ފާރިސް އަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމްވެސް ތައުރީފު ކުރައްވައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ސަރުކާރާ ދެކޮޅަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެ ދާއިރާގެ މެންބަރުކަން ކުރިން ކުރައްވާފައިވާ އަހުމަދު ނާޒިމްވެސް އޭނާ އަށް ސާބަސް ދެއްވައި ތައުރީފު ކުރައްވައިފިއެވެ.
ފާރިސް ބަންދުން ދޫކޮށްލުމާގުޅިގެން ނާޒިމް ފާރިސަށް ތައުރީފު ކުރައްވާ ސާބަސް ދެއްވާފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރިން އަދާކުރެއްވި ނާޒިމް ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންނަކީ ހައްގުގެ މަގުގައި ހައްގު ބަސް ބުނާ މެންބަރުން ހޮވާ ބައެއް ކަމަށާއި އަދި އެ މެންބަރުން 25 އަހަރަށް ޖަލަށްލިޔަސް، 6 މަހަށް ޖަލަލި ނަމަވެސް އެ މެންބަރުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
ފާރިސަށް މަރުހަބާ ދަންނަވައި ނާޒިމް ކުރެއްވި އެ ތްވީޓު ނިންމަވާ ލައްވާފައިވަނީ ފާރިސް ކުރައްވާ މަސައްކަތުގައި ދެމި ހުންނެވުމަށް ގޮވާލައްވަމުންނެވެ.
ކުރިން ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ނާޒިމް މިހާރު އެހުންނެވީ 25 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް ޖަލުގައި އެހުކުމް ތަންފީޒުކުރައްވަމަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެނާ ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާފައެވެ.
ނާޒިމު އަށް 25 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓާގުޅިގެން އޭނާގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ