މިޞްރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަޑުއުފުލައިފި
މިޞްރުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަދި އެޤައުމުގެ ވަގުތީ ސަރުކާރުގެ ދިފާޢީ ވަޒީރު – ޖެނެރަލް އަބްދުލް ފައްތާޙު އަލް ސީސީ، މިޞްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ މިޞްރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަޑުއުފުލައިފިއެވެ.
ޖެނެރަލް އަލް ސީސީއަކީ މިޞްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް – މުޙައްމަދު މޫރްސީގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނެވި އެއް އޮފިޝަލެވެ. މިއަހަރުގެ ފަހުކޮޅު މިޞްރުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދާއިރު، އާންމުން އެދޭނަމަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަމަށް ޖެނެރަލް އަލް ސީސީ ވަނީ ވިދާޅުވެފައެވެ. މިދަނޑިވަޅަކީ މިޞްރަށް އިންޤިލާބެއް ގެނައިތާ ތިން އަހަރު ފުރުން ފާހަގަކުރާ ދަނޑިވަޅަށް ވީއިރު، ޖެނެރަލް އަލް ސީސީއަށް ތާއީދުކޮށް މިޞްރުގައި އަޑުއުފުލަމުންދިޔަ ފަރާތްތަކުންވަނީ، މޫރްސީގެ ކިބައިން މިޞްރު ސަލާމަތްކޮށްދިން ކަމަށްޓަކައި އަސްކަރިއްޔާއަށް ޝުކުރު އަދާ ކުރުމަށް މި ފުރުޞަތުގެ ބޭނުން ހިފުމަށްވެސް ގޮވާލާފައެވެ. މިޞްރުގެ އަސްކަރިއްޔާއަށް ތާއީދުކޮށް އަޑުއުފުލުމުގެ އޮއެވަރެއްގައި މިޞްރު ޖެހިފައިވާއިރު، އެޤައުމުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިތްތަކުގައި ވަނީ ރުޅިވެރިކަން އިތުރުވެފައެވެ.
މިޞްރުގެ ރިޔާސީ ރޭހުގައި ޖެނެރަލް އަލް ސީސީ ވާދަކުރެއްވުމަށް ގޮވާލާ މިޞްރުގައި އަޑުއުފުލަމުން ދިޔަނަމަވެސް، މިކަމުގައި ޖެނެރަލް އަލް ސީސީ ނިންމަވާ އެންމެ ފަހުގެ ގޮތް އަދިވެސް ހާމަކުރައްވާފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ