ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނިންމުމުން އެކަމާ ގުޅިގެން އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު ނޭޅުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅަމުން ޖޭއެސްސީގެ ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އާންމު މަދަނީ މައްސަލަތަކުގެ ތެރޭގައި ނުހިމެނޭ މައްސަލައަކަށް ވާތީ އެ މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
ޖޭއެސްސީގެ ވަކީލު ވިދާޅުވީ، އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ޖޭއެސްސީން ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެދިފައިވަނިކޮށް އެކަމަށް ރިއާޔަތް ނުކޮށް ނެރެފައިވާ އަމުރަކަށް ވާތީ އެ އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅައި ދިނުމަށް ޖޭއެސްސީން އެދޭ ކަމަށެވެ.
އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވީ ޖޭއެސްސީ އިން ދައްކާފައިވާ ވާހަކަތަކަކީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރިޒާ ވިދާޅުވީ އެމީހަކާ ދެކޮޅަށް އަޅާ އިދާރީ ފިޔަވަޅަކާ ގުޅިގެން ކޯޓަށް ދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ޖޭއެސްސީގެ ނިންމުންތައް ވެސް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.
ޖޭއެސްސީ އަކީ އަދުލު އިންސާފުގާއިމްކުރުމުގެ ބާރު ލިބިގެންވާ ތަނެއް ނޫން ކަމަށް ވާތީ ޖޭއެސްސީއަކީ އެންމެ ފަހުގެ ބަސް ބުނާތަނެއް ނޫން ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ އާ މެދު އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ ފެމެލީ ކޯޓަށް ބަދަލުކުރުން ކަމަށް ޖޭއެސްސީން އަބްދުﷲ ގާޒީގެ މައްސަލައިގައި ނެރުނު ރިޕޯޓުގައިވާ ކަމަށާއި ކުށެއް ސާބިތުނުވަނީސް އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ އެ މައްސަލަ ނިމުމުގެ ކުރިން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އަޅައިފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އަބްދުﷲ ގާޒީއަށް ލިބިދާނެތީ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
އިސްތިއުނާފު ކުރި ނުކުތާތައް ޖޭއެސްސީގެ ވަކީލު އިއްވުމުން އެ ނުކުތާތައް ތަފްސީލު ކޮށްދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ތަކުރާރުކޮށް ޖޭއެސްސީގެ ވަކީލާ ސުވާލުކޮށްފަ އެވެ.
ހައިކޯޓުގެ ބެންޗުން ސުވާލުކުރެއްވުމުން ޖޭއެސްސީގެ ވަކީލު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ ޖަވާބެއް ދެވޭނީ ކޮމިޝަންގެ މެންބަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ފަނޑިޔާރުން ކުރެއްވި އެއްވެސް ސުވާލަކަށް ޖޭއެސްސީގެ ވަކީލު ޖަވާބުދެއްވާފައެއް ނުވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑޜ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށާއި ދެން އޮންނާނީ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ޖޭއެސްސީ އިން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ