އީޔޫގެ ވަފުދު، ރައީސް އަބްދުﷲ ޔާމީންއާ މިއަދު ބައްދަލުކުރައްވައިފި

އިއްޔެ ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަން، އީޔޫ ގެ ވަފުދު، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފިއެވެ.ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ރާއްޖެ އާއި އީޔޫގެ ގުޅުމާ ބެހޭ ގޮތުން ޔޫރަޕިއަން ޕާލަމެންޓްގެ ބޭފުޅުންނާއި ރައީސް ޔާމިން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ އަދި އިގުތިސާދީ ޙާލަތާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރުއާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނަސީރާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވިއެވެ.  އީޔޫގެ ވަފުދު ހަތަރު ދުވަހު ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާ އިރު، އީޔޫގެ ވަފުދުން ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޖަމިއްޔާތަކާއި ދައުލަތުގެ އިސްވެރިންނާއި ނޫސްވެރިންނާ ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އީޔޫގެ ވަފުދުގެ ބޭފުޅުން ރޭ ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި ވެސް ބައްދަލުކޮށްފައެވެ. މި ވަފުދުގައި ނުވަ މެމްބަރުން ހިމެނޭ އިރު އޭގެތެރޭގައި ޔޫރަޕިއަން ޕާލިމެންޓުގެ ތިން މެމްބަރުންނާއި، ޔޫރަޕިއަން ޕާލިމެންޓްގެ ސެކެޓްރީއެޓްގެ އޮފިޝަލުންނާއި، އަދި ސްރީ ލަންކާއަށާއި ރާއްޖެއަށް ޔޫރަޕިއަން ޔުނިއަނުން ކަނޑައަޅާފައިވާ ވަފުދުގެ އޮފިޝަލުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ