. އެ ސިލްސިލާ ނިމުނު އިރު، ކެބިނެޓްގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ.
"އަނެއްކާ ކިހިނެއް ވާން މި އުޅެނީ؟" މިއީ އިންޑިއާއިން އެނބުރި ރާއްޖެ އައިސް ޓާމިނަލުން ނުކުތުމާ އެކު އަޅުގަނޑަށް އައި ފުރަތަމަ ކޯލުގައި، ސިޔާސީ ބޭފުޅަކު އެއްސެވި ފުރަތަމަ ސުވާލެވެ.
"ރީޝަފަލްއެއް ނޫންތަ؟ އެ އެންމެން އަލުން ހުވާނުކުރާނެ ބާ؟" އަޅުގަނޑު ވެސް ކުރީ ސުވާލުތަކެކެވެ.
ކެބިނެޓަކީ ކުޅޭކުޅޭ ތަނެއް ނޫންތާ އެވެ. އެއީ ސަރުކާރުގެ އެންމެ މަތީ ވެރިންނެވެ. އެކަމަކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، 29 ޖޫން 2010 އަކީ، އޭގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ދުވަހެކެވެ. ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި، ޓީވީއެމުން ވަގުތުން ދައްކަމުން، ނަޝީދު ކެބިނެޓްގެ 13 މިނިސްޓަރުން، ފަހަރަކު ބޭފުޅަކު، އިސްތިއުފާގެ ސިޓީފުޅު އެމަނިކުފާނަށް އަރުވަމުން، ދިޔަ އެވެ.
މި ބޮޑު ސިޔާސީ ޑްރާމާގެ ސަބަބަކީ، އޭރުގެ އިދިކޮޅު މައި ޕާޓީ، ޑީއާރުޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުން ސަަރުކާރު ހިންގަން ދަތިކުރުން ކަމަށް، ނަޝީދާއި އެހެން މިނިސްޓަރުން ވިދާޅުވި އެވެ.
އެއީ ސިޔާސީ ގޮތުން ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. އިސްތިއުފާ ދެއްވި ވަޒީރުން އަލުން ކެބިނެޓަށް ގެންނަވައި، ހުވާކުރެއްވިޔަސް ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބިވަޑައިގަތީ އެންމެ ފަސް ބޭފުޅަކަށެވެ.
އެ ސިޔާސީ ކަންތައްގަނޑަށް 16 އަހަރު ވާން އުޅެނިކޮށް އިއްޔެ މި ކުރިމަތިވީ އޭގެ އާ ބާބެކެވެ. މިފަހަރު ރައްޔިތުންގެ މަޖިލިހުގެ ޖެއްސުންކުރުން ސަރުކާރަށް އޮވެެގެންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރާށެވެ. އެކަމަކު މީގެ 10 ދުވަސް ކުރިން ރާއްޖޭގައި ބޭއްވި ކައުންސިލް އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އަދިވެސް ރައީސް މުހައްމަދު މުއިއްޒަށް ހަޖަމްނުކުރެއްވޭ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ސަރުކާރަށް ދޭއް ބައި އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ ބޮޑު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުމުގެ ނަތީޖާއިން ސަރުކާރު 'ބަރަހަނާ ވެއްޖެ' ކަމަށް، އެއް ބަޔަކު ދެކި، ސަރުކާރަށް ފާޑުކިއުން މި އޮތީ ބޮޑުވެ އާންމުވެފަ އެވެ.
ޑރ. އަބްދުﷲ ހަލީލު - ފޮރިން މިނިސްޓަރު
ގައްސާން މައުމޫން - ޑިފެންސް މިނިސްޓަރު
ޑރ. އައިޝަތު ޝިހާމް - ސޯޝަލް މިނިސްޓަރު
އަބްދުﷲ ނާޒިމް - ހެލްތު މިނިސްޓަރު
ޑރ. މަރިޔަމް މާރިޔާ - އެގްރިކަލްޗާ މިނިސްޓަރު
އާދަމް ޝަރީފް - ލޯކަލް ގަވަމެންޓް މިނިސްޓަރު
އިބްރާހިމް ވަހީދު - ޔޫތު މިނިސްޓަރު
ތޯރިގު އިބްރާހިމް - ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު
ޑރ. އަލީ ހައިދަރު އަހުމަދު - ހަޔާ އެޑިއުކޭޝަން މިނިސްޓަރު 
އާދަމް ނަސީރު އިބްރާހިމް - ދިވެހި ބަހުގެ މިނިސްޓަރު
އިއްޔެ ރައީސް މުއިއްޒު ކެބިނެޓްގެ 10 މިނިޓަރަކު އިސްތިއުފާ ދެއްވަން އެމަނިކުފާނު އެދިވަޑައިގަތީ ކުއްލިއަކަށް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި، މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި އެވެ. މިއީ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާގެ ހިތި އަސަރާ ގުޅިފައި އޮތް ނިންމެވުމެއް ކަމަށް ވެސް، އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
"ބައެއް މިނިސްޓަރުންނަށް ލިބުނީ ހަމަ ޝޮކެއް. އެ މީހުން ހިއެއްނުކުރޭ އެހެން އަންގާނެ ކަމަކަށް،" އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރައީސް އެ ނިންމެވުން އައީ ކޮން ބޭފުޅަކާ މަޝްވަރާކުރައްވައިގެން ކަމެއް ވެސް ނޭނގެ އެވެ. އެތެރޭގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒުއަށް އެފަދަ ލަފައެއް އަރުވާނެ ނުވަތަ ލަފައެއް ހޯއްދަވާނެ ބޭފުޅަކު ވެސް ނެތެވެ. އެހެންކަމުން އެއީ ސީދާ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކެވި މަސްދަރުތަކުން ލަފާކުރައްވަ އެވެ.
"[ނަން ކަނޑާލާފައި] ބުނީ ހަމަ އެއްގޮތަކަށް ވެސް ނޭނގެއޭ ކާކުގެ ލަފައެއް ކަމެއް، އިރުޝާދު ހޯދީ ކާކުގެ ކައިރިން ކަމެއް،" އިސްތިއުފާ ދެއްވި މިނިސްޓަރެއްގެ ނަން ވެސް ކިއުއްވާފައި، އެއް ބޭފުޅަކު ވިދާޅުވި އެވެ. (އެ މިނިސްޓަރުގެ ނަން މި ރިޕޯޓްގައި ނުޖެހީ އޭނާއާ ގުޅޭ ގޮތް ނުވުމުންނެވެ.)
މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް 
އަލީ އިހުސާން - މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ 
ޑރ. އިސްމާއިލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް
މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް
އަހުމަދު ޝިޔާމް - މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ 
'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން އެއް ބޭފުޅަކަށް އަދިވެސް އެކަން ގަބޫލެއްނުކުރެއްވެ އެވެ. އެހާ ވެސް ބޮޑަށް އޭނާ ހުންނެވީ ޝޮކްގަ އެވެ.
އެކަމަކު މަތި ރީތިކުރަން އެ ހުރިހާ ބޭފުޅުންނާ ބެހޭ ގޮތުން ވެސް ރައީސް އޮފީހުން އިއްޔެ ސަބަބެއް އާންމުކުރި އެވެ: އެ ބޭފުޅުން އިސްތިއުފާ ދެއްވީ 'ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެންނަން ފުރުސަތު ދިނުމަށް' ކަމަށް ބުނެ އެވެ.
ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އިންތިހާބުގައި އެހާ ބޮޑު ތަނުން ބަލިވެފައި އޮތް ދަނޑިވަޅެއްގައި އެއް ފަހަރާ އެހާ ގިނަ މިނިސްޓަރުން ކުއްލިއަކަށް އިސްތިއުފާ ދެއްވުމުން ސަރުކާރުގެ އަގު އިތުރަށް ވެއްޓުން ކައިރި އެވެ. ރައްޔިތުންގެ މެދުގައި އެއަށް ވުރެ އިތުބާރު ބޮޑުވާނެ ގޮތަށް ކެބިނެޓަށް ބަދަލު ގެންނެވޭނެ ކަމަށް ވެސް، ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދޭތެރެ ދޭތެރެއިން ކެބިނެޓަށް ބަދަލު ގެންނަވަ އެވެ. އެކަމަކު އެއީ މިގޮތަށް އެއް ފަހަރާ ގިނަ ބޭފުޅުން އިސްތިއުފާ ދެއްވާފައެއް ނޫނެވެ. ހަނދާނުގައި ބަހައްޓާށެވެ! އެއީ މުޅިން އެހެން ދުވަސްވަރެކެވެ.
1- ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
2- އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރްމެންޓް އެންޑް އެނާޖީ
3- އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް
4- ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނުމުން އޭގެ މާނައަކީ ސަރުކާރު ހިންގުމުގައި ވެސް ގޯސްތަކެއް އުޅުުމެވެ. ކެބިނެޓްގެ ބޮލުގައި ވެސް އެ ޒިންމާ އެޅެ އެވެ. އެހެންކަމުން ރައީސް މުއިއްޒަށް އިތުބާރު ނެތް މިނިސްޓަރުންތަކެއް ކެބިނެޓްގައި ބޭތިއްބުމުގެ ބޭނުމެއް ވެސް ނޯންނާނެ ކަމަށް، އެ ބޭފުޅުން ވިދާޅުވި އެވެ. މާނައަކީ އިއްޔެގެ ކުއްލި އިސްތިއުފާތައް އޭގެ ޒާތުގައި، އަދި މިހާރުގެ ސިޔާސީ ވެއްޓަށް ބަލާއިރު، އެހާ ގޯސްނުވުމެވެ.
ކެބިނެޓުން ބޭރުކުރައްވަން ރައީސް މުއިއްޒު ބޭނުންފުޅުނުވި މިނިސްޓަރުންނާ އެކު އާ މިނިސްޓަރުންތަކެއް ރޭ ވަނީ ހުވާކުރައްވައިފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި  މިނިސްޓަރުންނަށާއި މުޅި ރާއްޖެއަށް ލިބުނު ޝޮކް ވަރަށް ބޮޑެވެ. މީގެ 16 އަހަރު ކުރިން ރައީސް ނަޝީދު ނިންމެވި ނިންމެވުމުން ލިބުނު ޝޮކް ވަރު ނުވިއަސް މެ އެވެ.
ސިޔާސީ ޕްރެޝަރާއި އިންތިހާބުގެ ބަލި އެކި ވެރިން ނަންގަވާނީ އެކި ގޮތަށެވެ. މިއީ ވެސް އެފަދަ ތަފާތު ފިލާވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ