މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް އަންގައިފި

މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީސްމީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަކުރާރުކޮށް ހުށަހެޅެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ޕުލުހުންގެ ވެބްސައިޓަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަ އަބްދުﷲ ޝަތީހް ވިދާޅުވީ މިހާރަކަށް އައިސް އެކި ނަމްބަރުތަކުން މީހުންނަށް ގުޅައި، ވިޔަފާރިއެއްގެ މަންފާ އޮތްކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާ ހޯދަމުންދާ މައްސަލަތަކެއް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.
ޝަތީހު ވިދާޅުވީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީސްމީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަކުރާރުކޮށް ހުށަހެޅެމުން ދާތީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ހަ މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގިނައިން ހުށަހެޅިފައި ވަނީ ތަފާތު އެކި ނަންބަރު ތަކުން ގުޅައި އެމީހުންނަކީ ރާއްޖެ އާއި ބެހޭ ގޮތުން ޑޮކިއުމެންޓްރީއެއް ހަދަން އުޅޭ ބޭރުގެ ބަޔަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށް ބުނެ އެމީހުންގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ހިދުމަތް ފޯރުކޮށްދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނަމަ ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަ ކަމަށެވެ.
ޝަތީހް ވިދާޅުވީ ފޯނުން ކުރާ މުއާމަލާތްތަކުގައި އެމީހުން އާންމުކޮށް އެދޭކަންތަކުގެ ތެރޭގައި އެމީހުން ފޯނުކުރާ މީހާ އަތުން ފައިސާ އަތުލުމަށްފަހު އެމީހުންނަށް ކެމަރާ ލެންސެއް އޮތް ޕާރުސަލެއް ކަމެއް ބުނެ ޕާރުސަލެއް ދޭ ކަމަށާއި އަދި އެޕާރުސަލު ވަކި މީހަކަށް ހަވާލުކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް ޕާރުސަލް ކަނޑާ ބަލާއިރު އޮންނަނީ އޭގައި ހުންނަނީ ގަލާއި ވެލި ކަހަލަ އެއްޗެހި ކަމަށް ވެސް ޝަތީހް ވިދާޅުވި އެވެ.
އަދި އެމީހުންނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންދާ ބަޔެއް ކަމަށް ބުނެ އެމީހުން ފޯނުކުރުމަށް ރީޗާޖްކޮށްދިނުމަށް އެދޭ ކަމަށާއި ފައިސާ ހަރަދުކުރަން އެދެނީ އެ ފައިސާއަށްވާ ޑޮލަރު އެމީހުންނަށް ފަހުން ލިބޭނެ ކަމަށް ދައްކައިގެންކަން ފާހަގަކުރެވޭ ކަމަށްވެސް ޝަތީހު ވިދާލުވެފައި ވެވެ.
އެފަދަ ފޯން ކޯލްތަކަށް ރައްޔިތުން ސަމާލުވެ އަކަހަލަ ކަމަކަށް ޝައްކުރެކުވޭ މުއާމަލާތެއް ހިނގާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށާއި ގޮތް ނޭނގޭ އެއްވެސް ފަރާތަކުން ފޯނުން ގުޅައިގެން ފައިސާގެ މުއާމަލާތެއް ހިންގަން އެދޭނަމަ އެފަދަ ގޮތަކަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުހިންގުމަށާއި އެފަދަ މުއާމަލާތެއްގައި އެއްވެސް ގޮތަކުން ބައިވެރިނުވުމަށް ފުލުހުންގެ ފަރާތުން އިލްތިމާސްކުރާ ކަމަށް ޝަތީހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ