މައުމޫން ތާއީދު ކުރައްވަނީ ޔޫގެންޑާގެ ކުރީގެ އަނިޔާވެރި ވެރިޔާ އީޑީ އަމީންގެ ނިޒާމަށް: ބޮންޑޭ

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވަނީ، ޔޫގެންޑާގެ ކުރީގެ އަނިޔާވެރި ވެރިޔާ އީޑީ އަމީންގެ ނިޒާމަށް ތާއީދު ކުރެއްވުމުގެ ގޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ޖަޕާނު، ކެނެޑާ އަދި ޑެންމާކު ފަދަ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮއްވައި ރައީސް މައުމޫނު އެ ނިޒާމަށް ތާއީދު ނުކުރައްވަނީ، ޔޫގެންޑާގެ ކުރީގެ އަނިޔާވެރި ވެރިޔާ އީޑީ އަމީންގެ ނިޒާމަށް ތާއީދު ކުރައްވާތީ ކަމަށެވެ."މައުމޫނެއް ބޭނުމެއްް ނުވާނެ އެއަށް ތާއީދު ކުރާކަށް މައުމޫނު ބޭނުންވަނީ އީޑީ އަމީން ތާއީދު ކުރި، އެއްޗަށް ތާއީދު ކުރަން، އީޑީ އަމީންވެސް ބޯ ބުރިކޮށްފައި ފްރިޖަށް ލައިފަ ބެހެއްޓީ، މީސްމީހުންގެ މިނިކެއީ، އެއީ ރިޔާސީ ނިޒާމު އޮންނަ ގޮތް ރުވާންޑާ، ޔޫގެންޑާ ތަންތަނުގައި އޮންނާނީ ރިޔާސީ ނިޒާމު،" ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާތީ މައުމޫނަށް ފާޑު ވިދާޅުވަމުން ބޮންޑޭ ވިދާޅުވިއެވެ.ބޮންޑޭ ސަރުކާރު ކޯލިޝަންގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނިޔާވެރިއެއްގެ ގޮތަށް ސިފަކުރެއްވި އިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށް މައުމޫނު އިއްޔެ ވަނީ ވިދާޅުވެފައެވެ.ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ރައްޔިތުނެގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން އެ ނިޒާމު އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށެވެ.ބަރުލަމާނީ ނިޒާމުގެ ބަހުސް އަލުން ފަށާފައި ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެ ގެނެސް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވާފައި ވަނިކޮށެވެ. އެމަނިކުފާނު އެކަން ފާހަގަކުރައްވައި، ރައީސް ސޯލިހަށް ފޮނުއްވީ މެސެޖެކެވެ. އެމެސެޖުގައި ރައީސް ނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. އެ މެސެޖު ރައީސަށް ލިބިވަޑައިގެންނެވިކަން ކަށަވަރުކޮށް ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި، އެކަމަކުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ، މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ މިކަމަށް ބަދަލެއް ގެނެވޭނީ އާއްމު ރައްޔިތުންގެ ވޯޓަކުންނެވެ.ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ނަޝީދުގެ އަރިސް ބައެއް މެމްބަރުން މި ފަހުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ވަގުތު ޖެހިއްޖެ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ ތެރޭގައި ބާއްވަން ޝެޑިއުލްކޮށްފައި ވަނިކޮށް ބަރުލަމާނީ ނިޒާމުގެ ވާހަކަ ނަޝީދު ތިލަކުރެއްވުމުން އެ އިންތިހާބުގެ ކެމްޕޭންގައި ވެސް މި ފޯރި ގަދަވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ސިއްރު ވޯޓެއް ނެގީ އޮގަސްޓް، 18، 2007 ގަ އެވެ. އެ ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ