ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް ޢުމަރު ބޭރު ޤައުމުތަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ޠާރިޤް އިބްރާހީމް އައްޔަންކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރުގެ މަޤާމަށެވެ. ޠާރިޤަކީ މި ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ މަޤާމު ކުރިން ފުރުއްވި އާދަމް ޝަރީފް ޢުމަރު އައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޤަތަރަށް ކަނޑައަޅާ ސަފީރުގެ މަޤާމަށެވެ.
މި ދެ ބޭފުޅުން ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. އިސްތިއުފާ ދެއްވުމަށްފަހު، މިހާތަނަށް މި ދެ ބޭފުޅުން ތިއްބެވީ ފޮރިން މިނިސްޓްރީގެ ”އެމްބެސެޑަރ އެޓް ލާޖް“ ގެ މަޤާމުގައެވެ.
މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ