ހއ. ދިއްދޫ ހުޅަނގު ފަރާތުން ރަށް ގިރާތީ ރައްޔިތުން ކަންބޮޑުވޭ: ކައުންސިލް


ހއ. ދިއްދޫ ހުޅަނގު ފަރާތުން ރަށުގެ މެދުތެރެއަށްވާ ގޮތަށް، ގިރަމުންދާތީ އެކަމާމެދު އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. 
 
ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައީމް ވިދާޅުވީ މިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެމުންދާ ކަމަށެވެ.
 
ދިއްދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސީރިއަސްކަން ސިފަކޮށްދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގެ ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި އަތިރިމަތީގައި ރައްޔިތުން ބޭނުންކުރަމުން އައި ހޮޅުއަށި މިހާރު ހުރީ މޫދުތެރޭގައި ކަމަށާއި،  ރަށުގެ އެހިސާބު އެހާ ވަރަށް ގިރާލަފާނެކަމަށް ދިއްދޫ ރައްޔިތުން މީގެ ކުރިން ގަބޫލުނުކުރާ ކަމަށެވެ.
 
ނައީމް ވިދާޅުވި ގޮތުގައި ދިއްދޫއަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއްކަމަށެވެ. އެހެންނަމަވެސް މިކަން މިހާ ސީރިއަސް ވެގެން ދިޔައީ 2010 ގައި ބިން ހިއްކި ފަހުންކަމުގައެވެ. އެހެންކަމުން ރަށް ގިރުމުގެ މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވަރަށް ގިނަ ފަހަރުމަތިން ދަންނަވާފައިވާ ކަމަށާއި، އެހެންނަމަވެސް އެކަމަށް އަދި އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަންވެސް ކައުސިލުން ފާހަގަކުރިއެވެ. 
ނައީމް ވިދާޅުވީ އެ ރަށުގެ ބިން ހިއްކަންވެގެން ހަދާފައިވާ 74 ސޮފްހާގެ އީއައިއޭ ރިޕޯޓުގައި ރަށުގެ ތިމާވެއްޓާ ގުޅޭ ގިނަ ކަންކަން ފާހަގަކޮށްފައިވާ ކަމަށާއި،  އޭގެ ތެރޭގައި ރަށަށް އަންނަ ބަދަލުތައް ދެނެގަނެ ފިޔަވަޅު އަޅަން އެ ރިޕޯޓުގައި ލަފާދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އަދި ކުރިއަށް ނުދާކަންވެސް ނައީމް ފާހަގަކުރެއްވިއެވެ. 
 
މިމައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކައުސިލުން އިސްނަގައިގެން ވެލިބަސްތާތައް ޖަހާކަމަށާއި، އެހެންނަމަވެސް އެއީ ދެތިން ހަފްތާގެ ހައްލެއްކަމަށް ނައީމް ވިދާޅުވިއެވެ.  ދިއްދޫ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި އަންނަ އަހަރަށް ބަޖެޓް ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތުދިނެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ