އިސްލާމް ދީނާ ފުށުއަރާ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނަން: ގޭޓްވޭ ސްކޫލް

އިސްލާމީ ދީނާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހުޅުމާލޭގައި މި އަހަރު އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.
އެ ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތުގެ ގަނޑެއްގައި ކްރިސްޓިއަން ޗާޗުތަކެއްގެ ފޮޓޯ ހުރި މައްސަލައެއް ފެންމަތިވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ފޮތްތައް ނަގަން އަންގައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އިއްޔެ ވިދާޅުވީ ފޮތްތައް ނަގަން އެންގީ، އެ ފޮތްތައް ފާސް ނުކޮށް ދަރިވަރުންނަށް ބަހާފައިވާތީ ކަަމަށެވެ.
އެކަމާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ބަހަން ވާނީ ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފާސްކޮށްގެން ކަމަށް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް، ސްކޫލުގެ ކަރިކިއުލަމް ހުށަހެޅުމަށް މިދިޔަ ނޮވެމްބަރު މަހު އަންގާފައިވާ ކަމަށާއި މިނިސްޓްރީން ސްކޫލުގެ ރަޖިސްޓްރީ ހައްދައި ދިނީ ވެސް ކަރިކިއުލަމް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ގޭޓްވޭ ސްކޫލުގެ ކަރިކިއުލަމް މިނިސްޓްރީ އަށް ހުށަހެޅުމުން ފޮތްތަކާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި ލާލޭ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭނާ ހުންނެވި އިރު ވެސް ފޮތްތައް ފާސްކުރަން އެންއައިއީ އަށް ނުފޮނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެގްރިމެންޓުގައި ވެސް މި އައީ ކަރިކިއުލަމްގެ ވާހަކަ. ނޮވެމްބަރު މަހުގެ ތެރޭގައި އެ އެއްޗެހި ވާނީ ހުށަހަޅާފައި. ނަމަވެސް އިއްޔެ އެންއައިއީ އަށް ވާނީ ހުރިހާ ގްރޭޑެއްގެ ފޮތްބައި ފޮނުވާފައި. އޭރުން ކަށަވަރު ކުރެވޭނެ ނޫންތޯ އިތުރު ދިމާލެއްގައި މައްސަލައެއް ނޫޅޭކަން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށަން ހަމަޖައްސާފައިވާތީ، ސޯޝަލް ސްޓަޑީޒް މާއްދާގެ ފޮތްތައް ވަކިން ޗާޕުކޮށްގެން ރާއްޖެ ގެންނާނެ ވަގުތު ދެން ނެތް ކަމަށެވެ. އެހެންވެ، މައްސަލަ ޖެހުނު ގަނޑުތައް ފޮތުން އުނިކޮށް، އެ ފޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ދަރިވަރުންނަށް އެ ފޮތް އަނބުރާ ދޭނީ އިސްލާހުކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވެސް އަޅުގަނޑު ޔަގީންކޮށް ދޭ ކަމަކީ، ދަރިވަރުންނާ ހިސާބަކަށް އެ އެއްޗިއްސެއް ނުފޯރާނޭ އެއްވެސް ކަހަލަ ނުރަނގަޅު އަަސަރުތަކެއް ހުރި އެއްވެސް ގޮތަކަށް،" ރަޝީދު ވިދާޅުވި އެވެ.
ގޭޓްވޭ ސްކޫލުން ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވިރު އެވެ. ރަޝީދު ވިދާޅުވީ ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލައެއް އުޅޭ ކަމުގެ މައުލޫމާތު އެ ރޭ 7:00 ހާއިރު ލިބުމާ އެކު، އެ ފޮތް ބެހުން ހުއްޓާލި ކަމަށެވެ.
"އޭރު 28 ދަރިވަރަކަށް ފޮތް ބެހިފައި ހުންނާނީ. އެހެންވެ، ބެލެނިވެރިންނަށް އެންގިން ރަނގަޅު ފޮތް އަޅުގަނޑުމެން ހަވާލު ކުރާނަމޭ. ދެން އިއްޔެގެ ހަވީރުގެ ނިޔަލަށް ދަރިވަރުންގެ އަތުން ފޮތްތައް ނަގައިފިން،" އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ރާއްޖޭގައި އިންޓަނޭޝަނަލް ކަރިކިއުލަމްގެ ގޮތުގައި ބަލަނީ އިނގިރޭސިވިލާތުގެ ކަރިކިއުލަމް ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ ފޮތްތައް ގެންނަ އިރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލަ ދިމާވީ އެ ސްކޫލުން ވެސް ބަލަންޖެހޭ ވަރަށް ކަންތައްތައް ބެލިފައި ނެތުމުން ކަމަށާއި އެ ގޮތަށް ދިމާވީ އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަމަށް ބެލެނިވެރިންނާއި ރައްޔިތުންގެ ކިބައިން މާފަށް އެދެން. އިސްލާމީ ތާރީހާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ރަޝީދު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާ އިރު، ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަވެފައިވާ ކަމަށް ގޭޓްވޭ ސްކޫލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ