ބަންދުން ދޫކޮށް ނުލަނީސް ސަރުކާރާއި އެކު އެއްވެސް ސިފައެއްގައި މަޝްވަރާއެއްގައި ބައިވެރި ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ޤާނޫނީ ވަކީލް މެދުވެރިކުރައްވާ އާންމު ކުރެއްވެވި މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ބަންދުކޮށްފައި ތިއްބެވި ބޭފުޅުން ދޫކޮށްނުލަނީސް އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ޕާޓީތަކުގެ ލީޑަރުންނާއި ދެފަނޑިޔާރުން އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ބޭފުޅުން ވަނީ ރަހީނު ކޮށްފައި ކަމަށާއި އެހެންކަމުން އެބޭފުޅުން ދޫކޮށްނުލަނީސް މަޝްވަރާ ކުރަން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވާނެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް މީހުން ރަހީނުކޮށް ޤާނޫނު އަސާސީ އާއި ހިލާފަށް ފުލުހުންނާއި ސިފައިން ހިންގާ އަމަލުތަކާއި ޝަރުޢީ ދާއިރާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ގެންދިއުން ކުރިން އޮތް ހާލަތައް އަލުން އިއާދަ ކުރަން ޖެހޭނެ ކަމަށާއި މިއީ އިތުރަށް މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.
ދޫކޮށް ނުލަނީސް އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާން ރައީސް މައުމޫން ދެކޮޅު ހައްދަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި މަޝްވަރާ ކުރަން އދ.އިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުން ވެސް ގެންދަނީ އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް އަންނަން ތަކުރާރުކޮށް ދައުވަތު ދެމުންނެވެ.
ދޫކޮށް ނުލަނީސް އެއްވެސް މަޝްވަރާއެއް ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ