ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށްފަހު އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ނެރުނު ރިޕޯޓަކީ ވަކި ގޮތަކަށް ނިންމައި، ނެރެފައިވާ ރިޕޯޓެއް ނޫން ކަމަށް ހޯމް މިނިސްޓަރ އަދި ނޭޝަނަލް އިިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެންއައިސީގެ ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެފްބީއައިގެ ރިޕޯޓްގައި، ބަޑިބޭސް ބޭނުންކޮށްގެން ނުވަތަ އައިއީޑީއެއް ބޭނުންކޮށްގެން ގޮއްވާލުމެއް ގޮއްވާލާފައިވާ ކަމަށް އެފްބީއައިއިން އިންކާރު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާ ފިއުލް އެއާ އެކްސްޕްލޯޝަނަކަށް ނުވާނެއެކޭ ނުބުނެވޭނެ ކަމަށް އެފްބީއައިއިން ބުނެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"މިއީ ކެމިކަލެއް ބޭނުންކޮށްގެން ގޮއްވާލާފައިވާ ގޮއްވާލުމެއް. މިއީ ހުރިހާ ތަހުގީގެއްގައި ވެސް މިކަން އޮންނަ ގޮތް. ފޮރެންސިކް އެއްވެސް ބަޔަކު ނުބުނާނެ ކަނޑައެޅިގެން މިހެނެއް ނޫނެކޭ،" އުމަރު ވިދާޅުވިއެވެ.
ތަޙްގީގު ކުރަނީ ދިވެހި ފުލުހުން ކަމަށާއި އެފްބީއައި އާއި ހަވާލާދީ ވޯލްސްޓްރީޓްގައި ރިޕޯޓްކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުން ވަނީ ކުށުގެ ވެށި ބަލާފައި. އެފްބީއައި އިން ބުނާ ކަމަށް ވޯލް ސްޓްރީޓްގައި ޖަހާފައި. އެފްބީއައި އިންކާރެއް ނުކުރޭ ގޮއްވާލި ކަމަށް. ހަމައެކަނި ބުނެފައި އޮތީ ކާފީ ސައްހަ ހެކި، ޔަގީން ކަމަށް ބުނާ ވަރަށް ހެކި ލިބިފައެއް ނެތޭ. ހަމަ އެ ނޭވާގައި ފިއުލް އެއާ އެކްސްޕްލޯޝަނަކަށް ނުވާނެއެކޭ ނުބުނެވޭނޭ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސައުދީ ޓީމުން ބުނެފައި އޮތީ އާރުޑީއެކްސް ލެބޯޓްރީ ޓެސްޓްތަކުން ފެނިފައިވާ ކަމަށާއި މިކަމުގައި ލަންކާއިން ވެސް ބުނެފައިވަނީ އެގޮތަށް ކަމަށެވެ. އެހެންކަމުން އެއީ ކޯޓަށް ހުށަހެޅޭ ވަރުގެ ހެއްކެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"ދުނިޔޭގެ ހުރިހާ ތަޖުރިބާކާރުން ވެސް ގަބޫލުކުރާ އެކައްޗެއް އޮންނާނެ. ހައި އެކްސްޕްލޯސިވް އެއް ގޮއްވާލައިފިއްޔާ ބުރައިގެންދާ މާއްދާތައް ވަރަށް ފަސޭހައިން އަންދާލާނެ. އެހެންވީމަ، އާރުޑީއެކްސްއެއް ގޮއްވާލައިފިއްޔާ އެ އެއްޗެހި އަނދައިގެންދާނެ. ހަލާކުވެގެން ދާނެ،" އުމަރު ވިދާޅުވިއެވެ.
ސައުދީން ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލުން ވަނީ ހައި އެކްސްޕްލޯސިވް ސާމްޕަލް ފެނިފައި ކަމަށާއި މި ހާދިސާއަށްފަހު ހެކި ނައްތާލަން މަސައްކަތްކޮށްފައި ހުރިކަން ވެސް ގަބޫލުކުރާ ކަމަށް އުމަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެވި ފިނިފެންމާ ލޯންޗްގައި ދިިނީ ބޮމުގެ ހަމަލާއެއް ނޫންކަމާއި އެއީ އެކްސްޕްލޯސިވް ޑިވައިސްއެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެނިފައިނު ވާކަމަށް އެފްބީއައި އާއި ހަވާލާދީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ވަނީ ބުނެފައެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ އެފްބީއައި އިން ހާދިސާ ހިނގިތަނުން ހޯދުނު ކެމިކަލް އާއި އެތަނުން ފެނުނު ހެކިތައް ދިރާސާ ކޮށްފައިވާ ކަމަށެވެ.
"ލޯންޗްގައި ހިނގި ހާދިސާ އަކީ އައިއީޑީ އެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ބުނެވޭނެ އެއްވެސް ހެއްކެއް ނެތް" އެފްބީއައިގެ ތަރުޖަމާން ބުނެފައެވެ.
އެފްބީއައިގެ ރިޕޯޓަކީ ވަކި ގޮތަކަށް ނިންމާފައިވާ ރިޕޯޓެއް ނޫން ކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ