ގޮޑި ގެއްލުމާއި ގުޅޭގޮތުން އިތުރަށް ނިންމަންޖެހޭކަމެއް ނެތް: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ބަންޑާރަނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މަޖިލީހުގެ ގިނަ މެންބަރުންތަކަކާއިއެކު މިހާރު މާފަންނު ކުނޫޒްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގޮތް ވަރަށް ސާފުކޮށް ގާނޫން އަސާސީގައި ކަނޑައަޅާފައިވާކަމަށާ އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމަންޖެހޭކަމެއް ނެތްކަމަށެވެ.
އަދި ގާނޫން އަސާސީގައި މިހާ ސާފުކޮށް ބަޔާންކޮށްފައިވާ މައްސަލައެއް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށައަޅަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށާ މި މައްސަލައާއި ގުޅިގެން އިންސާފުވެރި ނިންމުމެއް ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމް ވަނީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ގާސިމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދަންޖެހޭގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާ އެހެންކަމުން އެއާއި އެއްގޮތަކަށް އަމަލުކުރަންޖެހޭކަމަށެވެ.
އަދި އެ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ މަޖިލީހުގެ އަމީން އާންމުކަމަށާ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒު އަހުމަދު މުހައްމަދާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ