ވިޖޭ އާއި ރަޝްމިކާގެ ކައިވެނި ހަފުލާގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ބައިނަލްއަގުވާމީ އެޖެންސީއަކަށް
މި އަންނަ ބުރާސްފަތި ދުވަހު ކައިވެނިކުރާނެ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވެރަކޮންދާ އާއި ރަޝްމިކާ މަންދަންނާގެ ކައިވެނި ހަފުލާގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ބައިނަލްއަގުވާމީ އެޖެންސީއަކާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި މަހުގެ 26ގައި ދެ ތަރިން ކައިވެނި ކުރާނެ ކަމަށް ފިލްމީ ޚަބަރުތަކުން ބުނަމުން އައި ނަމަވެސް މިހާތަނަށް ދެ ތަރިންގެ ފަރާތުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ވިޖޭ ހައިދަރުއާބާދުގައި ދިރިއުޅޭ ގެ ކަމަށްވާ ޖުބިލީ ހިލްސް ރެސިޑެންސް، އެކި ކަހަލަ ބޮކިފަތިތަކުން ޖަރީކޮށް ދިއްލާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ ދައުރުވެފައެވެ. އިންޑިއާގައި އާއްމުކޮށް ދިރިއުޅޭ ގެ އެފަދަ ގޮތަކަށް ޖަރީކޮށް ބޮކިފަތިތައް ލުމަށްފަހު ދިއްލާލާފައި އޮންނަނީ ކޮންމެވެސް ކަހަލަ ޚާއްސަ މުނާސަބާއަކާ ގުޅިގެންނެވެ. ވިޖޭ އާއި ރަޝްމިކާގެ ކައިވެނި ކާޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯއެއް--ފޮޓޯ/މިޑްޑޭ ވިޖޭ އާއި ރަޝްމިކާގެ ކައިވެނި ހަފުލާގެ އިތުރުން ކައިވެންޏާ ގުޅިގެން ބާއްވަ ހުރިހާ ރަސްމިއްޔާތުތައް ވެސް ކުރިއަށްދާނީ ވަރަށް ޕްރައިވެޓްކޮށް ކަމަށާއި އެ ހަފުލާތަކުގައި ބައިވެރިވާނީ ވެސް ދެ ތަރިންގެ އާއިލާގެ ގާތް މެމްބަރުންނާއި މަދު ރަހްމަތްތެރިން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އަދި މި ކައިވެންޏަށް ދައުވަތު އެރުވޭ މީހުންގެ ފޯނުތައް ވެސް ރަސްމިއްޔާތު އޮންނަ ތަނަށް ވެއްދުން މަނާ ކަމަށާއި ކައިވެނީގެ ފޮޓޯތައް ނެގުން ހުރިހާ އެންމެންނަށް ވެސް މަނާކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ކައިވެނީގެ ފޮޓޯތައް ނެގުމާ ހަވާލުވެފައިވާ ފޮޓޯގްރަފީ ޓީމުން ވެސް ޚާއްސަ އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އިންޑިއާގެ އުދޭޕޫރުގައި ބާއްވާ ކައިވެނީ ރަސްމިއްޔާތުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން އިންޓަނޭޝަނަލް އެޖެންސީއަކާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު އެއީ ކޮން އެޖެންސީއެއްކަން އަދި ސާފެއް ނުވެއެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ރަޝްމިކާ އާއި ވިޖޭ ކައިވެނީގެ ކުރިން ބާއްވާ ސަޤާފީ ދެ ރަސްމިއްޔާތެއް، ދެ ތަރިންގެ އާއިލާއާ އެކު ގޭގައި މާކުރިން ވަނީ ބާއްވައިފައެވެ. މި ދެ ތަރިންގެ ކައިވެނީގެ ދައުވަތު ކާޑު ކަމަށް ބެލެވޭ ކާޑެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭގައި ބުނެފައިވާ ގޮތުން ކައިވެނީގެ ހަފުލާއަށްފަހު ދެ ރިސެޕްޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެއީ ދެކުނުގެ ފިލްމީ ދާއިރާގެ މީހުންނަށް ހައިދަރުއާބާދުގައި ބާއްވާ ރިސެޕްޝަނަކާއި ބޮލީވުޑްގެ މީހުންނަށް ޚާއްސަކޮށްގެން މުމްބާއީގައި ބާއްވާ ރިސެޕްޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ