މިޔަންމާގެ މުސްލިމުންނާ މެދު ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭނެ: މައުމޫން

މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ރަހުމް ކުޑަ ލާއިންސާނީ އަމަލުތައް ބައިނަލްއަގްވާމީ މުޖުތަމައުން ހުއްޓުވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އެކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މިޔަންމާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނައެޅުމާ ގުޅިގެން މިފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ރޮހިންޔާ މުސްލިމުންގެ 40،000 އާ ގާތްކުރާ އަދަދެއްގެ މީހުން ބަންގްލަދޭޝްއަށް އެތެރެވެފައިވާ ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުން ހިންގާ ލާއިންސާނީ އަމަލުތަށް ކުށްވެރިކުރައްވާ ރައީސް މައުމޫނު ޓްވީޓު ކުރައްވާފައިވާއިރު ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިޔަންމާގައި ހިންގާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިޔަންމާގެ ޑިމޮކްރެޓިކް ލީޑަރު އަދި ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ އަންގް ސަން ސޫކީ އަށް އަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިޔަންމާގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދެއްވުމަކީ އަންގް ސަން ސޫކީ ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.
މިޔަންމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ރާއްޖެއިން ރޭގެ ވަގުތެއްގައި ވަނީ މިޔަންމާއާ އެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް މިޔަންމާއާ އެކު އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލާފައި ނުވާތީ ގިނަ ބަޔަކު ގެންދަނީ ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ