ބިން މިލްކު ކުރާ އިސްލާހަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނުޖެހޭކަމަށް ދިން ލަފާ ރަނގަޅު - މައުމޫން ހަމީދު

ބޮޑެތި އިންވެސްޓްމެންޓްތައް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ޤާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާން ނުޖެހޭ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުއްވީ ރަނގަޅަށް ކަމަށް ޤާނޫނީ ވަކީލު އަލްއުސްތާޒް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އިސްލާހާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާން ނުޖެހޭ ކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް ދެއްވި ލަފާފުޅު ރަނގަޅު ކަމަށެވެ.
އެ އިސްލާހާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ހުށަހެޅުއްވީ، ކުރީގެ ރައީސް އަދި މައުމޫން ހަމީދުގެ ބޮޑުބޭބޭފުޅު، މައުމޫން އަބްދުލްޤައްޔޫމެވެ.
ބަންޑާރަ ނާއިބު އަނިލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބިލް ތަސްދީގުކުރެއްވުމުގެ ކުރިން އާންމުންގެ ހިޔާލެއް ހޯދުމަށް ވޯޓަކަށް ދާންޖެހޭތޯ ބެލުމަށް އެމަނިކުފާނު ގާނޫނީ ލަފާ ހޯއްދެވި ކަމަށާއި ގާނޫނުއަސާސީގައިވާ ގޮތުން އެފަދަ ކަމަކަށް އާންމުންގެ ވޯޓަކަށް ދާން ނުޖެހޭ ކަމަށެވެ.
“ގާނޫނުއަސާސީގެ ދަށުން މި ބިލް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާންމުންގެ ހިޔާލު ހޯދަން އާންމުންގެ ވޯޓަކަށް ދާންޖެހޭނެތޯ ނުވަތަ ނޫންތޯ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ރައީސުލްޖުމްހޫރިއްޔާއަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ޖެހޭކަންކަން ކަނޑައަޅާފައިއޮތް ލިސްޓުގެ ތެރޭގައި ހިމެނޭ ކަމެއް މީގެ ތެރޭގައި ހިމެނިފައެއް ނެތް. މި އިސްލާހުގެ ތެރޭގައި ހިމެނިފައެއް ނެތް. އެގޮތުން އަޅުގަނޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ އަރުވާފައި މި އިސްލާހަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުނުވާ ކަމަށް ރައްޔިތުންގެ އާންމު ހިޔާލު ހޯދުމަށް ވޯޓަކަށް ދިއުމަށް،” އޭނާ ވިދާޅުވިއެވެ.
އެ ޤާނޫނީ ލަފާ ރަނގަޅު ކަމަށް މައުމޫން ހަމީދު އިއުތިރާފުވެލެއްވިޔަސް، މައުމޫން ހަމީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތަށް ބަލާއިރު އެއީ ޒިންމާދާރު ކުޑަ ޖަވާބެއް ކަމަށެވެ.
"ޤާނޫނު އަސާސީ ބުނާ ގޮތުން ބަންޑާރަ ނާއިބު ޖެހޭ މުޅި ދައުލަތް ރަމްޒު ކޮށްދޭން. ހަމައެކަނި ސަރުކާރެއް ނޫން، އެކަމަކު ދިވެހި އެންމެހާ ރައްޔިތުންވެސް. އެގޮތަށް ބަލާއިރު އަޅުގަނޑަށް ޤަބޫލު ކުރެވެނީ ބަންޑާރަ ނާއިބ ރައީސަށް ދެއްވި ލަފާފުޅުގައި، ރައްޔިތުންގެ އިހްސާސްތަކާ އެއްކޮޅަށް ވާހަކަ ދެއްކެވި ނަމަ ރަނގަޅުވީސްއޭ. އެއީ، ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތަކަށް އެކަންވެސް ވާތީ،" މައުމޫން ހަމީދު މިރޭ ފޭސްބުކްގައި ލިޔުއްވިއެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީގެ ދަށުން މަނާ ކަމެއް އެ ޤާނޫނަށް އިސްލާހު ހުށަހަޅައިގެން ހުއްދަ ކުރެވޭ އިރު، އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަކީ ޒިންމާދާރު މަޤާމުތަކުގައި ތިބި ބޭފުޅުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެގޮތަށް ބަލާއިރު އެންމެ ރަނގަޅު ޤާނޫނީ ލަފާއަކަށް ވާނީ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުން، ނުވަތަ މި އިސްލާހުގެ ކަންތައް އެއްކޮށް ހުއްޓާލުން،" މައުމޫން ހަމީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބަންޑާރަ ނާއިބުގެ މަޤާމެއް އޮތުމުގެ ފަހަތުގައި ވަނީ އެއްވެސް ޖެހިލުމެއް ނެތި، ނުވަތަ ވަކި ފަރާތަކަށް ނުޖެހި ހައްޤު ބަސް ބުނުމަށް ކަމަށެވެ.
ބޮޑެތި އިންވެސްޓްމެންޓް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކޮށްދިނުމާއި ބެހޭ އިސްލާހެއް މަޖިލީހަށް ހުށަހެޅުމުން އެކަމާ މެދު ގިނަ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެ ޚިޔާލު ފާޅުކުރިއެވެ.
މި އިސްލާހު ތަސްދީޤްކޮށް، އެކަމަށް އަމަލު ކުރެވެން ފެށުމުންވެސް، ބޭރުގެ ފަރާތްތަކުގެ ނުފޫޒު ރާއްޖޭގެ މިނިވަންކަމަށް ނާންނާނެ ކަމަށާއި، އަދި ރާއްޖޭގައި އޮތް އިސްލާމްދީނަށްވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވިއެވެ.
އަދި، ބޭރު ފަރާތްތަކެކޭ އެއްފަދައިން ރާއްޖޭގެ ބިން ދިވެހިންނަށް ވެސް ގަނެ، ބިން މިލްކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް މިއަދު ވިދާާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ