ގެޓްސެޓަށް މައުމޫން ހަމީދު ޝޯޓްލިސްޓް ވި އިރު، ލޯނަށް އެދިވަޑައިގެންފައެއް ނުވެ

މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްއިން ފަށާފައިވާ ޒުވާން ވިޔަފާރިވެރިޔާ ޕްރޮގްރާމް “ގެޓް ސެޓް” ޕްރޮގްރާމަށް އެދިވަޑައިގެން ފޯމު ހުށަހަޅުއްވާފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް ލޯނަށް ޝޯޓްލިސްޓު ވެފައިވާ ކަމުގެ މެއިލް ލިބުނު ކަމަށް ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގެޓްސެޓްގެ ޓެކްނިކަލް ކޮމިޓީ އިން މައުމޫން ހަމީދުގެ ޕްރޮޕޯސަލް ބެލުމަށް ފަހު، ޝޯޓް ލިސްޓު ކުރި ހަބަރު އީމެއިލަކުން ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށާއި، އެހެން ނަމަވެސް ހިތާމައަކީ އެފަދަ ޕްރޮޕޯސަލް އެއް ހުށަހަޅާފައި ނުވުން ކަމަށެވެ،
މައުމޫން ހަމީދު ލޯނަށް އެދި ހުށަހަޅުއްވާފައި ނުވަނީސް ލޯނަށް ޝޯޓްލިސްޓް ވިގޮތް ވަނީ ސާފު ނުވެފައެވެ. ބޮޑަށް ލަފާކުރެވެނީ މިއީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށެވެ.
ގެޓްސެޓް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މެނިފެސްޓޯގައި ހިމެނޭ ވިޔަފާރިވެރި ޒުވާނާގެ ވައުދުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ޒުވާނުން ވިޔަފާރި ފެށުމަށްޓަކައި 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
“ގެޓްސެޓް” ޕްރޮގްރާމްގައި ބައިވެރިވުމަށް 570 އަށް ވުރެ ގިނަ ފޯމް ހުށައެޅި ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޝޯޓް ލިސްޓް ކުރެވުނީ 60 ފަރާތެކެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ