އާޒިމާ ދަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުން: އަމީތު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ގެންދަވަނީ ސުޕްރީމް ކޯޓަށް ނުފޫޒް ފޯރުވުމަށް ތަފާތު ވާހަކަތައް ދައްކަވަމުން ކަމަށާ، އެކަމަނާއާއިމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ފަރާތްޕުޅުން ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި، ސުޕްރީމް ކޯޓަށް ރައީސް ޔާމީން މަގާމުން ދުރުނުކުރެވޭނެކަމަށް ވިދާޅުވެ އާޒިމާ ވާހަކަދައްކާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އަމީތު ވިދާޅުވީ އާޒިމާއަކީ ރައީސް ވަހީދުގެ ވެރިކަމުގައި މަޖިލީހަށް އިތުބާރު ނެތިގެން އެއްލާލާފައިވާ ބޭފުޅެއްކަމަށެވެ.
މިއަދު ކޮންމެވެސް ގޮތަކަށް މަޖިލީހުގެ ރުހުމެއްވެސް ނެތި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަމަށް ވަޑަައިގެންނެވުމުން އާޒިމާ މަސައްކަތް ކުރަމުންދަނީ ގާނޫންތައް ފުނޑުފުނޑުކޮށްލާ އަމިއްލަ އެދުމުގައި މަގާމުގެ ދިފާއުގައިކަމަށް އަމީތު ވިދާޅުވިއެވެ.
"އާޒިމާއަކީ ރައީސް ވަހީދުގެ ވެރިކަމުގައި ރައްޔިތުންގެ އިތުބާރު، ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތުމުން ނަގާ އެއްލާލާފައިވާ މީހެއް." އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ އާޒިމާ ޝަކޫރު ގެންދަނީ ސުޕްރީމް ކޯޓަށް ނުފޫޒް ފޯރުވުމަށް ތަފާތު ވާހަކަތައް ދައްކަމުންކަމަށާ، އެ ކޯޓަށް ހަތަރު ލީޑަރުންގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލަ ނުބެލޭނެކަމަށް ވިދާޅުވެ އާޒިމާ ދައްކާ ވާހަކަތަކަކީ ނުފޫޒު ފޯރުވާ ބިރުދެއްކުމަށް ދައްކަމުންދާ ވާހަކަތަކެއްކަމަށެވެ.
މިގައުމުގައި ހިންގަމުންދާ ކަންކަމުގައި ރައްޔިތުން އާޒިމާގެ ބަހެއް ބޭނުންނުވާކަމަށާ އާޒިމާގެ އަމަލުތަކުން އޭނާއަކީ ކާކުކަން ރައްޔިތުންނަށް އޮޅިފައިނުވާކަމަށް އަމީތު ވިދާޅުވިއެވެ.
"މި ވިދާޅުވަނީ ސުޕްރީމް ކޯޓަށް ބެލޭނީ މިކަންކަމޭ. ސުޕްރީމް ކޯޓަށް ނުބެލޭނެ ކަންކަމަކީ މިއީއޭ. އަޅުގަނޑު މި ކަމަނާ (އާޒިމާ)އަށް ދަންނަވާލަން އޮތީ މިކަމުގައި އާޒިމާގެ ބަހެއް ބޭނުމެއް ނޫނޭ. ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަންކަން ނިންމާނީ އެ ކޯޓުން." އަމީތު ވިދާޅުވިއެވެ.
މީގެ އިތުރަށް އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނުގެ އިސްތިއުފާއިން އެހެން މެންބަރުން އިބްރަތް ލިބިގަންނަންޖެހޭ ކަމަށެވެ.
ސުލައިމާން އިސްތިއުފާދެއްވީ ރައީސް ޔާމީން އަންގައިގެން ގާނޫނާއި ޚިލާފު އެތައް ކަމެއް ތަކުރާރުކޮށް ކުރުމަށްފަހު، އޭނާގެ ބޭނުން މިއަދު ރައީސް ޔާމީނަށް ކެނޑުމުން ކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ކޮމިޝަންގެ ހުރިހާ މެންބަރުން ތިއްބެވީ ގާނޫނާއި ޚިލާފު ޖަރީމާތައް ހިންގައިގެން ކަމަށާ އެ މެންބަރުންނާއި ގާނޫން އަރާ ހަމަކުރާނެ ކަމަށެވެ.
"ކިހިނެތްތޯ ސުލެއިމާން ކުރައްވާފައިވާ ގާނޫނާއި ޚިލާފު އަމަލުތަކަށް އޭނާ ޖަވާބުދާރީވާނީ. އޭނާގެ ދިފާއުގައި ރައީސް ޔާމީން ކޯޓަށް ވަޑައިގެން ހުންނަވާނެތޯ. ނުހުންނަވާނެ އިނގޭތޯ. މީގެން މި ބުނެދޭ ހަގީގަތަކީ ކޮންމެ މީހަކުވެސް އެކްސްޕެއާވާނެކަން. އަދިވެސް ކޮމިޝަންގައި ތިއްބެވި ބޭފުޅުންގެ މުއްދަތު ހަމަވެ ގާނޫނާއި ކުރިމަތިލާންޖެހޭނެ." އަމީތު ވިދާޅުވިއެވެ.
އަމީތު ވަނީ ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން އަންގައިގެން ގާނޫނާއި ޚިލާފު ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ