ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަކީ ބޭއިންސާފަށް ތާއީދު ކުރުން - މައުމޫން

ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަކީ ބޭއިންސާފާއި ހަމަނުޖެހުމަށް ތާއީދު ކުރުން ކަމުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓުގައި މައުމޫން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމުމަކީ މެދު އިރުމަތީގެ ހަމަނުޖެހުން އިތުރު ވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި އަނެއްކާވެސް އަމާންކަން ގެއްލިގެންދާނެ ކަމަށެވެ.
މިއަދު، ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް ރާއްޖޭގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިހާރު ނޫހަށް ނިން އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން އަރަބި ދުނިޔެއަށާއި މުޅި އިސްލާމީ އުންމަތަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އެމެރިކާގެ އެ ނިންމުން ތަންފީޒުކުރަން ފަށާ ހިސާބުން ވަރަށް ނުރައްކާތެރި، ކަންތަކެއް ހިނގަން ފަށާނެ ކަމަށް ބެލެވޭ ކަމަށާއި، އަނެއްކާވެސް އިންތިފާޟާއެއް ފެށުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލްގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައްބާސް އަށް ފޯނުން ގުޅުއްވައި އެންގި ކަމަށެވެ.
މަހްމޫދު އައްބާސް ވަނީ މި ނިންމުމާއި ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ފްރާންސްގެ ރައީސް އާއި، ކްރިސްޓިއަން ދީނުގެ އެންމެ އިސް ފާދިރީ އާއި ޖޯޑަންގެ ރަަސްގެފާން އަބްދުﷲ ވެސް ވަނީ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާއި ދެކޮޅު ހައްދަވާފައި ކަން ޓްރަމްޕް އަރިހު އައްބާސް ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ