ނައިބު ރައީސް އަދީބާ ގުޅޭ ސީދާ ހެކި އެބަހުރި - އުމަރު

ރައިސުލްޖުމްހޫރިއްޔާ ނައިބު އަހުމަދު އަދީބު އަބްދުލްގަފޫރާ ގުޅޭ ސީދާ ހެކި ލިބިފައިވާ ކަމަށާއި އަދީބު ހައްޔަރުކޮށްފައިވަނީ ހެކީގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހްޤީޤުކުރުމަށް އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ފަރާތުން ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ "ރައިސް އަވަހާރަކޮށްލުމަށް" އެމަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާ އާއި ނައިބު ރައީސް އަދީބުއާ ގުޅޭ ސީދާ ހެކި ލިބިފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ މީހެއްގެ ފަހަތުނެއް ނޫން ކަމަށާއި ކުރިއަށް ދަނީ ހެކީގެ ފަހަތުން ކަމަށެވެ. އަދި މިހާތަނަށް ހެކިތައް ގެންގޮސްދިނީ ނައިބު ރައީސާ ހަމައަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަނީ މީހުންގެ ފަހަތަކުން ނޫން، އަޅުގަނޑުމެން ދަނީ ހެކިންގެ ފަހަތުން، އަޅުގަނޑުމެން ހެކީގެ ފަހަތުން ގޮސްގެން އަދީބާ ހިސާބަށް ދެވުނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ ރޭވިގެން ދެވުނު ހަމަލާއެއް ކަމުގެ ބައިވަރު ހެކި ލިބިފައިވާ ކަމަށެވެ.
"މިއީ ރާވައިގެން ދިން ހަމަލާއެއް ކަމުގެ ވަރަށް ބައިވަރު ހެކި އެބަހުރި. މިއީ ރާވައިގެން ދިން ހަމަލާ އެއް ކަމުގެ އެއްހެއްކަކީ ޓައިމިން. އޭގެ ކުރިން ނައިބު ރައީސްވެސް ދަތުރުކުރި. އެކަމު ރައީސް މާލެ ވަޑައިގެންނެވި ވަގުތު ރައީސް އިންނަވާ ގޮނޑި ކޮޅަށް ހަމަލާ ދިނުމުން މިއީ ރާވައިގެން ދިން ހަމަލާއެއް ކަން އެނގޭ،" އުމަރު ވިދާޅުވިއެވެ.
އެންއައިސީގެ ކޯ ޗެއާކަން ވެސް ކުރައްވާ އުމަރު ވިދާޅުވީ މިވަގުތު ނައިބު ރައީސްގެ އެއްވެސް ނުފޫޒެއް ރާއްޖޭގެ ސަލާމަތީ ބާރުތަކަކަށް ނޯންނާނެ ކަމަށާއި ތަހުގީގަށް ހައްޔަރުކޮށްފައިވާ ފަރާތަކުން ތަހުގީގަށް އެއްބާރުލުން ދެމުން ނުދާ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ނައިބު ރައީސްގެ އަތުން ބާރުތައް ނެގުމަކީ ތަހުގީގަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ